އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ރަންވޭއަކީ މިހާރު ޖައްސާ ބޯޓުފަހަރު ޖައްސަން އެކަށީގެންވާ ރަންވޭއެއްކަމަށް އެއާޕޯޓް އޮޕަރޭޓް ކުރާ ޖީއެމްއާރުން ބުނެފި އެވެ.

އެއާޕޯޓް ރަންވޭއަށް ޖައްސަނިކޮށް އެއާ އިންޑިއާގެ ބޯޓެއްގެ ފުރޮޅުފަޅައިގެން ދިޔަ މައްސަލައިގައި އައިއެންއައިއޭގެ ސީއީއޯ އެންޑްރޫ ހެރިސަން އީމެއިލް މެދުވެރިކުރައްވައި ވިދާޅުވީ އެއާޕޯޓްގެ ރަންވޭ ބަލަހައްޓައި މަރާމާތުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ އެ އުމުރުގެ އެއާޕޯޓްތައް ދުނިޔޭގައި ބަލަހައްޓަމުންގެންދާ ގޮތަށް ކަމަށެވެ. އަދި އެއާ އިންޑިއާގެ ބޯޓަށް ދިމާވި މައްސަލައަކީ ރަންވޭގެ ސަބަބުން ދިމާވި މައްސަލައެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ރަންވޭ ބެލެހެއްޓުމާއި ރަންވޭގެ ކަންތައްތައް ކުރިއަށް ދަނީ އެއާޕޯޓް އޮތޯރިޓީއަށް އެނގިގެން، އަދި އެބޭފުޅުންގެ އެޕްރޫވަލްއާ ވެސް އެއްކޮށް،" އެންޑްރޫ ވިދާޅުވެފައިވެ އެވެ.

އެންޑްރޫ ވިދާޅުވީ ސަރުކާރާއެކު ވެފައިވާ އެގްރިމަންޓްގެ ދަށުން 2015 ވަނަ އަހަރު ރަންވޭ ވެސް ތަރައްގީ ކުރަން އެއްބަސްވެފައިވާ ކަމަށާއި އެ މަސައްކަތަށް ކުރަންޖެހޭ ކަންތައްތައް ވެސް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އަދި ޖީއެމްއާރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތައް އަހަރުތަކެއް ވަންދެން ބޮޑެތި ބޯޓުތަކުން ވެސް ހަމަ އެ ރަންވޭ އަންނަނީ ބޭނުން ކުރަމުން، އެހެންވުމާއެކު ރަންވޭގެ ޑިވެލޮޕްމަންޓަށް ކުރަން ޖެހޭ މަސައްކަތައް ހާއްސަ ސަމާލުކަމެއްދީ އެކަންވެސް މިއަންނަނީ ކުރަމުން،" އެންޑްރޫ ވިދާޅުވި އެވެ.

ޖީއެމްއާރުން ބުނީ ރަންވޭ އާއި އެއާޕޯޓްގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ ކަމަށާއި ރަންވޭ ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތައް ޖީއެމްއާރުން ބޮޑު ހަރަދެއް ކުރާ ކަމަށެވެ.

ޖީއެމްއާރުން އެހެން ބުނި ނަމަވެސް ޓްރާންސްޕޯޓް މިނިސްޓާ އަހުމަދު ޝަމްހީދު މީގެ ކުރިން ސަން އޮންލައިންއަށް ވިދާޅުވެފައި ވަނީ އެއާޕޯޓް ރަންވޭއަކީ މިހާރު ޖައްސާ ބޮޑެތި ބޯޓުފަހަރުތައް ޖެއްސުމަށް އެކަށީގެންވާ ރަންވޭއެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ބޯޓުތައް އެއާޕޯޓަށް ޖެއްސުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި އައު ރަންވޭއެއްގެ މުހިންމުކަން ބޮޑު ނަމަވެސް އެއާޕޯޓް ޑިވަލޮޕްކުރާ ގޮތުން އައު ރަންވޭއެއް އެޅުމަށް ޖާގައެއް ނެތް ކަމަށެވެ. ރަންވޭ މާގިނަ ދުވަހު އިތުރަށް ބޭނުން ނުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.