10 Oct 2023, 16:19
ދެ ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް ރުހުން ހޯދުމަށް، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމެއް ދިރާސާ ކުރުމަށް މިއަދު ޚާރިޖީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިދިޔަ އޮގަސްޓު މަހު ރައީސް ޞާލިޙު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ މިވަގުތު އެކުވެރި އަރަބި އިމާރާތުގައާއި ބަންގްލަދޭޝްގައި ހުންނެވި ސަފީރުން ބަދަލުކުރުމަށެވެ. އެގޮތުން ހުށަހަޅާފައިވާ ނަންތަކަކީ:
ޔޫއޭއީގެ ސަފީރަކަށް - ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ މިދުފާ ނައީމް
- ބަންގަލަދޭޝްގެ ސަފީރަކަށް - ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ޝީއުނީން ރަޝީދު
މިދުފާ ޔޫއޭއީގެ ސަފީރު ކަމަށް އައްޔަނުކުރަން މަޖިލީހުގެ ރުހުމަށް އެދިވަޑައިގެން ރައީސް ސިޓީ ފޮނުއްވާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 24 ވަނަ ދުވަހެވެ. އަދި ޝިއުނީން ބަންގްލަދޭޝް ސަފީރަކަށް އައްޔަނުކުރަން ނިންމަވައި އެކަން މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
މިވަގުތު ޔޫއޭއީގައި ދިވެހި ސަފީރަކަށް ހުންނެވީ ހ. މިސްޓީލޮޖް އައިމިނަތު ޝަބީނާއެވެ. ބަންގްލަދޭޝްގަ ދިވެހި ސަފީރަކަށް ހުންނެވީ މ. ޒީނާ ޝިރުޒިމަތު ސަމީރުއެވެ.
އެ ދެ ސިޓީ ވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ނުބޭއްވި ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފަ އޮތުމަށް ފަހުއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ކޮމިޓީއަށް ފޮނުވައިފައެވެ.
މަޖިލީހުން މި ދެ ސިޓީ ކޮމިޓީތަކަށް ފޮނުވާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މި މުއްދަތުގެ ތެރޭގައި މިފަދަ ބަދަލުތައް ނުގެނައުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ރައީސް ޞާލިޙު އެ ސިޓީތައް ފޮނުވާފައި ވަނީ އިންތިޚާބީ ރައީސް އެކަމަށް އެދިވަޑައިގަތުމުގެ ކުރިންނެވެ.
މީގެ އިތުރުން ރައީސް ޞާލިޙު ވަނީ އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.