ސަލްމާން ޚާން އުފައްދާފައިވާ އަންނައުނު ބްރޭންޑު 'ބީންގް ހިއުމަން'ގެ އެމްބެސެޑަރުގެ ގޮތުގައި އެކްޓިންގް ދާއިރާއަށް ނުކުންނަން ތައްޔާރު ވެފައިވާ އާއިލާގެ މެމްބަރު އަލިޒޭ ތަޢާރަފު ކޮށްފިއެވެ. ސަލްމާނު ޚާންގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އާދީއްތަ ދުވަހު ޕޯސްޓު ކުރި ފޮޓޯގެ ސިއްރަކީ މި ނިންމުމެވެ.

ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އެއް އާއިލާއަށް ނިސްބަތްވާ ޒުވާނާ އަލިޒޭއަކީ ސަލްމާން ޚާންއަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. ސަލްމާންގެ ކޮއްކޮ އަލްވިރާ ޚާން އާއި އަތުލް އަގްނިހޯތުރީގެ ދަރިފުޅު އަލިޒޭ އަކީ 'ބީންގް ހިއުމަން' ބްރޭންޑުން އަންހެނުންނަށް ހާއްސަކޮށްގެން އުފައްދާ ކްލޯތިންގް ލައިންގެ ބްރޭންޑް އެމްބެސެޑަރު ކަމަށް ސަލްމާން ޚާން ވަނީ ބުނެފައެވެ.

'ބީންގް ހިއުމަން'ގެ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި އަލިޒޭ ތަޢާރަފު ކޮށްފައި ވާއިރު އެ ބްރޭންޑުގެ ކްލޯތިންގް ވިޔަފާރީގެ މެނޭޖިން ޑިރެކްޓަރަކީ އަލިޒޭގެ މަންމަ އަލްވިރާ ޚާންއެވެ.

'ބީންގް ހިއުމަން' އަކީ، 2012 ވަނަ އަހަރު 'ބީންގް ހިއުމަން، ދަ ސަލްމާން ޚާން ފައުންޑޭޝަން'ގެ ނަމުގައި ވުޖޫދަށް އައި ބްރޭންޑެކެވެ. މި ބްރޭންޑަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ސަލްމާން ހޭދަކުރަނީ އިންޑިއާގެ ތަޢުލީމީ އަދި ސިއްހީ ދާއިރާގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހެ ގޮތެއްގައި ޚިދުމަތް ހޯދައި ދިނުމަށެވެ.

މި ބްރޭންޑާ ގުޅުމާ ވިދިގެން އަލިޒޭ ބުނެފައި ވަނީ، އެ ބްރޭންޑަށް އެންމެ ފުރަތަމަ މޮޑެލް ކޮށްދިނީ މީގެ ދިހަ އަހަރު ކުރިން ކަމަށެވެ. އެ ދުވަހުގެ ހަނދާންތައް އަދިވެސް ހިތުން ފިލައިގެން ނުދާ ކަމަށާއި މުޖްތަމަޢަށް ފައިދާ ހުރި މަސައްކަތެއް ކޮށްދޭ ބްރޭންޑަކާ އެކު މަސައްކަތް ކޮށްލަން ލިބުނު ފުރުސަތާ މެދު ވަރަށް އުފާވާ ކަމަށެވެ.

ސަލްމާން ޚާން އާއި އަލިޒޭ ވަނީ 'ބީންގް ހިއުމަން' ގެ އާ ކްލޯތިން ލައިންއިން މިހާރު ލިބެން ހުރި އަންނައުނުތައް ދައްކާލާފައެވެ.

ދެ މީހުން އެކީގައި މޮޑެލް ކޮށްފައި ހުރި ފޮޓޯތަކެއް އާއްމުންނާ ހިއްސާކުރަމުން އެކްޓަރު ބުނެފައި ވަނީ، އެކަކު އަނެކަކު ދެކެ ލޯބިވުމާއި އަޅާ ލުމަކީ އެ އާއިލާގެ ކަށީގައި ހިފާފައި ހުރި ކަމެއް ކަމަށެވެ.

View this post on Instagram

A post shared by Salman Khan (@beingsalmankhan)