އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ އެކު ރައްޔިތުންގެ މަޖިލީހުން ބައްދަލުކޮށްފިއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި އަދުރޭގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެލެއްވިއެވެ. އަދި، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެޑައިގަތެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު "ސަން"އާ ހިއްސާ ކުރައްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިއާއު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އަންނަ މަހުގެ 17ގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން، ކުރިން ވެސް މަޖިލީހުން ބުނެފައިވާ ގޮތަށް އެ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ވެސް ހަމަޖައްސާނީ އިންތިގާލީ މަރުހަލާގެ ކަންކަން ބަލަހައްޓަައި ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ، މީގެ ކުރިން އިންތިޚާބީ ރައީސް މުއިއްޒު ވެސް ވިދާޅުވި ގޮތަށް ހުވާ ކުރުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބާއްވަން ނިންމައިފައެވެ.

ޒިއާއު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. އެގޮތުން، ނޮވެމްބަރު 17 ވަނީ ހުކުރު ދުވަހަކަށް ކަމުން، އެ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ހުވާ ކުރުމުގެ ޖަލްސާ ބާއްވާއިރު ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އެރޭންޖްމެންޓާއި ކަންކަން ނިންމާލާފައި، އަޅުގަނޑުމެން ފަށާ ވަގުތެއް އިއުލާނު ކޮށްލައިނަން. މިހާރު ބުނަން ނޭނގެނީ އެ ތަނަކީ އޯޕަން ތަނެއް ވީމާ މޫސުމަށް ވެސް ބަލަން ޖެހޭ. އަދި، ހުކުރު ދުވަސް ވީމާ އެ ތާގައި ހުކުރު ނަމާދު ވެސް އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖަލްސާ ފަށާނެ ސީދާ ވަގުތެއް މިހާރު ނިންމާފައިނުވި ނަމަވެސް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ބޭނުންފުޅުވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖަލްސާ ބާއްވަން ކަމަށެވެ. އެހެންވެ، އެގޮތަށް އިންތިޒާމު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުން ނާކާމިޔާބުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 އަށެވެ.

ކުރިން ރައީސުން ހުވާ ކުރުމުގެ ޖަލްސާ ނޮވެމްބަރު 11 ގައި ބާއްވަމުން އައި ނަމަވެސް، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އެ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުވާ ކުރެއްވުނީ ނޮވެމްބަރު 17ގައެވެ. އޭގެ ފަހުން، ރައީސުން ހުވާ ކުރައްވަނީ 17 ގައެވެ.