11 Oct 2023, 09:30
ތަފާތު އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ކިޔައިދޭ އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ކޮމެޑީ ފިލްމު ނެރުމަށް ތައްޔާރުވެއްޖެ އެވެ.
އިއްލެ އަކީ ދިވެހި ފިލްމު އިންޑަސްޓްރީ އަށް އާ ޑައިރެކްޓަކަށް ވެފައި މީގެ ކުރީން ނެރުނު ފިލްމަކީ އިޖުތިމާއީ ބައެއް މައްސަލަތަކަށް އަލިއަޅުވާލާ ފިލްމެވެ. އެގޮތުން އިއްލެގެ ދެ ފިލްމު މީގެ ކުރީން ނެރެފައިވާއިރު ދެ ފިލްމަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
އިއްލެގެ އެންމެ ފަހުގެ ފިލްމު "ނީނާ"ގެ ޝޯތައް ވަނީ ދާދިފަހުން އޮލިމްޕަހުގައި ދައްކާފައެވެ.
މިފަހަރު އިއްލެ ލިޔެ ޑައިރެކްޓު ކުރަނީ ތަފާތު އޭނާއަށް ތަފާތު އުފެއްދުމެކެވެ. މިއީ އިއްލެ ލިޔެ އަދި ޑައިރެކްޓް ކުރާ ފުރަތަމަ ކޮމެޑީ ފިލްމެވެ. "ކަޒްމިކް އިންޓަނޭޝަނަލް" ޕްރޮޑަކްޝަން މެދުވެރިކޮށް އުފައްދާ ކޮމެޑީ ފިލްމަކީ "ފްރީ ޑެލިވަރީ" އެވެ.
ފިލްމުގެ އޮފިޝަލް ޕޯސްޓަރާއި ފިލްމުގެ މެއިން ޓްރެއިލާ ވަނީ ދާދިފަހު ރިލީޒްކޮށްފައެވެ. ފިލްމުގެ ޓްރެއިލަރުން އެނގިގެން ދާ ގޮތުގައި ފިލްމުގެ މައިގަނޑު ހާދިސާ ހިނގަނީ އެއް ރެއެއްގައެވެ. ޑެލިވަރީ ސާވިސްގެ ތެރެއިން ދިމާވާ އެކި ކަހަލަ ކަންތައްތައް މި ޓްރެއިލަރުން ފެނިގެން ދެއެވެ.
ޑެލިވަރީގެ ތެރޭގައި ބަޔަކު ފަހަތުން އުޅުމާއި ކިޑްނެޕް ކުރާ މަންޒަރުތައް ވެސް މި ޓްރެއިލަަރުން ފެނިގެންދެއެވެ. އެގޮތުން ފިލްމުގެ ލީޑު ކާސްޓުން ކަމަށްވާ އައިޝާ އަލީ އާއި ރައުފަތު ސޯދިގުގެ އިތުރުން ތާތި އާދަމް މި ޓްރެއިލަރުން ފެނިގެން ދެއެވެ.
މި ފިލްމުގެ ކާސްޓު ބޮޑު އިރު އިތުރު ރޯލުތަކުން ފެނިގެންދާނީ އަހްމަދު ޝާރިފާއި ވާޝިޔާ މުހައްމަދުގެ އިތުރުން ހާފިޒް މުހައްމަދާއި ފާޒިލް ފަޔާޒް އާއި ފާތިމަތު ލަތީފާ އަދި މަރިޔަމް ވަހީދާއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އާސިމް އަލީ އާއި އާމިރު އަލީ އަދި އިއްލެ އެވެ. އޮލިމްޕަހުގައި ފިލްމު އަޅުވާއިރު ފިލްމު ދައްކަން ފަށާނީ އަންނަ މަހުގެ ހަތަރަކުން ފެށިގެންނެވެ.