މިހާރު އިސްރާއީލުން ދެމުންދާ ހަމަލާތަކާ އެކު، ސޯޝަލް މީޑިއާގެ އެންމެ ވަރުގަދަ އެއް ތަރި ކައިލީ ޖެނާ އެގައުމަށް ސަޕޯޓުކުރުމާ ގުޅިގެން އޭނާއަށް ތާއިދު ކުރާ އެތައް ފޭނުން ގެއްލިއްޖެއެވެ.

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅޭގޮތުން ހޮލީވުޑްގެ އެތައް ތަރީންނެއް އަންނަނީ އެމީހުން ތިބި ފަޅިއެއް ހާމަކުރަމުންނެވެ. އެތައް ތަރީންނެއް އަންނަނީ އިސްރާއީލަށް ސަޕޯޓު އޮތް ކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ކާޑޭޝިއަން – ޖެނާ އާއިލާއަށް ނިސްބަތްވާ ކައިލީ އަކީ ސޯޝަލް މީޑިއާގައި އެންމެ ނުފޫޒު ގަދަ އެއް ތަރިއެވެ. އެގޮތުން ޖުމްލަ 400 މިލިއަން ފޮލޮވަރުން އޮތް ކައިލީ އަކީ އިންސްޓަގްރާމްގައި ވެސް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ އެކަކެވެ.

ނަމަވެސް ދާދިފަހުން އޭނާ ސްޓޯރީއަށް ލީ ޕޯސްޓަކާއެކު އެތައް ފޮލޮވަރެއް ވަނީ ގެއްލިފައެވެ. ކައިލީ މީގެ ދެ ދުވަސް ކުރީން އިންސްޓަގްރާމް ސްޓޯރީއަކަށް ލާފައިވަނީ އޭނާގެ ސަޕޯޓު އިސްރާއީލަށް އޮތް ކަން ސިފަކޮށްދޭ ޕޯސްޓެކެވެ. މިއާއެކު އެތައް ބައެއްގެ ފާޑު ކިޔުން ކައިލީއަށް ރައްދުވިއެވެ.

މާ ގިނަ އިރުތަކެއް ނުވެ ކައިލީ އޭނާގެ ޕޯސްޓު ޑިލީޓު ކޮށްލިއެވެ. ނަމަވެސް އޭރު އޮތީ މި ވާހަކަ މުޅި ސޯޝަލް މީޑިއާއަށް ފެތުރިފައެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އޭނާ އަންފޮލޯ ކުރަން ފެށިއެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ކައިލީއަށް ވަނީ އެއް ގަޑިއިރުގެ ތެރޭގައި 200،000އަށް ވުރެ ގިނަ ފޮލޮވަރުން ގެއްލިފައެވެ. އަދި މިހާރު އޭނާގެ ފޮލޮވަރުންގެ ލިސްޓުން މިލިއަނެއްހާ ފޮލޮވަރުން ވަނީ މަދުވެފައެވެ. އަދި މިހާރުވެސް އޭނާގެ ފޮލޮވަރުންގެ ލިސްޓުން އަންނަނީ ފޭނުން މަދުވަމުންނެވެ.

ކައިލީގެ އިތުރުން ހޮލީވުޑްގެ ގިނަ އަދަދެއްގެ ފާހަގަކޮށްލެވޭ ތަރީންތަކެއް އަންނަނީ އިސްރާއިލަށް ސަޕޯޓު ދައްކަމުންނެވެ. އަދި މި ތަރީންނަށް ވެސް އަންނަނީ އާންމުންގެ ފަރާތުން އެތައް ފާޑުކިޔުމެއް ރައްދުވަމުންނެވެ.