10 Oct 2023, 22:06
ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލްއަށް ލިބުނު އަނިޔާއަކާ ގުޅިގެން ޔޫރޯ 2024ގެ ކޮލިފައިންގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްޕެއިންގެ ސްކޮޑުން ވަކިވެއްޖެއެވެ.
އުމުރުން 16 އަހަރުގެ ޔަމާލްއަށް އަނިޔާވެފައިވަނީ ސްޕެނިޝް ލަލީގާގައި ބާސާ އިން ގްރަނޭޑާ އަތުން 2-2ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ. ސްޕެއިން ގައުމީ ޓީމުގެ ކޭމްޕާ ގުޅުމަށް ފަހު އޭނާ ވަނީ މަސްގަނޑަށް ލިބުނު އަނިޔާ ބެލުމަށް ސްކޭނުތަކެއް ހަދައިފައެވެ.
ސްޕެއިން ގައުމީ ޓީމުގެ މެޑިކަލް ޓީމުން ސްކޭންތަކުގެ ނަތީޖާތަކަށް ބެލުމަށްފަހު ނިންމާފައިވަނީ ކުރިއަށްއޮތް ދެ މެޗުގައި ޔަމާލް ކުޅުން ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން އޭނާއަށް ވަނީ ސްޕެއިން ކޭމްޕް ދޫކޮށް ދާން ޖެހިފައެވެ.
"މެޑިކަލް ޓީމުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ޔަމާލް ވަނީ ކޭމްޕާ ވަކިިވެފައި. ޔޫރޯ ކޮލިފައިންގައި ސްކޮޓްލެންޑް އަދި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުފެންނާނެ،" ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބާސާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޔަމާލްގެ އިތުރުން ފްރެންކީ ޑި ޔޮންގް، ރޮބާޓް ލެވަންޑޯސްކީ، ޕެޑްރީ، ޖޫލްސް ކޫންޑޭ އަދި ރަފީނިއާ ވެސް ހުރީ އަނިޔާގައެވެ. ޔަމާލަށް ލިބުނު އަނިޔާއިން ފިޓުވުމަަށް ދިހަ ދުވަސް ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބާސާއަށް އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މިމަހުގެ 28 ވަނަ ދުވަހު އެޓީމަށް މުހިންމު މެޗެއް އެބައޮތެވެ. އެއީ މިސީޒަންގައި ކުޅޭ އެލް ކްލެސިކޯގެ ފުރަތަމަ މެޗެވެ. އެ މެޗުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަ އިރު، ބާސާގެ މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުމަކީ ކޯޗު ޒަވީއަށް ލިބޭނެ މާޔޫސްކަމެކެވެ.