10 Oct 2023, 21:58
އޭލެވެލް އުވާލައި، އޭގެ ބަދަލުގައި "ހުޅަނގު ދުނިޔޭގައި އެންމެ ރަނގަޅު ތައުލީމީ ނިޒާމު" އުފެއްދުމުގެ މަގުސަދުގައި އެޑްވާންސްޑް ބްރިޓިޝް ސްޓޭންޑަޑް (އޭބީއެސް)ގެ ނަމުގައި އާ ކޮލިފިކޭޝަނެއް އުފައްދަން ރާވާފައިވާކަން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް އިއުލާން ކުރައްވައިފިއެވެ.
މެންޗެސްޓާގައި ބޭއްވި ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި ބޮޑުވަޒީރު ވިދާޅުވީ އޭ ލެވެލްއާއި ޓެކްނިކަލް ޓީ ލެވެލް އެއްކޮށް އާ އޭބީއެސްއަށް އެއްކޮށްލައިގެން އެކަޑަމިކް އަދި ޓެކްނިކަލް މާއްދާތަކުގެ މެދުގައި "ޕެރިޓީ އޮފް އެސްޓީމް" އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.
ދަރިވަރުން އާ އޭބީއެސް ކޮލިފިކޭޝަންގެ ދަށުން ތިން މާއްދާގެ ބަދަލުގައި ފަސް މާއްދާ ކިޔަވަން ޖެހޭނެއެވެ.
"އަޅުގަނޑުމެންގެ އިގްތިސާދީ ވާދަވެރިން ކިޔަވާ ހަތް މާއްދާއާ އަޅާބަލާއިރު އޭ ލެވެލް ދަރިވަރުން އާންމުކޮށް ކިޔަނީ އެންމެ ތިން މާއްދާއެއް،" ސުނާކް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ 16 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިން ކްލާހުގައި ހޭދަކުރާ ވަގުތު އަޅުގަނޑުމެންގެ ބައެއް ވާދަވެރިންނަށްވުރެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މަދު،"
ބޮޑުވަޒީރު ވިދާޅުވީ، އޭލެވެލް އުވާލައި، އޭބީއެސްގެ ނަމުގައި އާ ކޮލިފިކޭޝަން އުފެއްދުމާ އެކު އެ ގޮންޖެހުންތައް ހައްލު ކުރެވޭނެ ކަމަށް ގަބޫލުކުރައްވައި ކަމަށެވެ. އަދި އެ ކޮލިފިކޭޝަން މެދުވެރިކޮށް ސްކޫލްގެ ހުރިހާ ދަރިވަރުން އުމުރުން 18 އަހަރާ ހަމައަށް ހިސާބު މާއްދާއާއި އިނގިރޭސި ކިޔަވާނެ ކަމަށާއި މިހާރަށް ވުރެ ތިންބައިކުޅަ އެއްބައި ގިނަ ވަގުތު ކްލާހުގައި ހޭދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފިޔަވަޅާ އެކު ޔުނިވާސިޓީތަކުން އަންޑަގްރެޖުއޭޓް ދަރިވަރުން ހޯދައި ކިޔަވައިދޭ ގޮތަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.
މީގެ އިތުރުން، ޓީޗަރުންގެ އަދަދު މަދުވުމުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި ސުނަކް ވިދާޅުވީ، ދަރިވަރުން އިތުރު މާއްދާތަކާއި އިތުރު ގަޑިތައް ކިޔަވަން ބޭނުންވާ ކަމަށެވެ.
މުހިއްމު މާއްދާތަކުގެ ޓީޗަރުންނަށް އިތުރު މީހުން "ޝައުގުވެރިކޮށް ހިފެހެއްޓުމަށް" ކެރިއަރުގެ ފުރަތަމަ ފަސް އަހަރު ޓެކްސް ނުދައްކައި 30،000 ޕައުންޑާ ހަމައަށް ހާއްސަ ބޯނަސްތަކެއް ލިބޭނެއެވެ.
"އަޅުގަނޑުމެންގެ ޓީޗަރުން ކުރަނީ އެންމެ އަގުހުރި އެއް މަސައްކަތް... އަދި އެކަމަށް އިނާމު ދޭންވީ،" ސުނަކް ވިދާޅުވިއެވެ.
އެކަމަކު، ބޮޑުވަޒީރު ސުނަކްގެ ބަދަލުތަކަށް ފާޑުކިޔުންތައް އަމާޒުވީ އަވަސްކޮށެވެ. ސްކޫލްތަކުގެ މާހިރު ސޭމް ފްރީޑްމަން ވިދާޅުވީ ސުނަކް ކުރައްވަން އުޅުއްވަނީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. އެއީ ދިގު މުއްދަތުގެ އިސްލާހީ މަޝްރޫއެއް ކަމަށާއި، ގެނައުމަށް މަދުވެގެން 10 އަހަރު ނަގާފާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ސްކޫލް ލީޑަރުންގެ ޔޫނިއަން އެންއޭއެޗްޓީގެ ޖެނެރަލް ސެކްރެޓަރީ ޕޯލް ވައިޓްމަން ވެސް ވިދާޅުވީ އެ ކަމުން ދައްކައިދެނީ ސަރުކާރަކީ ނިޒާމުގައި ހުރި ވަގުތީ މައްސަލަތަކަށް އަހުލުވެރި ބައެއް ނޫންކަން ކަމަށެވެ.
"ސަރުކާރުން ފޯކަސް ކުރަން ޖެހޭނީ އެކަންކަން ރަނގަޅު ކުރުމަށް، އިމްތިހާނާއި ކޮލިފިކޭޝަންތަކަށް އިތުރު ބުރައެއް ގެންނަން އިއުލާންނުކޮށް،" ޔޫނިއަންގެ ވެރިޔާ ވިދާޅުވިއެވެ.
ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި އާންމު އިންތިޚާބެއް ބޭއްވޭނެ ކަމަށް ބެލެވޭއިރު، މި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެޑްވާންސްޑް ބްރިޓިޝް ސްޓޭންޑަޑް ތައާރަފު ކުރުން ވާނީ ވަރަށް ދަތި ކަމަކަށެވެ.
އިނގިރޭސި ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން އިއުލާނު ކޮށްފައިވަނީ ޔުނިވާސިޓީތަކުން "ދިރިއުޅުމުގެ ފުރުސަތުތަކަށް އެއްވެސް ކަމެއް ނުކުރާ" ކޯސްތަކުގައި ދަރިވަރުން ނަންނޯޓް ކުރުން ހުއްޓުވުމަށް ވެސް ވައުދުވެވަޑައިގެންނެވި ދަނޑިވަޅެއްގައެވެ.
ޕާޓީގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ސުނާކް ކުރިން ވިދާޅުވެފައިވަނީ ލޭބާ ޕާޓީން 50 ޕަސެންޓް ކުދިން ޔުނިވާސިޓީއަށް ދިއުމުގެ "ދޮގު ހުވަފެން ކުރިއަށް ގެންގޮސްފައި" ކަމަށެވެ. ކާމިޔާބަށް އޮތް ހަމައެކަނި މަގަކީ ޔުނިވާސިޓީގެ މަގު ކަމަށް ހީކުރުމަކީ މިދިޔަ 30 އަހަރުގެ ތެރޭގައި ހެދުނު އެންމެ ބޮޑު އެއް ގޯސް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ކަމުގެ ސަބަބުން އެތައް ހާސް ޒުވާނުންނެއް ވަޒީފާގެ ފުރުސަތު ނުވަތަ އާމްދަނީ އިތުރުކުރުމަށް އެއްވެސް ކަމެއް ނުކުރާ ޑިގްރީތަކުން ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ، ޔުނިވާސިޓީތަކުން ދަރިވަރުންނަށް ވަޒީފާއާއި އާމްދަނީގެ ފުރުސަތުތައް ފަހިނުކޮށްދޭ ކޯސްތަކުގައި ނަންނޯޓްކުރުން ހުއްޓުވާނެ ކަމަށް ސުނާކް ވިދާޅުވިއެވެ.