''ޕާސަނަލް ހައިޖީން'' ނުވަތަ އަމިއްލަ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ޓަކައި ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަންތައްތަކަކީ އެންމެންނަށް ވެސް އެނގޭ، ފަރިތަ ކަންތައްތަކެވެ. އޭގެ ތެރޭގައި ހެނދުނު ހޭލައިގެން ދަތް އުނގުޅުމާއި ފެންވެރުމާއި މީރު ދުވަސް ދުވާ ސްޕްރޭއެއް ނުވަތަ ސެންޓެއް ބޭނުންކުރުން ހިމެނެއެވެ. ނަމަވެސް ޕާސަނަލް ހައިޖީންއެކޭ އެއްގޮތަށް ''މެންޓަލް ހައިޖީން''އަށް އަހުލުވެރިވެފައިވަނީ ކިހާވަރަކަށްތޯއެވެ؟

މެންޓަލް ހައިޖީން: ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އުފެދިގެން އައި ޚިޔާލެއް

ހަށިގަނޑުގެ ދުޅަހެޔޮ ކަމަށްޓަކައި އާދައިގެ މަތިން ކުރާ ކަންތައްތަކާ ނަފުސާނީ ސިއްހަތު ގުޅުވައި، 'މެންޓަލް ހައިޖީން' ވަކި ޚިޔާލެއްގެ ގޮތުގައި ރަސްމީކޮށް ފުރަތަމަ ތަފުސީލުކޮށްދިނީ އެމެރިކަން ސައިކޭޓްރިކް އެސޯސިއޭޝަންގެ އެއް ބާނީ ކަމަށްވާ އައިޒަކް ރޭ އެވެ. އަށާރަސަތޭކަ ނުވަދިހައިގައި އޭނާ މެންޓަލް ހައިޖީން ސިފަކޮށްފައި ވަނީ، ތިމާގެ ވިސްނުމާއި ފިކުރަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި ކަސްރަތާއި ކެއިންބުއިމާ ގުޅުންހުރި ހަރަކާތްތައް ހިމެނޭނެ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

މެންޓަލް ހައިޖީންއަށް ޓަކައި ކުރާ ކަންތައްތަކުގެ މައިގަނޑު މަގުސަދަކީ، މީހާ ސްޓްރެސް ވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ހޯމޯން ކަމަށްވާ ކޯޓިސޯލް ލޭގައި ހުންނަ މިންވަރު މަދުކުރުމެވެ. އެކަމަށް ޓަކައި ކޮންމެ ދުވަހަކު ވެސް އެންމެ 15 މިނިޓު ވިޔަސް ހުސްކުރުމަކީ ނަފްސާނީ ސިއްހަތަށް ފައިދާ ލިއްބައިދޭނެ ކަމެކެވެ.

ތިމާ ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަންތައްތައް ގިނަވުމުން ފިކުރު ބޮޑުވެ، ހާސްވެފައި ހުންނަ މީހަކު މި 15 މިނިޓު ހޯދުމާ މެދު ވެސް ކަންބޮޑުވުން އެކަށީގެންވެއެވެ. ނަމަވެސް އެ 15 މިނިޓު މެންޓަލް ހައިޖީން ވަރުގަދަ ކުރުމަށް ބޭނުންކޮށް، ތިމާގެ ސިކުނޑިއަށް ލުޔެއް ދީފި ނަމަ ދުވަހުގެ މަސައްކަތްތައް ކުރަން ކޮންމެވެސް ވަރަކަށް ފަސޭހަވާނެއެވެ.

ދުވުމާއި އެ ނޫންވެސް ކަސްރަތު ގަވާއިދުން ކުރުމަކީ ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފުސާނީ ސިއްހަތަށް ޓަކައި އަށަގެންނެވުން މުހިންމު އާދައެއް -- ސަންފޮޓޯ/ ފަޔާޒު މޫސާ

އެމެރިކާގެ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ ބްރޮޑެރިކް ސޯޔާ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައިވަނީ، މެންޓަލް ހައިޖީންއަށް ޓަކައި ތިމާ އިޚްތިޔާރު ކުރާނެ އާދަތައް ހޯދައި، އެ އާދަތައް އަށަގަންނަވާނެ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާފައެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި:

  1. ތިމާއަށް އެންމެ އެކަށޭނަ ހަރަކާތެއް ހޯދުން

މެންޓަލް ހެލްތު ހައިޖީން ރަނގަޅު ކުރުމަށް ޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެ މީހަކަށް ހިތްހަމަޖެހުން ގެނެސްދީ، ކޯޓިސޯލް ދަށްކޮށްދޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމެވެ. އެކި މީހުންގެ ސިކުނޑިއަށް ހަމަޖެހުން ލިބޭނީ އެކި ކަންތައްތައް ކުރުމުންނެވެ.

ސޯޔާ ލަފާ ދެއްވަނީ މިކަމަށް ކޮންމެ ދުވަހެއްގެ ހެނދުނު 15 މިނިޓު ހުސްކޮށް، އެ މީހެއްގެ އުދާސްތަކުން ދުރުހެލިވެވެނީ ކޮންމެ ކަމެއް ކުރުމުންތޯ ބެލުމަށް ޓަކައި، އެކި ދުވަހު އެކި ކަންކަމުގައި ޝާމިލުވުމަށެވެ. އޭގެ ތެރޭގައި އެ މީހަކު އާންމުކޮށް ކުރާ ކަންތައްތައް، ކުރިއަށްވުރެ ހަމަޖެހިގެން ކުރުން ހިމެނިދާނެކަން ސޯޔާ ފާހަގަކުރެއްވިއެވެ.

ހިނގާލަން ނުވަތަ ދުވަން ދިޔުމުން ބައެއް މީހުންގެ ސިކުނޑި ތާޒާވާއިރު އެހެން މީހުންނަށް ހިތްހަމަޖެހުން ލިބެނީ ގޭގައި އިށީނދެ ހުރެ، ފޮތް ކިޔުމުން ކަމަށް ވެދާނެއެވެ.

އެމެރިކާގެ ޖާނަލް އޮފް ޕްރިވެންޝަން އެންޑް ހެލްތު ޕްރޮމޯޝަންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި، މެންޓަލް ހައިޖީންއަށް ޓަކައި ކުރެވިދާނެ ކަމަށް ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:

  • ގަވައިދުން ނަމާދު ކުރުން

  • މެޑިޓޭޓް ކުރުން

  • 'ޕޮޒިޓިވް' ވިސްނުމާއި ފިކުރުތައް އިތުރު ކުރުމަށް ޚާއްސަ އިސްކަމެއް ދިނުން. މިސާލަކަށް، ތިމާ ޝުކުރެވިވާ ކަންތައްތަކާއި އުފާވެރި ހަނދާންތައް ލިޔެ، އަމިއްލަ ނަފުސު ދެރަކޮށްލާ ފަދަ ޚިޔާލުތަކުން ދުރުވުމަށް މަސައްކަތް ކުރެވޭނެ.

  • ގުދުރަތީ މާހައުލެއްގައި ވަގުތު ހޭދަކުރުން.

2. އެ ހަރަކާތަކުން ތިމާއަށް ކުރެވޭ އިހުސާސުތަކުގެ ރެކޯޑެއް ބޭއްވުން

މެންޓަލް ހައިޖީންއަށް ޓަކައި ތިމާ ތަޖުރިބާ ކުރާ ތަފާތު ކަންތައްތައް ލިޔެ، އެކަމެއްކޮށް ނިމުމުން ކުރެވުނު އިހުސާސާއި ދުވަހުގެ ބާކީ ބައިގައި ތިމާގެ އިހުސާސުތައް ހުރި ގޮތް ލިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސޯޔާ ވިދާޅުވިއެވެ.

މިސާލަކަށް، ތިމާ ހިތްހަމަޖެހޭ ކަމަކަށް ހެނދުނު 15 މިނިޓު ޚާއްސަކުރާ ދުވަހަކާއި އެފަދަ ކަމެއް ނުކުރާ ދުވަހަކާ އަޅައިބެލިދާނެއެވެ. އަދި ދުވަހުގެ ސްޓްރެސްއާ ކުރިމަތިލާން ފަސޭހަވީ އޭގެ ތެރެއިން ކޮން ދުވަހެއްގައިތޯ ބެލިދާނެއެވެ.

ހަމައެއާއެކު، ތިމާއަށް އެންމެ ރަނގަޅީ ގޭގައި ހުރެގެން ކަމެއް ކުރުންތޯ ނުވަތަ ބޭރަށް ގޮސް ހެލިފެލިވެ އުޅުމުންތޯ އަމިއްލަ ނަފުސާ ސުވާލުކޮށް، ތިމާއަށް އެންމެ ރަނގަޅު ހަރަކާތަކީ ކޮބައިކަން ހޯދޭނެއެވެ.

ވަކި ކަމެއް ދިމާވުމުން ނުވަތަ ކުރުމުން ތިމާއަށް ކުރެވޭ އިހުސާސުތައް ލިޔެފައި ބެހެއްޓުމުން، ތިމާގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ޓަކައި އެންމެ ރަނގަޅު ކަންތައްތަކަކީ ކޮބައިކަން ދެނެގަންނަން ފަސޭހަވާނެ -- ފޮޓޯ/ ޓާނިންޕޮއިންޓްސީޓީ

3. ހާލަތާ އެއްގޮތަށް ބަދަލުތައް ގެނައުން

'މެންޓަލް ހައިޖީން'އަށް ކޮންމެ ދުވަހަކު އެއް ވަގުތެއް ޚާއްސަ ކުރި ނަމަވެސް، އެ ވަގުތުކޮޅުގައި އަބަދު އެއް ކަމެއް ކުރުން ލާޒިމެއް ނޫނެވެ. އެ ދުވަހަކު ތިމާ ކުރަން ޖެހޭ މަސައްކަތްތަކާއި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވިސްނުމަށް ފަހު، އެ ދުވަހަކަށް އެންމެ އެކަށޭނަ 'މެންޓަލް ހައިޖީން' ހަރަކާތެއް އިޚްތިޔާރު ކުރެވިދާނެއެވެ.

މިސާލަކަށް އެ ދުވަަހަކީ ތިމާ ވަރަށް ހަރަކާތްތެރިކޮށް އުޅޭނެ ދުވަހެއް ކަމަށްވާނަމަ ތިމާގެ ސިކުނޑިއަށާއި ހަށިގަނޑަށް އެ ދުވަހު ލުޔެއް ލިބޭނީ، ހެނދުނު ކަސްރަތު ކުރުމުންތޯ ނޫންތޯ ވިސްނައި، ކުރީގެ ތަޖުރިބާއަށް ބިނާކޮށް ވަކި ހަރަކާތެއް ޚިޔާރު ކުރެވޭނެއެވެ.

މީގެ އިތުރުން، އެއް ދުވަހެއްގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނައިން މެންޓަލް ހައިޖީން ބްރޭކެއް ބޭނުންވާ ކަމަށް އިހުސާސުވާ ނަމަ އިތުރު 15 މިނިޓު ހުސްކުރަންވީއެވެ. ނުވަތަ އެ 15 މިނިޓު 30 މިނިޓަށް ދަންމާލަންވީއެވެ.

ސޯޔާ މެންޓަލް ހައިޖީން ސިފަކުރައްވާފައި ވަނީ، ދަތެއް ހަލާކުވެ ފަރުވާ ދޭން ޖެހުމުގެ ކުރިން، އެކަމުން ރައްކާތެރިވުމަށް ޓަކައި ދަތް އުނގުޅުން ފަދަ ކަމެއްގެ ގޮތުގައެވެ.

އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރު: ޖިސްމާނީ ގޮތުން މައްސަލައެއް ހުރިތޯ ބެލުމަށް ގަވައިދުން ފިޒިކަލް ޗެކްއަޕް ހަދާ ގޮތަށް، ނަފްސާނީ މައްސަލައެއް އުޅޭ ކަމަށް ޝައްކުކުރެވޭ ނަމަ މެންޓަލް ހެލްތު ސްކްރީނިން ވެސް ހަދަން ޖެހޭ -- ފޮޓޯ/ ރައީސް އޮފީސް

ނަމަވެސް ނަފްސާނީ ބަލިތަކަކީ ހަމައެކަނި ތިމާ ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކުރާ ކަމެއްގެ ސަބަބުން ތަހައްމަލު ކުރަން ޖެހޭ ބަލިތަކެއް ނޫނެވެ. އަމިއްލަ މީހާގެ އެއްވެސް ބައިވެރިވުމެއްނެތި ދިރިއުޅުމުގައި ދިމާވާ ކަމަކުން ނުވަތަ އާއިލީ ގޮތުން ވާރުތަވުމުން ނަފްސާނީ ބައްޔަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ވީމާ ނަފުސާނީ ދުޅަހެޔޮ ކަމަށް ޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ވެސް، ބަލީގެ އިހުސާސެއް ކުރެވޭ ނަމަ ކަމާ ގުޅުން ހުރި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދު ވީހާވެސް އަވަހަށް ހޯދަން ވާނެއެވެ.