ވޮޝިންޓަން (10 އޮކްޓޯބަރު 2023) : އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މުޖާހިދުންނަށް އެއްވެސް ގޮތަކުން އެހީތެރިނުވުމަށް އެމެރިކާއިން އީރާނަށް ހަރުކަށި އިންޒާރެއް ދީފިއެވެ.

އިސްރާއީލުގެ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް އެންމެބޮޑަށް އެހީވާ އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ގެ ޗެއާމަން ޖެނެރަލް ޗާލްސް ބްރަވްން އީރާނަށް އިންޒާރު ދެއްވަމުން ވިދާޅުވީ އެމެރިކާ ގެންދަނީ އަވަސްގޮތަކަށް އިސްރާއީލަށް އަސްކަރީ އެހީތައް ފޮނުވަމުން ކަމަށާއި ނަމަވެސް އީރާނުން ފަލަސްތީނަށް އަސްކަރީ އެއްވެސް އެހީއެއް ދީގެން ނުވާނެ ކަމުގައެވެ.

އީރާނުން ފަލަސްތީނުގެ މުޖާހިދުންނަށް ކުޑަވެސް އެހީތެރިކަމެއް ފޯރުކޮށްދީފިނަމަ ހިތި ނަތީޖާއަކާ އީރާން ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު ޖެނެރަލް ޗާލްސް ބްރަވްން ދެއްވިއެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލްސްޓްރީޓް ޖޯނަލް" ބުނާގޮތުން އިސްރާއީލުގެ ދިފާއުތައް ފޫއަޅުވާލާފައި ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ވަދެގަތުމަށް ބޭނުންކުރި ފަންނީ އުކުޅުތަކުގެ ފަހަތުގައި އީރާން އޮތުމަކީ ވަރަށް ގާތްކަމެކެވެ. ނަމަވެސް މިކަމުގެ އެއްވެސް ހެއްކެތް އެ ނޫހަށް ދެއްކިފައެއް ނުވެއެވެ.

މުޖާހިދުންނަށް އެހީވުމުގައި އީރާނުގެ އަތެއްވޭތޯ އެމެރިކާ ބަލަނީ

ޖެނެރަލް ޗާލްސް ބްރަވްން ވިދާޅުވިގޮތުގައި މިހާރު ކުރިޔަށްދާ ފަލަސްތީނާއި އިސްރާއީލުގެ ކުރިމަތިލުންތަކުގައި އީރާނުގެ އަތެއްވާކަމުގެ ހެއްކެތްފެނޭތޯ އެމެރިކާ ބަލަމުން ގެންދާއިރު މިހާތަނަށް އެއްވެސް ހެއްކެތް ފެނިފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ މިިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރޮކެޓް ސައެންސާއި އޭގެ ޓެކްނޮލޮޖީ ތަރައްގީކޮށްފައިވަނީ އީރާނުގެ އެހީގައި ކަމަށް އެމެރިކާ ވަރަށް ކުރީއްސުރެ ތުހުމަތު ކުރެއެވެ.

އިސްރާއީލުގެ ސްޓޭޓް ޓެރަރިޒަމަށް ވާގިވެރިވުމަށްޓަކައި އެމެރިކާގެ ފްލީޓެއް މެދުއިރުމައްޗަށް

އިސްރާއީލުގެ ދިފާއުތައް ފޫއަޅުވާލުމަށްފަހު ފަލަސްތީނުގެ މުޖާހިދުން ޣައްޒާގެ ހުރަސްކޮށް އިސްރާއީލުގެ އެތެރެއަށް ވަދެގަތީ އިސްރާއީލުގެ ސިޓީތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އެތަށް ސަތޭކަ ރޮކެޓެއް ފޮނުވާލާފައެވެ. ރޮކެޓްތައް ފޮނުވާލުމުގެ ކުރިން މުޖާހިދުންގެ އިންޖިނޭރުންގެ ޓީމުތަކުން ވަނީ އިސްރާއީލުގެ ރާޑަރުތަކައި ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލް އައްޑަނައިގެ ނިޒާމު ކަމަށްވާ "އަޔަންޑޯމް" ނިޒާމަށް ވަރަށް ވަރުގަދަ އިލެކްޓްރޯނިކް ހަމަލާތަކަކާއި ސައިބާ ހަމަލާތައްދީ އެ ދެ ނިޒާމު ޖޭމްކޮށް އޭގެ މަސައްކަތް މުޅިން ހުއްޓުވާލާފައެވެ.

މުޖާހިދުން އިސްރާއީލުގެ އެތެއަށް ވަދެގަނެ އިސްރާއީލުގެ ތަންތަން ހިފައި އިސްރާއީލުގެ އެތަށް ސަތޭކަ ސިފައިން މަރައި އެތަށް ސަތޭކަ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކުރުމުން އިސްރާއީލަށްވަނީ ބޮޑު ޝޮކެއްލިބި އިސްރާއީލު ސިފައިންވަނީ ހަދާނެގޮތް ހުސްވެ ބަސްހުއްޓިފައެވެ.

މުޖާހިދުންނާ ކުރިމަތިލާން ނުކެރި އިސްރާއީލުން ޣައްޒާގެ އާންމުން މަރަނީ

މިގޮތަށް އެތަށް ގަޑީއިރަކު ތިބުމަށްފަހު އިސްރާއީލަށް ކުރަންކެރުނު ކަމަކީ އެމެރިކާ ދީފައިވާ ޒަމާނީ ފައިޓާ ޖެޓްތައް ބޭނުންކޮށްގެން ޣައްޒާގައި ފަލަސްތީނުގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށް ހަމަލާދީ ފަލަސްތީނުގެ އާންމުން މަރަން ފެށުމެވެ. އިސްރާއީލުގެ ރަށްތަކާއި އަސްކަރީ މަރުކަޒުތައް ހިފައިގެންތިބި ފަލަސްތީނުގެ މުޖާހިދުންނާ ކުރިމަތިލާކަށް އަދިވެސް އިސްރާއީލަށް އެއްވެސް ވަރަކަށް ނުކުރެއެވެ.

އެހެންކަމުން އަދިވެސް އިސްރާއީލުގެ ގިނަ އަދަދެއްގެ އަވަށްތަކާއި އަސްކަރީ މަރުކަޒުތައް ވަނީ ފަލަސްތީނުގެ މުޖާހިދުންގެ އަތްދަށުގައެވެ. މިއާއެކު ދުވަހަކުވެސް ބަލިނުވާނެކަމަށް އިސްރާއީލާއި ހުޅަނގުން ޕްރޮޕަގެންޑާކުރަމުންގެންދިޔަ އިސްރާއީލުގެ ލަޝްކަރުތައް ފަލަސްތީނުގެ މަދު އަދަދެއްގެ މުޖާހިދުންގެ ކުރިމަތީގައި ބަލިކަށިވެ އިދަޖެހުމުން އިސްރާއީލަށާއި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ލީޑަރުންނަށް މިހާރުވަނީ ބޮޑުޝޮކެއް ލިބި ހަމަބިމަށް ތިރިވާން ޖެހިފައެވެ. ނަމަވެސް އަދިވެސް އެބޭފުޅުން ގެންދަވަނީ ހަގީގަތް ގަބޫލުކުރުމާ ދެކޮޅު ހަދަމުންނެވެ.

އިސްރާއީލާއި ހުޅަނގުގެ ލީޑަރުން މޮޔަވާގޮތްވަނީ

އާދައިގެ ކަނޑިބަޑި ގެންގުޅޭ ފަލަސްތީނުގެ މުޖާހިދުންވަނީ ހުޅަނގުގެ 5 ވަނަ ޖީލުގެ ހަތިޔާރުގެ ޓެކްނޮލޮޖީ ލިބިފައިވާ އިސްރާއީލުގެ 900 އަށް ވުރެ ގިނަ މީހުން މަރާލައި އެތަށް ހާސްބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށް އިސްރާއީލުގެ އެތެރެއަށް ވަދެ އިސްރާއީލުގެ އެތަށް އަވަށްތަކެއް ހިފާފައެވެ. އަދި މުޖާހިދުންގެ އަތްދަށުން އިސްރާއީލު ސިފައިންގެ ބަލިވެ އިސްރާއީލު ސިފައިންގެ ކަރުގައި ވާޖަހައިގެން ދަމައި ގަންހިންގާ މަންޒަރުތައް ފެނުމުން އިސްރާއީލާއި ހުޅަނގުގެ ލީޑަރުންވަނީ މުޅިން މޮޔަވާގޮތް ވެފައެވެ. މިއާއެކު ބޮލަށް މިރުސް ދުން އެޅުނީމާ އުޅޭގޮތަށް އިސްރާއީލާއި އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންވަނީ އުޅެންފަށާފައެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ އެގައުމުގެ ތާއީދު އޮތީ ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ މުޖާހިދުންނަށް ކަމަށް ފާޅުގައި ވިދާޅުވެ އިސްރާއީލަށް ހަމަލާދޭން ޖެހުނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮވެ ފަލަސްތީނު މީހުންނަށް ހުއްޓުމެއްނެތި އަނިޔާކޮށް މީހުން މަރަމުންގެންދާތީ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކާއި އިސްތިއުމާރަށް އެހީތެރިވުމަށާއި ފަލަސްތީނުގެ މުޖާހިދުންނަށް ބިރު ދެއްކުމަށްޓަކައި އެމެރިކާވަނީ މަތިންދާ ބޯޓު އުފުލާ މަނަވަރަކާއެކު އެމެރިކާ ސިފައިންގެ ކަނޑުގެ ފްލީޓެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފައެވެ.