މައިންބަފައިންނަށް ދިމާވާނެ އެންމެ ހިތާމަވެރި ކަމަކީ އެ މީހުންގެ ދަރީންގެ މަރުގެ ވާހަކަ އަޑުއިވުން ބުނެއެވެ. އުމުރުން 85 އަހަރުގެ މޭވިސް ޕެޓާސަންއަށް އެކަން ތިން ފަހަރެއްގެ މަތީން ތަޖުރިބާ ކުރަން ޖެހުނެވެ. މި ހާދިސާތަކުގެ ހިތާމައިން އަރައިގަތުމަށް މޭވިސް ފެށީ ތަފާތު މަސައްކަތެކެވެ. އެއީ ސްކޮޓްލެންޑް ވަށައި ބައިސްކަލު ދުއްވުމެވެ.

ސްކޮޓްލެންޑަށް އުފަން މޭވިސްއަށް ލިބުނު ތިން ދަރިން ވެސް ވަނީ އެކި ސަބަބުތަކާ ހުރެ އޭނާއަށް އަލްވަދާއު ކިޔާފައެވެ. އެގޮތުން ފުރަތަމަ އޭނާގެ އެންމެ ދޮށީ ދަރި ކޭޓީ ވަނީ އުމުރުން 49 އަހަރުގައި ނިއުމޯނިއާގެ ޝިކާރައަކަށްވެ، މަރުވެފައެވެ. އަދި ދެވަނައަށް ދޮށީ ދަރި ބޮބް އުމުރުން 47 އަހަރުގައި މަރުވީ އެކްސިޑެންޓެއްގައެވެ. އެންމެ ހަގު ދަރި ސޭންޑީ އުމުރުން 43 އަހަރުގައި މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ތިން ދަރިން ވެސް އެކި ދުވަސްތަކުގައި މަރުވި އިރު އެކަމުގެ ހިތާމައަކީ މޭވިސް އަށް ކެތް ކުރެވޭ ވަރަށް ވުރެ ބޮޑު ހިތާމައަކަށް ވިއެވެ. އެއާއެކު އެކަމުން ސަލާމަތްވެ، ހިތާމަވެރިކަމާ ދުރުވުމަށް މޭވިސް އެކި ކަންތައް ކުރަން ފެށިއެވެ. އެއިން އެންމެ ބޮޑު ހިތް ހަމަޖެހުމެއް ލިބިފައިވަނީ ބައިސްކަލު ދުއްވުމުންނެވެ.

މޭވިސްގެ ދަރިންތައް ގެއްލުމުގެ ހިތާމައިގައި ފެށި ބައިސްކަލު ދުއްވުން މިހާރު ވެފައިވަނީ އޭނާއަށް ބޮޑު ހިތްވަރަކަށެވެ. އޭނާ ދާދި ފަހުން ވަނީ ސްކޮޓްލެންޑުގެ ވަށައިގެން ބުރެއް ޖަހާލާފައެވެ. މޭވިސް މި މަސައްކަތް ކޮށްފައިވަނީ ފާއިތުވި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ބައިސްކަލު ދުއްވައިގެންނެވެ.

މި މަސައްކަތުގައި ކުރިއަށް ދިޔުމުގައި އޭނާގެ މާމަ ދަރިންނާއި އޭނާގެ ގާތް އެކުވެރިންގެ ބޮޑު ސަޕޯޓެއް ލިބެއެވެ. މިގޮތަށް ބައިސްކަލު ދުއްވަނީ ޗެރިޓީއަށް ވެސް މަސައްކަތް ކުރާގޮތަށެވެ. އަދި މިކަމުން ލިބޭ ފައިސާ މޭވިސް ދެނީ ކެންސަރު ޖެހޭ މީހުންނަށް ޚާއްޞަ ސަޕޯޓު ގްރޫޕުތަކަށެވެ.