10 Oct 2023, 17:05
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްހަމަޖެހިވަޑައިގަންނަވާ ވަރަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުނުކުރެއްވޭ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ މިއަދު މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފިރުޒުލް ވިދާޅުވީ މީގެ ކުރިން ވެސް އިންތިޚާބީ ރައީސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެ މަނިކުފާނު ހިތްހަމަ ޖެހިވަޑައިގަންނަވާ ގޮތަށް އަދި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައިނުވާކަން ފާހަގަ ކުރައްވައިފައިވާ ކަމަށެވެ.
އެ ކަމަށް ދިމާވާ މައިގަނޑު ސަބަބަކީ ރައީސް ޔާމީން މިހާރު ހުންނެވި ގާނޫނީ ހާލަތާއި، އިންތިޚާބީ ރައީސް ވެސް މި ވަގުތު އިންތިލާގީ މަސައްކަތްތަކުގައި އަވަދި ނެތި އުޅެން ޖެހިފައިވާތީ ކަމަށެވެ.
"އެކަމުގެ މައިގަނޑު ސަބަބަކީ ރައީސް ޔާމީން ވެސް މި ވަގުތު އެ ހުންނެވި ގާނޫނީ ހާލަތު އަދި ހަމައެހެންމެ އިންތިޚާބީ ރައީސުލްޖުމްހުރިއްޔާ ވެސް އިންތިގާލީ މަސައްކަތްތައް ފެށިގެން ވަރަށް ގިނަ ޑިޕްލޮމެޓުންނާއި އަދި އެކިއެކި ބޭބޭފުޅުންނާ ބައްދަލު ކުރެއްވުމުގެ މަސައްކަތްތަކެއް ކުރިއަށް ދިއުމުގެ ތެރޭގައި މި ދިމާވަމުން ދިޔަ ގޮންޖެހުން ނުވަތަ އެ ދަތިކަން. މައިގަނޑު ގޮތެއްގައި މި އޮތީ މި ދެ ކަންތައް" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސް އެންމެ ހިތަހަމަ ޖެހިވަޑައިގަންނަވާ ގޮތަށް މަޝްވަރާ ކުރުމުގެ ފުރުސަތު އަދި ލިބިފައިނުވާ ނަމަވެސް ކޮންމެ ވެސް ވަރަކަށް ދެ ބޭފުޅުންގެ ދެމެދުގައި މަޝްވަރާ ކުރެވި ވާހަކަ ދެކެވެމުންދާ ކަމަށެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޔާސީ ރޭހަށް މުއިއްޒު ނުކުންނެވީ، ދަށު ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމުމާ ގުޅިގެންނެވެ. އޭގެ ފަހުން، ޔާމީން އިންތިޚާބު ބޮއިކޮޓު ކުރަން އެދިވަޑައިގެން ނަމަވެސް އެ ޕާޓީގެ އިސްވެރިން އެ ކަމަށް ދެކޮޅު ހެއްދެވުމުން މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވީއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު މުއިއްޒު ފުރަތަމަ ވެސް ވަނީ ޔާމީން ގެކޮޅަށް ބަދަލު ކޮށްދެއްވަން އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ ނިންމުމަށް އިހްތިރާމުކޮށް، މަސްލަހަތު އިސްކުރަން ކަމަށް ވިދާޅުވެ، ޖެހިގެން އައި ދުވަހު ވަނީ ޔާމީން ގެކޮޅަށް ބަދަލު ކޮށްދެއްވައިފައެވެ. އެކަމަކު، އެ މަނިކުފާނުގެ އިސްތިއުނާފު މަރުހަލާ ނުނިމޭތީ އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ.