ކޯޓު މެދުވެރިކޮށް ނޫނީ ތިމަރަފުށީގެ ޒުވާނުންގެ މަރުކަޒު ޔޫތް މިނިސްޓްރީއާ ހަވާލު ނުކުރާނެ ކަމަށް ބުނެ އެ މަޒުކަޒު ކުއްޔަށް ހިފައިގެން އުޅޭ ތިމަރަފުށީ ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ޓައިޑާ) އިން ބުނެފި އެވެ.

އެޖަމިއްޔާގެ ފަރާތުން ޑެޕިއުޓީ ޔޫތް މިނިސްޓާ އަހުމަދު ރަޝީދަށް އެޑްރެސްކޮށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ތިމަރަފުށީ ޒުވާނުންގެ މަރުކަޒަކީ ޔޫތް މިނިސްޓްރީން ކޮށްފައިވާ އިޢުލާނަކާ ގުޅިގެން ބިޑް ކޮށްގެން ހަމަހަމަ އުސޫލުތަކާއެކު ވަކި މުއްދަތަކަށް އެގްރީމެންޓްކޮށް ކުއްޔަށް ހިފާފައިވާތަނެއް ކަމަށެވެ. އަދި އެޖަމިއްޔާއާ އެކު އެމިނިސްޓްރީން ކޮށްފައިވާ އެގްރީމަންޓަކާ އެ ޖަމިއްޔާއިން ހިލާފުވެފައި ނުވާނެ ކަމަށާއި ޒުވާނުންގެ މަރުކަޒު އެޖަމިއްޔާގެ ކިބައިން އަތުލެވޭނެ އެއްވެސް ޝަރުއީ އަދި ގާނޫނީ ހަމައެއް އޮތް ކަމަށް އެޖަމިއްޔާއިން ނުދެކޭ ކަމަށެވެ.

ޓައިޑާ ޖަމިއްޔާއިން އަދި ބުނެފައިވަނީ ތިމަރަފުށީ ކައުންސިލްގެ ބަހެއް ވެސް ނެތި ޔޫތް މިނިސްޓްރީން އެދިފައިވާ ގޮތަށް އެރަށުގެ ޒުވާނުންގެ މަރުކަޒު އެ މިނިސްޓްރީއާ ހަވާލުކުރެވެން ނެތް ކަމަށެވެ. އަދި ޒުވާނުންގެ މަރުކަޒު ވަށައިގެންވާ ބިމުގައި އެޖަމިއްޔާއިން ހަދާފައިވާ ބިންތަކުގެ ޝަރުއީ ބަދަލު ނުދެނީސް އެމަރުކަޒު ހުސްކުރެވެން ނެތް ކަމަށެވެ.

" މިޖަމިއްޔާގެ ބޮލުގައި ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ވާހަކައެއް އަޅުވައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސިޔާސީ ނުފޫޒުން ތިމަރަފުށީ ޒުވާނުންގެ މަރުކަޒު ޝަރީއަތަކާއި ނުލައި ހަވާލު ނުކުރެވޭނެ،" އެސިޓީގައިވެ އެވެ.

ތިމަރަފުށީ ކައުންސިލްގެ މެންބަރު އިބްރާހިމް ހަލީލް ވިދާޅުވީ މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި މިނިސްޓްރީގެ ތައްގަނޑެއް ވެސް ނެތް ކަމަށާއި ސިޓީ އެޑްރެސް ކޮށްފައިވަނީ ވެސް މީގެ ދޮޅު އަހަރު ކުރިން އެޖަމިއްޔާގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ނަސީރަށް ކަމަށެވެ.

" ޝަރީއަތް މެދުވެރިކޮށްގެން ނޫނީ އެތަން ނެނގޭނެ ކަމަކަށް ނުދެކެން، މިކަމަކީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށް ނުބެލެވޭ، އެކަށީގެންވާ ގޮތަށް ޕްރޮގްރާމްތައް ނުހިންގާ ކަމަށް ބުނާ ވާހަކަތަކީ ވެސް ހަގީގަތެއް ނޫން، އެއްބަސްވުމާ އެގޮތަށް ތަން އަތުލެވޭނީ ޝަރުއީ ބަދަލެއް ދީފައި،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ވަނީ އެކަށީވާ ގޮތެއްގައި ޒުވާނުންގެ މަރުކަޒުގެ ޕްރޮގްރާމްތައް ކުރިއަށް ނުގެންދާތީ އެމިނިސްޓްރީއާ ޓައިޑާ ޖަމިއްޔާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ މަސްދުވަހުގެ ތެރޭގައި އެމަރުކަޒު މިނިސްޓްރީއާ ހަވާލުކުރުމަށް އަންގާފަ އެވެ.

މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.