10 Oct 2023, 08:48
ލޯ ތޮޅުމަކީ ކޮންމެ މީހަކު ވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ތަޖުރިބާ ކުރާނެ ކަމެކެވެ. މިކަމާ ގުޅޭގޮތުން އެކި ކަހަލަ ތަފާތު ގަބޫލުކުރުންތައް ވެސް އޮވެއެވެ. ނަމަވެސް ލޯ ތޮޅުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ އަދި މިއީ އާންމުކޮށް ވާ ނަމަ ކަންބޮޑު ވާން ޖެހޭ ކަމެއް ހެއްޔެވެ؟
ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި މީހުން ގަބޫލުކުރާގޮތުގައި ލޯ ތޮޅުމަކީ މީހަކަށް ކަމެއް ވާން އުޅޭ ކަމުގެ ނިޝާނެކެވެ. އެގޮތުން ކަނާއަތު ލޯ ތޮޅޭ ކަމަށް ވާނަމަ ރަނގަޅު ކަމެއް ވާން އުޅެނީއެވެ. އަދި ވާއަތު ލޯ ތޮޅޭ ނަމަ ގޯސް ކަމެއް ވާން އުޅެނީއެވެ. އެހެން ހިސާބުތަކުގައި ގަބޫލު ކުރާގޮތުގައި ލޯ ތޮޅޭ ނަމަ އޭގެ މާނައަކީ އެކުވެރިއަކު ޒިޔާރާތް ކުރަން އުޅޭ ކަމުގެ ނުވަތަ ގާތް މީހަކަށް ގެއްލުމެއް ވާން އުޅޭ ކަމުގެ ނީޝާނެކެވެ.
މީގެ އިތުރުން ވެސް ލޯ ތޮޅުމާ ގުޅޭގޮތުން ތަފާތު ގަބޫލުކުރުންތައް ހުރެއެވެ. ނަމަވެސް ހަގީގަތުގައި ލޯ ތޮޅެނީ ކީއްވެ ހެއްޔެވެ؟
ކެމްބްރިޖުގެ އެޑެންބްރުކް ހޮސްޕިޓަލު އޮކިއުޕްލާސްޓިކް ސާޖަން އެއް ކަމަށްވާ ޑރ. ކޯނީލިއަސް ރީނީ ފާހަގަކުރައްވާގޮތުގައި ލޯ ތޮޅުމަށް އެކި ސަބަބުތައް ހުރެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ މީހާ ވަރުބަލި ވުމާއި ކެފީން ގިނައިން ބޭނުން ކުރުމުގެ އިތުރުން މާ ގިނަ އިރު ލޮލަށް ރެސްޓު ނުދީ ބޭނުން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަންތައްތަކާ ހާސްވެ ކަންބޮޑުވާން ފެށުމުން ހަށިގަނޑު މަސްކަތް ކުރާ ގޮތަށް ބަދަލު އާދެއެވެ. މިގޮތުން ލޯ ތޮޅުމަކީ ވެސް މިފަދަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރީނީ ފާހަގަކުރެއެވެ. ހަމައެއާއެކު ކެފީންއަކީ މާ ގިނައިން ބޭނުން ކުރުމުން މީހާގެ އެޑްރެނަލިން އިތުރު ކޮށްލައި މީހާގެ ހިތުގެ ތެޅުން އަވަސްކޮށްލާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ލޯ ވެސް ތޮޅުމަކީ އެކަށީގެންވާ ކަމެކެވެ.
ރީނީ ފާހަގަކުރައްވާގޮތުގައި ދޭތެރެ ދޭތެރެއިން މިހެން ކަންތައްތައް ވުމަކީ މާބޮޑަށް ހާސްވާން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މިއީ އާންމުކޮށް ވާ ކަމެއް ނަމަ މިކަމުގެ ހަގީގަތް ބެލުން މުހިއްމު ކަމުގައި އޭނާ ވިދާޅުވިއެވެ.
ނޭޝަނަލް ސެންޓާ ފޮ ބަޔޯޓެކްނޮލޮޖީ އިންފޮމޭޝަންގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންއިން އާންމުކޮށްފައިވާ ދިރާސާ ރިޕޯޓަކުން ބުނާގޮތުގައި އާންމުގޮތެއްގައި އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންގެ ލޯ ތޮޅުމުގެ ފުރުސަތު ބޮޑެވެ. އެއީ، އަބަދު އެކި ކަހަލަ ކަރުދާހާއި ނަމްބަރާއި ސްކްރީންތަކަށް ބަލާ ނަމަ ލޮލަށް ބާރުބޮޑުވާ މިންވަރު އިތުރުވުމުންނެވެ.
އެއާއެކު އެންމެ ބޮޑަށް ދެވޭ އިރުޝާދަކީ މަސައްކަތުގައި ވެސް ގިނަގިނައިން ލޮލަށް ރެސްޓު ދިނުމެވެ. އަދި ލޯތޮޅޭ މިންވަރު ދުވަސްތަކަށް ނުވަތަ ހަފުތާތަކަށް ދެމިގެންދާ ނަމަ ކަމާ ގުޅޭ މާހިރަކަށް އަވަހަށް ދެއްކުން މުހިއްމު ކަމަށް ޑރ. ރީނީ ވަނީ ވިދާޅުވެފައެވެ.