14 May 2012, 15:03
ބިއުޓީ ސެލޫނެއްގެ ތެރޭގައި ހަށި ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހ. ބްލިސީ ބިއުޓީ ސެލޫންގެ ތެރޭގައި ހަށި ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ 8:40 ހާއިރު ކަމަށެވެ.
ސެލޫންގެ ތެރެއިން ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންގެ އިތުރުން ބަންގާޅު ދެ ފިރިހެނަކާއި ތައިލެންޑްގެ ތިން އަންހެނެކެވެ.
މިދިޔަ މަހުގެ ތެރޭގައި ވަނީ ބިދޭސީންނަށް އަމާޒުކޮށްގެން ހަށިވިއްކައި އެއް ޖިންސުން ގުޅުން ހިންގަމުން ދިޔަ ބަޔަކު ގެއެއްގެ ތެރެއިން އަތުލައިގެންފަ އެވެ. އަދި މާޗް މަހުގެ ތެރޭގައި ވެސް ވަނީ ބިއުޓީ ސެލޫނެއްގެ ތެރޭގައި ހަށިވިއްކި ބިދޭސީ ބަޔަކާއި ދިވެހި ފިރިހެނުންތަކެއް އަތުލައިގެންފަ އެވެ.