ޢާއިލާތައް ރޫޅުމުގެ ސަބަބުން އަޅާލާނެ މީހަކު ނެތި ކކުދިންތަކެއް ބިކަވެ، މުޖުތަމައަށް ގިނަވުމުގެ ސަބަބުން ރާއްޖޭގައި އިޖްތިމާޢީ ބަލިމަޑުކަމެއް ފެތުރިފައި ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން ފެމެލީ ކޯޓުން ނެރެފައިވާ ސަޕްލިމެންޓެއްގައި ބުނެފައި ވަނީ ޢާއިލާތައް ރޫޅުމުގެ ސަބަބުން ކުދިންނަށް އަޅާލާނެ މީހަކު ނެތި ބިކަވެ، މުޖުތަމަޢުގެތެރެއަށް ގިނަވުމުގެ ސަބަބުން ކުށްކުރާ ކުދިންގެ ޢަދަދު އިތުރުވެ އެކަމުގެ ސަބަބުން ޤައުމު ހަލާކުވެ ވީރާނާވަމުންދާ ކަމަށެވެ. އަދި ޖެހިލުމެއްނެތި ޒުވާނުން ވައްކަންކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށް ވެސް އެ ސަޕްލިމެންޓްގައި ވެއެވެ.

ފެމެލީ ކޯޓުން ބުނީ ފަހަކަށް އައިސް އުމުރުން ހަގު ކުދީން އެކުދީންގެ ވަލީވެރީންގެ މައްޗަށް ދަޢުވާކުރާ ކަމަށާއި އަދި އެކަންކަން ކުރަން ޖެހެނީ ކީއްވެގެންތޯ ކޮންމެ މީހަކު ވެސް އަމިއްލައަށް ސުވާލުކޮށް ޖަވާބު ހޯދަންޖެހިފައިވާ ކަމަށެވެ.

ކޯޓުން ބުނީ ޢާއިލާތައް އިސްލާހުވެގެން ނޫނީ މުޖުތަމަޢެއް އިސްލާހު ނުވާނެ ކަމަށާއި މިފަދަ ދުވަހެއްގައި ދިވެހި ޢާއިލާތައް އިސްލާމީ އުސޫލުތަކުގެ މަތީން ބަދަހި ޢާއިލާތަކަކަށް ހެދުމަށްޓަކައި ހުރިހާ ރައްޔިތުން އެއްބައިވެ، އަތާއި އަތްގުޅާލަން ޖެހޭ ކަމަށެވެ.

ޢާއިލާތައް ރޫޅި ދަރިން ބިކަވާ ސަބަބުތައް ފަންނީ ގޮތުން ހޯދައި ބަލައި، ޢާއިލާތައް ރޫޅާލެވޭ ހުރިހާ ގޮތްތަކެއް ދޫކޮށްލުމަށް ޢަޒުމު ކަނޑައަޅަންވެއްޖެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކައިވެންޏަކީ ކޮބައިކަމާއި ކައިވެންޏަށްފަހު ދެމެފިރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކައިވެނީގެ ކުރީން އުނގެނި ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ކަމަށް މުޖުތަމަޢު ހޭލުންތެރިވުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.