10 Oct 2023, 20:57
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ސައިޓު އޭ ހިއްކުމުގެ މަސައްކަތް ހުކުރު ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމައިލެވޭނެ ކަމަށް އާބަންކޯއިން މިރޭ ބުނެފިއެވެ.
އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އާބަންކޯއިން ބުނީ 'އޭރިއާ އޭ'ގެ 70 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން ހުކުރު ދުވަހާ ހަމައަށް އެއްކޮށް ނިންމައިލެވޭނެކަމަށް ބުންޏެވެ.
އާބަންކޯއިން ބުނީ "އޭރިއާ އޭ" އަށްފަހު ދެން ފަށާނީ "އޭރިއާ ބީ" ހިއްކުމުގެ މަސައްކަތް ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާ ވެސް އަވަހަކަށް ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކިފައި އޮތް ސަރަހައްދު -- ފޮޓޯ/ އާބަންކޯ
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ.
މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމަށް ހިއްކާ ސަރަހައްދެކެވެ. މި ސަރަހައްދުން 700 އެއްހާ ގޯތި ދޫކުރާނެއެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ މަޝްރޫއުތައް މިހާރު ވެސް އަންނަނީ ހިނގަމުންނެވެ.