މިއީ އިންތިގާލީ މަރުހަލާ ނަމަވެސް، މި ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ މަސައްކަތާއި މިހާރު ފެށުމުގެ މަރުހަލާގައި ހުރި ކަންކަން ނުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެދިވަޑައިގެންނެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަނީ ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ކަމަށެވެ.

އަދި ރައީސް ޞާލިޙަކީ ގާނޫނާއި ގަވައިދާ ޚިލާފަށް އަމަލުކުރައްވާނެ ބޭފުޅެއް ނޫންކަމަށާއި ވެރިކަމަށް އެހެން ބޭފުޅަކު ވަޑައިގަންނަވާތީއޭ ވިދާޅުވެ ޖެއްސުން ކުރެއްވުމުގެ ގޮތުން ވެސް އެ މަނިކުފާނު އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ސަމީރު ވިދާޅުވިއެވެ.

"އެހެނޭ ކިޔައިފައި ބާކީ މި އޮތް މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ވަޑައިނުގެން ގެކޮޅުގައި ހުންނަވަންޖެހޭ ކަހަލަ ގޮތަކަށް ބޭފުޅަކު ވިދާޅުވެެގެންނެއް ނުވާނެ. އެ މަނިކުފާނުގެ ގާނޫނީ ވާޖިބުގެ މަސްއޫލިއްޔަތު އަދައިކުރުމަށް ޓަކައި 17 ނޮވެމްބަރާ ހަމައަށް އެ ޒިންމާ އަދައިކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިގެންވޭ،" ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ވަގުތު ވެސް ސިވިލް ސާވިސް ކޮމިޝަން މެދުވެރިކޮށް މުވައްޒަފުންގެ އެކި ކަންކަން ކުރަމުން އަންނައިރު ޕްރޮމޯޝަން ހައްގު ފަރާތްތަކަަށް އެ ޕްރޮމޯޝަން ދިނުމަކީ ވެސް ކުރެވޭނެ ކަމެއްކަމަށެވެ.

އަދި ހުސްވެފައިވާ މަގާމަކަށް މީހަކު ހަމަޖައްސަން އިންޓަވިއު ނިމިފައިވަނިކޮށް އެ މަގާމަށް މީހަކު ނުނަަގައި، އަލަށް އިންތިޚާބުވާ ރައީސް މަގާމުވާ ހަވާލުވަންދެން މަޑުކުރާ ވާހަކަ ބުނުމުންވާނީ 'ޖޯކަކަށް' ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އިންތިޚާބީ ރައީސްގެ އޮފީހުން ވެސް މަސައްކަތްކުރަންވާނީ ގާނޫނީ ހަމަތަކުގެ ތެރެއިންކަމަށެވެ. އެ ފަދަ ކަންކަން މަޑުޖައްސަން އިންތިޚާބީ ރައީސް އެދިވަޑައިގަތުމަކީ ގާނޫނީ ހަމައެއް ނެތްކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.

"މި ކަންކަން އެބައޮތް ހިނގައިފައި. އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ސިޓީއެއް އެބައޮތް ސަރުކާރަށް އައިސްފައި. އެހެނިހެން ކަންތައްތައް ހުއްޓައިލުމަށާއި އަދި އެ ކަންކަން ނުކުރުމުގެ މައްޗަށް ބިނާކޮށްފައި. އެހެންވީމާ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނާ ޚިލާފަށް އަދި ގާނޫނު އަސާސީއާ ޚިލާފު ކަންތައްތަކެއް އެ ކުރައްވަމުން ގެންދަވަނީ. ދެން ވެރިކަމަށް ހުވައިކުރައްވައިގެން އެކަހަލަ ކަންތައްތަކާ އުޅުއްވާނީ،" އޭނާ ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އުސޫލުތަކާ ޚިލާފަށް މަގާމެއް ދީފައިވާނަމަ އިންތިޚާބީ ރައީސް ހުވައިކުރައްވައި އެ މަގާމެއް އަތުލެއްވޭނެކަމަށެވެ. ގޯހުން ކަމެއް ހިންގައިފައިވާ ނަމަ އެ ކަމެއް ވެސް ބެލޭނެކަމަށެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ސަމީރުވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތަކަށް ވާނީ ހިނގަމުންދާ މަޝްރޫތައް ރަނގަޅަށް އުސޫލާ އެއްގޮތަށް ހިނގާތޯ ބެލުންކަމަށެވެ.

"އެކަމު މުޅި ދައުލަތުގެ މަސައްކަތްތައް ހުއްޓައިލާ އިތުރު ކަންތައްތައް ނުކުރާށޭ ވިދާޅުވުމުން ކޮބައިތޯ ޒިންމާއެއް ނެގިފައި،" އޭސީސީއަށް ނިސްބަތްކުރައްވަމުން ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2018ވަނަ އަހަރު ރައީސް ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޭރުގެ ޕީޕީއެމް ސަރުކާރުން ރެކޯޑެއް ނެތް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިޔާ ފްލެޓް ލިބުނު މީހުންނަށް ލިޔުން ދިނުމާއި އެ ނޫން ވެސް އެތައް ވަޒީފާއެއް ދިނުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އިންތިގާލީ މަރުހަލާއާ ގުޅިގެން އިންތިޚާބީ ރައީސް ޑރ. މުއިއްޒުވަނީ ސަރުކާރުގެ ކިބައިން ހަތް ކަމެއް މަޑުޖައްސައިލުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރުންވަނީ އެ އެދިވަޑައިގަތުމާ އެއްގޮތަށް އަމަލުކޮށް އެއްބާރުލުން ދޭނެކަމުގެ ޔަގީން ވެސް ދީފައެވެ.