14 May 2012, 16:46
އެމްޑީޕީ އިން ސިޔާސީ ހަރަކާތް ހިންގުމަށް ދޫކޮށްފައިވާ "އުސްފަސްގަނޑު" ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ވަޒީރުގެ މަޖިލީހުން ނިންމާފައިވީ ނަމަވެސް އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މިއަދުގެ ނިޔަލަށް އުސްފަސްގަނޑު ހުސްކުރުމަށް ސިޓީ ކައުންސިލަށް ހައުސިން މިނިސްޓްރީ އިން އަންގާފައިވާ އިރު އެ ކައުންސިލުން މިއަދު ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އުސްފަސްގަނޑު "ހަވާލުކުރެވެން ނެތް" ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް މިއަދު އެ ކައުންސިލުން ފޮނުވާފައިވާ ސިޓީގައި، ބުނެފައި ވަނީ ސިޓީ ކައުސިންލާ ހަވާލުކޮށްފައިވާ 32 ބިމުގެ ތެރެއިން "އުސް ފަސްގަނޑު" ސަރަހައްދު ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެ އުސްފަސްގަނޑު ހުސްކުރުމަށް އެނގުމަކީ ގާނޫނާ އެއްގޮތަށް ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.
އަދި މާލޭގެ ފަތާ ފެންގަނޑު ސަރަހައްދު، އުސްފަސްގަނޑު ވެސް ހިމޭނޭ ގޮތަށް ތަރައްގީ ކުރުމަށް ހަމަޖައްސައި އެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް އުސްފަސްގަނޑު ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.
"އުސް ފަސްގަނޑު ތިޔަ މިނިސްޓްރީއާ ހަވާލުކުރެވެން ނެތް ވާހަކަ ދެނެންވީމެވެ. އަދި އުސް ފަސްގަނޑު ތަރައްގީގެ މަސައްކަތްތައް ވެސް މި ކައުންސިލުން ރާވާފައިވާ ގޮތުގެ މަތީން ކުރިއަށްދާނެ ވާހަކަ ވެސް ދެންނެވީމެވެ،"
އަދި ބިންތައް ހަވާލުކުރުމަށް ފަހު އެ ތަންތަން އަތުލުމަކީ ހައުސިން މިނިސްޓްރީން ގެންގުޅޭ ގަވާއިދުތަކެއް ކަމަށް ވާތީ އެ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
މީގެ އިތުރުން "އުސް ފަސްގަނޑު" ހައުސިން މިނިސްޓްރީ އަށް ހަވާލު ނުކުރުމަށް ނިންމުމަށް ފަހު ސިޓީ ކައުސިލުން ވަނީ އުސްފަސްފަނޑު ހުސްކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ ކިބައިން އެދިފައި އޮތަސް، އެކަން ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ ފުލުހުންނާއި ސިފައިންގެ ކިބައިން އެދިފަ އެވެ.
މޯލްޑިވްސް ޕޮލިސް ސާވީސް އާށާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ވަކި ވަކީން، މާލޭ ސިޓީ ކައުންސިލުން މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އުސް ފަސްގަނޑު ހުސް ކުރުމަށް ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީ އިން އުސްފަސްގަނޑު ހަވާލުކުރުމަށް އެ ކައުންސިލަށް އަންގާފައި ވަނީ "ގާނޫނާ ހިލާފަށް" ކަމަށާއި މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންތައް ކައުންސިލުގެ ގާނޫނާ ހިލާފަށް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން އަމަލުކުރާ ގަވާއިދަކީ ގާނޫނާ ފުށުއަރާ ގާވާއިދުތަކެއް ކަމަށާއި ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންތައް ނެގުމާ ގުޅޭ ގޮތުން ޝަރުއީ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ. އެހެން ކަމުން ޝަރުއީ ހުކުމަކާ ނުލައި ވަކި ގޮތަކަށް އަމަލުނުކުރުމަށް ފުލުހުންނާއި ސިފައިންގެ ކިބައިން ކިބައިން ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
ފަތާ ފެންގަޑަކާ އެކު އެ ސަރަހައްދު ތަރައްގީ ކުރަން މަސައްކަތް ކުރާ ކަމަށް ބުންޏަސް، ސިޓީ ކައުންސިލުން އެ ބިން ބޭނުން ކުރަމުން އަންނަނީ އެމްޑީޕީގެ އެއްވުންތައް ބޭއްވުމަށެވެ.