10 Oct 2023, 12:31
އާ ސަރުކާރާއެކު ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަން އދ. އިން ދެއްވާނެކަމުގެ ޔަގީންކަން މިއަދު ދެއްވައިފިއެވެ.
އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ޕްލޭނަށާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވައުދުވެވަޑައިގެންފައިވާ ޤައުމީ ތަރައްގީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށެވެ.
މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ވެވަޑައިގެންފައިވާ ވައުދުތަކަށް އދ. އިން ވަނީ ތައުރީފު ކުރައްވާފައެވެ.

އދ. ގެ ކޯޑިނޭޓަރ، ޑރ. މުހައްމަދު މުއިއްޒާ ސަލާންކުރައްވަނީ _ ފޮޓޯ/ އެލީޒް
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމާއި ޑިމޮކްރެސީ ހަރުދަނާކުރުމުގައި އ.ދ. އިން ދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.
އަދި ކުރިއަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އދ. ގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.