11 Oct 2023, 09:27
އާންމުންގެ ތެރޭގައި، ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ވަރުގަދަ މިއުޒިކް ބޭންޑް "ސްކައިރޮކް"ގެ އާ ސިންގަލް "ރޭވަ" ރިލީޒްކޮށްފިއެވެ.
ސްކައިރޮކްގެ އޮރިޖިނަލް ސިންގަލް, މިއުޒިކް ވީޑިއޯއާއެކު އިއްޔެ ރިލީޒްކުރިއިރު މިހާރު ބޮޑެތި ހުރިހާ ސްޓްރީމިން ސާވިސްތަކުން އަޑުއަހާލެވޭނެއެވެ.
ރޮކް މިއުޒިކް އިންސްޕިރޭޝަން ހުރި ރޭވަ އަކީ ދިވެހި ރަހަތައް ވެސް ފުރިހަމައަށް ހުރި، އަޑުއަހާލަން ވަރަށް ވެސް ސަޅި ލަވައެކެވެ.
މިއީ ބޭންޑުގެ ޑެބިއޫ އަލްބަމްގެ ދެވަނަ ސިންގަލް އެވެ. އެގޮތުން އަލްބަމްގެ ފުރަތަމަ ސިންގަލް ރިލީޒްކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. ފުރަތަމަ ސިންގަލް "ހޭވައްލާ ތައްޔާރު" މި ލަވައަކީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރިލީޒްކުރި ލަވައެކެވެ.

"ސްކައިރޮކް" ބޭންޑްގެ އާ ސިންގަލް "ރޭވަ"ވަނީ ރިލީޒްކޮށްފަ --
އަލަށް ނެރުނު ސިންގަލް ރޭވަ ލިޔެފައިވަނީ އަބްދުﷲ އީސާފުޅު (އީސަ) އަދި ބޭންޑް މެމްބަރު އަބްދުﷲ ފަރުހާން (ފައްފު) އެވެ. އަންހެން ލީޑް ވޯކަލިސްޓަކާއެކު ވައިގައި ހިފަމުންދާ މި ބޭންޑުގެ އާ ސިންގަލްގެ ވޯކަލްސްގައި ހިމެނެނީ މެމްބަރުން އިންޝާ އަހުމަދު (އިންޝާ) އާއި ފައްފު އެވެ.
ބޭންޑުގެ ބެކިން ވޯކަލްސްގައި ހުސެން ހިމެނޭއިރު ބޭސް އާއި ޑްރަމްސްގައި ހިމެނެނީ އިނާން އާއި ފައިޒާން އެވެ. އަދި ބޭންޑުގެ ލީޑު ގިޓާރިސްޓަކީ ޒަޔާނެވެ.
ރިސޯޓުތަކުގައި ތަފާތު ގިނަ ޕަފޯމެންސް ދެމުން އަންނަ މި ބޭންޑުގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު މި ބޭންޑު އުފެދިފައިވަނީ 2017 ވަނަ އަހަރުގައެވެ. ސްކައިރޮކް އުފެދިގެން އައި އިރު ބޭންޑުގެ ލީޑް ވޯކަލްގައި ފުރަތަމަ ހިމެނުނީ މަގުބޫލު ލަވަކިޔުންތެރިޔާ މީރާ މާޖިދެވެ. ނަމަވެސް ފަހުން ލީޑް ވޯކަލިސްޓުގެ ގޮތުގައި މަސައްކަތް ކުރަން ފެށީ އިންޝާ އެވެ.