އިންތިޚާބީ ރައީސްގެ މަގާމުގައި ހުންނެވި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ރައީސްކަމުގެ ހުވައިކުރެއްވުމުން ހުސްވާ މޭޔަރުކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ޖެނުއަރީ 17ގެ ކުރިން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިިސްމާއީލް ހަބީބް "ސަން"އަށް ވިދާޅުވީ މޭޔަރުކަމުގެ މަގާމު ހުސްވާނީ ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވައި ކުރެއްވުމަށް ޓަަކައި މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ހަބީބު ވިދާޅުވީ ބެލެވޭ ގޮތުގައި ނޮވެމްބަރު 16 ނުވަަތަ 17ވަނަ ދުވަހުގެ ހެނދުުނު އެ މަގާމުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އިސްތިއުފާ ދެއްވުމާ އެކު އެ ކަން އިލެކްޝަންސް ކޮމިޝަނަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގަންވާނެ ކަމަށާއި އެއީ އިންތިޚާބު ބާއްވަން ކެންޑިޑެސީ ހުށަހަޅަން އިލެކްޝަނުން އިއުލާނު ކުރާނެ ހިސާބުކަމަށް ހަބީބް ވިދާޅުވިއެވެ.

"ދެން އިލެކްޝަންސް ކޮމިޝަނަށް އެ ކަން އަންގާނީ އެލްޖީއޭއިން. އަންގާތާ ފަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އިއުލާނުކުރާނަން. އިލެކްޝަންސް ކޮމިޝަން އިޓްސެލްފް ނުއެއް ފަށާނެ. އެއީ އެ ޕްރޮސީޖާ އޮންނަ ގޮތް،" ހަބީބް ވިދާޅުވިިއެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްވަނީ ކައުންސިލެއްގެ އިންތިޚާބީ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި މެންބަރަކު އެ މަގާމަށް އިންތިޚާބުކުރުމަށް ކަމަށެވެ.

މިހާރު ވެސް މާލޭގެ މޭޔަރުކަމަށް ވާދަކުރުމަށް ބައެއް މީހުން ނިންމައި އެ ކަން އަންނަނީ ހާމަކުރަމުންނެވެ. އެ ގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަަކުރައްވައި މޭޔަރުކަމުގެ މަގާމަށް ކުރިމަތިލާން ނިންމައިފައިވާކަން ހާމަކުރައްވައިފައެވެ. އަދި، މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވެސް ވަނީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ.

މީގެ އިތުރުން ވެސް އެހެން ޕާޓީތަކުން ވެސް އެކަމުގެ ޝައުގުވެރިކަން އަންނަނީ ފާޅުކުރަމުންނެވެ.