14 May 2012, 14:33
ފެބުރުއަރީ ހަ ވަނަ ދުވަހުގެ ރޭ އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކާއި އިއްތިހާދުގެ ބައިވެރިންނާ ދެމެދުގެ ހަމަނުޖެހުން ހިނގަމުން ދަނިކޮށް އެތަނުން ފުލުހުން ދުރައްޖައްސައި އޮޕަރޭޝަން ކޮމާންޑް ސިފައިންނާއި ހަވާލުކޮށް، ފަހުން ސިފައިންނާއި ފުލުހުން އެ ސަރަހައްދުން ފޮނުވާލީ ކުރީގެ ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދުގެ އޯޑަރަށް ކަމަށް އެމް އެންޑީއެފްގެ އެ ދުވަހުގެ ގްރައުންޑް ކޮމާންޑަރު ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެޓްކަމުގެ މަގާމުގައި ހުންނެވި އިހުސާން ވާހަކަ ދައްކަވާފައިވާ 43 މިނިޓްގެ އޯޑިޔޯ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އޭނާ އަކީ އެ ދުވަހު އެމްއެންޑީއެފްގެ ގްރައުންޑް ކޮމާންޑުގައި އިސްކޮށް ހުންނެވި ކޮމާންޑަރު ކަމަށެވެ. އަދި އެމްއެންޑީއެފްގެ އޮޕަރޭޝަން ކޮމާންޑުން އާޓިފިޝަލް ބީޗް ސަރަހައްދާ ހަވާލުވާން އެރޭގެ 10:00 ޖެހި އިރު އެންގި ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ސިފައިން ހަވާލުވާން ޖެހެނީ ފުލުހުން ފޭލްވެއްޖެ ހާލަތެއްގައި ނުވަތަ ފުލުހުންގެ މައްޗަށް ބަޔަކު ގަދަވެގަނެ، ކޮންޓްރޯލް ނުވުމުން ފުލުހުން އެދިއްޖެ ހާލަތެއްގައި ކަމަށާއި އެރޭ އެ ސަރަހައްދާ ހަވާލުވާން ސިފައިންނަށް އެންގެވީ ސީދާ ރައީސް ނަޝީދު ކަމަށެވެ.
"އެހާ ހިސާބުން ސިފައިން ގޮސް ބަސް ކިޔާނީ، ސިފައިން އެތާނގެ ބަސްކިޔާނީ ފުލުހުން ވެސް ޖެހޭނީ ސިފައިން ބުނާ ގޮތަށް އަމަލުކުރަން. އަޅުގަނޑުމެން ވެސް ކުއްލިއަކަށް ހަވާލުވާން ޖެހުނީމާ ސުވާލު އުފެދޭނެ. ކިހިނެއް ކޮންކަމެއް ވެގެން އެތަނާ ހަވާލްވާން ޖެހުނީ އެގޮތަށް ބަލާލި އިރު އެކަހަލަ އެއްވެސް ޝިޓުއޭޝަނެއް ނޭނގޭ. ރައީސުލްޖުމުހުރިއްޔާ ވިދާޅުވީ އަޅުގަނޑުމެން [އޮޕަރޭޝަން ކޮމާންޑް] ސަރަހައްދާ ހަވާލުވާށޭ އެހިސާބުން ހަވާލްވީ،" އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އެ ރޭ ސިފައިން އެސަރަހައްދަށް ދިޔައީ އެއްވެސް ހާލެއްގައި ފުލުހުން ހައްޔަރު ކުރަން ނޫން ކަމަށާއި އެފަދަ އަމުރެއް ވެސް ނާންނަ ކަމަށެވެ. އެ ސަރަހައްދުގައި ދެ ފަރާތުން ހަމަލާތައް ބަދަލުކުރާކަން އެގުނު ނަމަވެސް އެއީ ސިޔާސީ ގޮތުން ކިހިނެއްވާ ކަމެއްކަން އެއްގޮތަކަށް ވެސް އެނގިފައިނުވާ ކަމަށާއި ފުލުހުންނާއި ސިފައިން ވެސް އެރޭ އެ ސަރަހައްދަށް ދިޔައީ ވެސް އަދި އެ ސަރަހައްދު ދޫކޮށްލީ ވެސް ރައީސް ނަޝީދުގެ އެންގެވުމަށް ކަމަށެވެ.
އިހުސާން ވިދާޅުވީ ސިފައިން ދިއުމުން ފުލުހުން އެ ސަރަހައްދު ދޫކޮށްލި ކަމަށާއި އޭގެ ފަހުން ފަސް މިނިޓް ނުވަނީސް އެމްއެންޑީއެފް އޮޕަރޭޝަން ކޮމާންޑް ވެސް އެ ސަރަހައްދު ދޫކޮށް ސިފައިންގެ އަށް އަނބުރާ ދިއުމަށް އެންގެވި ކަމަށެވެ. ރައީސުލްޖުމުހުރިއްޔާ ވިދާޅުވެގެން ދިޔަ ސިފައިން އެތަނުން ދިއުމަށް އެންގީ ދެބައިމީހުންގެ ތެރޭގައި ތަޅާފޮޅުން ކުރިއަށް ގެންދަން ފުރުސަތު ދިނުމުގެ ގޮތުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިފައިންނަކީ ތަނުގެ މަސްލަހަތުތައް ހިފެހެއްޓުމަށް ދިޔަ މީހުން އެމީހުން އެތަނުން ކީއްވެތޯ [ފޮނުވާލީ] އޭރުވެސް ވަޔަލަންޓް ދެ ކުރައުޑް އޮތީ ކުރިމަތިލައިގެނޭ. ދެބައިމީހުން ތަޅުވަން ނޫން އެހެން އެއްވެސް ކަމެއް ނުފެނޭ [ސިފައިން އެތަނުން ދާން އަމުރުކުރީ] އަޅުގަނޑުމެންނަށް އެންގީ ސިފައިންގެއަށް އަންނަން. ނަމަވެސް އަޅުގަނޑުމެން ނިންމީ އެފަދަ ކަމެއް ހިނގަނިކޮށް ސިފައިންގެ އަށް ނުގޮސް އެމްޓީސީސީ ސޯމިލްލްކައިރީގައި މަޑުކުރަން، އެތަނުގައި އަޅުގަނޑުމެންތިބީ. އެތަނަށް ނުވަދެވޭ، ބުނީ ދެ ބައިމީހުން ގާ އުކައި ތަޅާގެންފިއޭ،"
އޭނާ ވިދާޅުވީ އެރޭ ހަމަނުޖެހުން އުފައްދަން ފުރުސަތު ދިން ކަމަށާއި ފުލުހުން އެތަނުން ދިއުމަށް އަމުރުކުރުމުން ވެސް އެމީހުން ނުގޮސް ތިބީ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ނެތުމުން ކަމަށެވެ . އަދި ސިފައިންގެ ޓީމް އެތަނުން ދިއުމާ އެކު ފުލުހުން އެތަން ދޫކޮށް ޖުމުހުރީ މައިދާނުގައި ކޭމްޕްކޮށްގެން ތިބީ ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން ކޮންޓްރޯލް ކޮށްފައިވާ ސީނެއް އެމްއެންޑީއެފް ހަވާލުވުމަށް ފަހު އަނެއްކާ އެމްއެންޑީއެފް އެ ސަރަހައްދުން ދިއުމާ ގުޅިގެން ދެބައިމީހުން ތަޅާފޮޅުމުގެ ސަބަބުން ފުލުހުންނަށް އެކަން އެނގި ފުލުހުން އެސަރަހައްދަށް އަލުން ވަން އިރު ފުލުހުން ވަރަށް ބޮޑަށް ރުޅިގަދަވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
"އާޓިފިޝަލް ބީޗްގައި ތިބި މީހުން ފަހަމުން ދުރަށް ޖައްސަމުން ދިޔައިރު ފާހަގަވޭ އަދި ތަކުރާރުވޭ އެހުރިހާ އެންމެން ގޮސް ވަންނަނީ އެމްޑީޕީ ހަރުގެއަށް. އަބަދުވެސް ކޮންމެ ރެއަކު ފެންނަ މަންޒަރެއް އެއީ. ހަމަނުޖެހުން ހިންގާލާފައި އައިސް ހަރުގެ ތެރެއަށް ވަންނަ މަންޒަރު ޕާސަނަލީ އަޅުގަނޑު އިންނަން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ގޮސް ހަރުގެއާއި ޓީވީ މޯލްޑިވުސްގައި،"
އިހުސާން ވިދާޅުވީ އެ ދުވަހު ފުލުހުން ހަރުގެއަށް އަރައިގަތްކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެހާހިސާބުން އެމްއެންޑީއެފް ކޮމާންޑު ސެންޓަރުން ހަރުގެ ސަލާމަތް ކުރަން ދާން ވެސް އެންގި ކަމަށެވެ. އަދި އެތަނަށް ދިޔައިރު ފުލުހުން އެތަނުގައި ނެތްކަމަށާއި އެހާހިސާބުން ހަރުގެ ދޫކޮށްލާފައި ދިޔައީ ކަމަށެވެ.
އޭނަ ވިދާޅުވީ ހަރުގެތެރޭގައި ސިފައިން ތިއްބައި ޖުމުހޫރީ މައިދާނަށް ދާން އެންގި ކަމަށާއި އޯޑަރު އައީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް އަތީފު އަންގާ ފުލުހުންގެ ބަޔަކު ހައްޔަރުކުރަން ކަމަށެވެ. އެކަން ނުކުރީ އެފަދަ ކަމެއް ކުރާއިރު ވިސްނުން ތެރިކަމާ އެކު އަމަލުނުކޮށްފި ނަމަ ފަހުން ވެދާނެ ގޮތަކަށް ބެލުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން ތިއީ އެހާ ރަނގަޅުކަމެއް ނޫނޭ. ޕޮލިހުންގެ ކުރައުޑް އަޅުގަނޑުމެންނަށް ވެސް ފެންނަން އޮތީ. އެމީހުން ރުޅިއައިސްފައި ތިބި ބައެއް އެމީހުން ރުޅި އައީ ކީއްވެގެން ސާފުކޮށް އެނގޭ. ހައްޔަރުކުރަން ވަންނަ އިރަށް އެމީހުން އަރައިގަންނާނެ. ޕޮލިހުންނަކީ އަން އާންމުޑް ކޮންބެޓަށް ރައިޓް ކޮންޓްރޯލަށް ސިފައިންނަށް ވުރެ މާބޮޑަށް ތަމްރީން ހަދާފައިތިބޭ ބައެއް. މީހުން ހިފާ ހައްޔަރުކުރުމަށް އެމީހުން މާ ކުޅަދާނެ ވާނެ. ނަމަވެސް ހަނގުރާމަ އަށް އަޅުގަނޑުމެން ހަތިޔާރު ހިފައިގެން ނުކުމެއްޖެ ނަމަ އެމީހުންނަށް ވުރެ އަޅުގަނޑުމެން މޮޅުވާނެ،"
އޭނާ ވިދާޅުވީ އެރޭ ގިނަ އަދެއްގެ ސިފައިން ހެޑްކުއާޓަރުން ބޭރަށް ނެރެން ހުއްދަ ނުލިބުމާ ގުޅިގެން ވެސް ސެކިއުރިޓީ ބެލެހެއްޓުމުގައި ވަރަށް ދަތިތަކެއް ދިމާވި ކަމަށާއި އެގޮތުން އެމްއެމްއޭ ކައިރީގައި ޖަހާފައިވާ ފެންސް ވައްޓާލީ ވެސް ސިފައިން ބަލަހައްޓައިގެން ތިއްބައި ކަމަށެވެ. އެކަން ކޮންޓްރޯލް ނުވީ ސިފައިން މަދު ކަމުން ކަމަށެވެ.
އޭނާ ވިދާޅުވީ އޭރޭ ގިނަ އަދަދެއްގެ ކަރުނަގޭސް ޖެހިކަމަށާއި ގޭހުގެ އަސަރު ފިލާއިރަށް ޖުމުހޫރީ މައިދާނާ ގުޅޭ އެކި މަގުތަކުން މީހުން ދިމާކުރަމުން ދިޔަކަމަށާއި އަދި ފުލުހުންނާ ގުޅެން ބައެއް އާންމުން މަސައްކަތްކުރަމުން ދިޔަ ކަމަށެވެ.
"އެހާ ބައިވަރު ސިފައިން ނެރެފައިނެތުމުން އެމީހުން ފަހާލާފައި މިޖެހޭނީ އަންނަން. ކޯޑަން އެޅޭވަރަކަށް ސިފައިންނެއް ނެތް. ސިފައިން ބޭރަށް ދާކަށް ހުއްދައެއް ނެތް އެހެންވީމާ ކަރުނަގޭސް ޖަހާފައި އަންނަނީ އެހެން އުޅެނިކޮށް އެންމެ ފަހުން ޓިނު ބިއްގަޑު ނައްޓާލީ،"
އޭނާ ވިދާޅުވީ ޖުމުހޫރީ މައިދާނުގައި ތިބި ފުލުހުން ހައްޔަރުކުރަން ރައީސް ވިދާޅުވި ކަމަށާއި އެކަން ކުރެވިދާނެ ކަމަށް ވެސް ރައީސް އަރިހު ދެންނެވި ކަމަށެވެ. އެކަމަކު އެކަމުން ނުކުމެދާނެ ނަތީޖާއެއްގެ ޒިންމާ ރައީސް އުފުއްލަވާނަންތޯ ދެނެވުމުން އެކަމަށް އެއްވެސް ޖަވާބެއް ރައީސް ނަޝީދު ނުދެއްވި ކަމަށެވެ.
"އަޅުގަނޑުމެން ސިފައިން ބޭނުންކޮށްގެން ފުލުހުން ފޮނުވާލެވިދާނެ. ނަމަވެސް މާދަމާ މިއަންނަނީ ޓްރެއިންޑް ޕޮލިހުންގެ ފައުޖެއް ސިފައިންނާ ކުރިމަތިލާން އެފަދަ ޕޮލިސް ފޯސްއެއް ނުކުމެގެން އާންމުންނާއި ގުޅިގެން ކަންކަން ކުރަން ފެށީމާ ދެން ކިހިނެއްތޯ ކަންކަންކުރާނީ. ޓްރެފިކް މައްސަލަތައް ވައްކަމުގެ މައްސަލަތައް ކާކުތޯ ހައްލު ކުރާނީ އެހެން ވީމަ އެހުރިހާ ކަމެއް ވިސަނޭތީވެ، ފުލުހުންގެ ގަޔަށް އަރައި ނުގަތީ،"
ޖުމުހޫރީ މައިދާނުގައި ތިބި ފުލުހުން ކޮމިޝަނާ އޮފް ޕޮލިސް އާއި ބައްދަލުކުރުމަށް އެދުމުން އެކަން ނުކުރެވުނީ ރައީސް ނަޝީދު އެ ހުއްދަ ކޮމިޝަނާއަށް ނުދެއްވުމުން ކަމަށާއި ރައީސް ބޭނުންފުޅުވެ ވަޑައިގަތީ ހަތިޔާރުތައް ބެހެއްޓުމަށް ފަހު ފުލުހުން އިސްކަންދަށު ކޮށްޓަށް ދިއުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ ހަތިޔާރު ބަހައްޓާފައިދާން އަމުރުކުރުމުން ސުވާލު އުފެދޭ ކަމަށެވެ.
ކޮމާންޑަރު ވިދާޅުވީ ފުލުހުންނާ ކުރިމަތިލާންވެގެން ރައިޓް ބަޑިއެއް ކުރިއަށް ނެރެ ބޮޑު ފޯސްއެއް ސިފައިންގެއިން ނެރުނު ކަމަށާއި އަދި ސިފައިންގެއިން ޗާޖް ކުރަން ވެސް އޯޑަރު އައި ކަމަށެވެ. ނަމަވެސް އެފަހަރު ނެގޯޝިއޭޓް ކުރާތީ ޗާޖުނުކުރުމުން އެކަން ފެއިލްވެ، ސިފައިންގެ އެތެރެއަށް ވެއްދީ ކަމަށެވެ. އޭގެ ފަހުން ސިފައިންގެ ކޮމާންޑު އެއްކުރުމަށް ފަހު މައިދާނުން ފުލުހުން ފައްސާލެވެން އޮތް ގޮތަކަށް ފައްސާލުމުނަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
"ހުރިހާ ކޮމާންޑަރުން އެއްކޮށް ރައީސް ވިދާޅުވީ ބަޣާވާތްކޮށްގެން ތިބި ބައެކޭ އެއީ ތިޔަ ބޭފުޅުންނޭ މިހާރު ތިބި ބައަކީ އެމީހުން އެތަނުން ދުރުކުރާށޭ. ހައްޔަރުކުރެވުނު ގޮތަކަށް ހައްޔަރުކުރާށޭ. ފައްސާލަށޭ. ޖުމުހޫރީ މައިދާން ކުލިއާވާން ޖެހޭނެއޭ. އަޅުގަޑުމެން ދެންނެވިން ޕޮލިސް ކޮމިޝަނާ އެތަނަށް ފޮނުވައިދޭށޭ، ރައީސް ވިދާޅުވީ ކޮމިޝަނާ އެތަނަށް ނުދާނެއޭ. އެހެންވީމަ އެނގުނީ ކޮމިޝަނާ އަށް ވެސް އެތަނަށް ދިއުމުގެ ހުއްދަ ނެތްކަން،"
އޭނާ ވިދާޅުވީ އެ ހާލަތަށް ގައުމު ދިޔައިރު ދެ ސުވާލެއް ކުރިމަތިވި ކަމަށާއި ފުރަތަމަ ސުވާލަކީ އާޓިފިޝަލް ބީޗުން ފުލުހުންނާއި ސިފައިން "އުފުރާލައިގެން" ގެންދިޔައީ ކީއްވެތޯ އާއި އަދި ފުލުހުންގެ މުއައްސަސާގެ އިސްވެރިއާ އަށް ހަތެއް ފެބުރުއަރީ ދުވަހު ފުލުހުންނާއި ބައްދަލުކުރުމުގެ ހުއްދަ ރައީސް ނުދިނީ ކީއްވެތޯ އެވެ.
އެދުވަހު ހޯމް މިނިސްޓަރު ހަސަން އަފީފާއި ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ކޮމިޝަނާއޮފް ޕޮލިސް އަހުމަދު ފަސީހާއި އާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލައި އާއި ޑިފެންސް މިނިސްޓަރު ތޮލްހަތު ކަލޭފާނު ހުންނެވީ އެމްއެން ޑީއެފް ހެޑްކުއާޓާޒްގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުގެ އޯޑަރުއައުމާ އެކު ފުލުހުންނާ ދިމާކުރުމަށް އޭނާގެ ކޮމާންޑުގެ ދަށުން ސިފައިންގެ ޓީމެއް ރުކުރުވާލުމަށް ފަހު ނުކުތްތަނުން ފުލުހުން ވެސް ކުރިމަތިލުމަށް ތައްޔާރުވި ކަމަށާއި އެހާހިސާބުން ސިފައިން ފަހަތަށް ޖެއްސީ ކަމަށެވެ. ފަހަތަށް ޖެއްސީ އެފަދަ ކުރިމަތިލުމަކަށް ދިޔަ ނަމަ ގައުމު ގައި ވަރަށް ބޮޑު ހަމަނުޖެހުންތަކެއް ހިނގާނެ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.
"ސިފައިންނާއި ފުލުހުން ކުރިމަތިލައިފި ހާލެއްގައި ގައުމު ދުވަސް ދިޔައީ އެނގޭތޯ އަނެއް ކޮޅުން ފުލުހުންގެ މުއައްސަސާއެއް އޯވަނައިޓަކުން ކުރިއޭޓްކުރުމަކީ ފަސޭހަކަމެއް ނޫން. އިންވެސްޓިގޭޓަރުންނާއި ޓްރެފިކް ކޮޕުންނާއި ތަމްރީންކޮށް ކިހިނެއްތޯ މުއައްސަސާއެއް ކޮޅަށް ޖަހާނީ. އެހެންވެގެން އަޅުގަނޑުމެން ޗާޖް ނުކުރީ،"
އޭނާ ވިދާޅުވީ ނާޒުކު ފައްތަރެއްގައި ގައުމު އޮތް ހިނދުކޮޅެއްގައި ރައީސުލްޖުމުހުރިއްއޔާ ހުރިހާ ސިފައިންނާ ބައްދަލުކުރަން ކޯޑަންކޮށްފައިވާ ހުރިހާ ސަރަހައްދެއްގައި ތިބި ސިފައިން އެތެރެއަށް ވެއްދި ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެފަދަ ހާލަތެއްގައި ކަންކަން ކުރާނެ ގޮތެއް ނޫން ކަމަށެވެ. އެސިޓުއޭޝަނުގައި އެމްޑީޕީ މީހުންނާއި ފުލުހުންނާ ތަޅައިގަނެ އެކަމަކު މަރުވި ހަބަރު ވެސް ސިފައިންގެ ތެރޭގައި ފެތުރުނު ކަމަށާއި އެހާ ހިސާބުން ސިފައިންގެ ހިތްހަމަނުޖެހުން އިތުރުވެގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން 12 ގަޑި އިރުވަނީ ސިޓްއޭޝަން ކޮންޓްރޯލް ކުރަން މަސައްކަތްކުރާތާ. ހަމަ ކުއްލިއަކަށް ޑިޝިޝަނެއް ނަގާ ހުރިހާ ސިފައިން އެތެރެއަށް ވައްދާ މުޅިތަނުގެ ހާލަތު ގެއްލުވާލި އާއްމުންނާއި ޕޮލިހުން އެއްވި ހިސާބުން އެއޮތީ ގައުމު ނަގަން ޖެހޭ ޑިސިޝަން ނަގަންޖެހިފައި. އެއްގޮތަކީ ރައީސް ބޭރަށް ނުކުންނަވާ ހުރިހާ އެންމެން މައިތިރި ވާށޭ ބުނުން. ނުވަތަ އަނެއް ގޮތަކީ ރައީސް އިސްތިއުފާ ދެއްވުން،"
އޭނާ ވިދާޅުވީ އެފަދަ ދަނޑިވަޅެއްގައި ޑިފެންސް މިނިސްޓަރު ތޮލްހަތުގެ ހުއްދައާ އެކު މިހާރުގެ ޑިފެންސް މިނިސްޓަރާއި އަދި ވެސް އެހެނިހެން ބޭފުޅުން މައްސަލަ ހައްލުކުރުމަށް ސިފައިންގެ ތެރެއަށް ވެންނެވި ކަމަށާއި އެއީ ހުއްދަ ލިބުމުން ގައުމީ މަސްލަހަތުގައި ކުރެއްވި ކަމެއް ކަމަށެވެ. ކުރީގެ ރައީސް އެކަމަކީ ޕްލޭން ކޮށްގެން ކުރިކަމެއް ކަމަށް ވިދާޅުވާ ނަމަ އެޕްލޭންގެ ތެރޭގައި ރައީސް ޝާމިލް ވާނެ ކަމަށާއި އެ ސިޓްއޭޝަން ކުރިއޭޓް ކުރީ ރައީސް ނަޝީދު ކަމަށް ކޮމަންޑާރު ވިދާޅުވެ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ތިން ބޭފުޅަކު އައީ އެމޭރުމުން މި ޕްލޭން ކަމެއް ކަމަށް ވަންޏާމު މިކަމުގައި ރައީސުލްޖުމުހުރިއްޔާ އިންވޯލް ވަން ޖޭހޭނެ. ސަބަބަކީ އެބޭފުޅާ ނެންގެވީ ޑިސިޝަންތަކާއި ހެދި މި ސިޓުއޭޝަން ކުރިމަތިވީ. މިއަކީ ބަޔަކަށް އޮޅުވާލެވޭނެ ވާހަކެއް ނޫން. އެސިޓިއުޝަން ކުރިމަތިނުވި ނަމަ ކިހިނެއްތޯ އެބޭފުޅުންނަށް އައިސް އިސްތިއުފާއަށް ގޮވޭނީ،"
އިހުސާން ވިދާޅުވީ ފުލުހުން ގަޔަށް ބަޑިޖަހަން ތައްޔާރަށް ތިބިކަމަށް ސިފައިން ރައީސް އަރިހު ދެނެވިކަމަށް ވިދާޅުވާ ވާހަކައަކީ ކަނޑައެޅިގެން އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމަށާއި ފުލުހުން ގައިގައި މުގުރު ޖައްސަން އެއްބަސްނުވި ބަޔަކު އެމީހުންގެ ގަޔަށް ބަޑިޖަހަން އެއްބަސްނުވާނެ ކަން ރައީސަށް އެނގިވަޑައިގެންނަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިން އެ ދުވަހު ރައީސްގެ އިސްތިއުފާއަށް ގޮވި ގޮވުމަކީ ކުށްވެރި ކުރާ ކަމެއް ކަމަށާއި ޔުނީފޯމް ބޮޑީއެއްގެ ބަޔަކު ރައީސްގެ އިސްތިއުފާ އަށް ގޮވި ހިސާބުބުން އެކަން ކުރިބަޔަކާ މެދު ފިޔަޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ސިފައިންގެ ބަޔަކު ކުށެއް ކުރިއަސް އެވަނީ ކުށަކަށް 3000 މީހުން އެފަހަރާ އެކުށް ކުރިއަށް ކުށެއްވާނީ ކުށަކަށް. އެހެންވީމަ އެކަން ނުބަލާ ދޫކޮށްލެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ފުރަތަމަ ގޯސް ސިފައިންގެއިން ނުކުމެ އަށް މީހަކު ފުލުހުންނާ ގުޅިގެން ސިފައިންނާ ދިމާލަށް ހަޅޭއްލެވުން. ދެވަނަ ގޯސް ކަޅުތުއްކަލާ ކޮށިން ނުގުމެން އައި ސިފައިން އިސްތިއުފާ އަށް ގޮވުން ތިން ވަނަ ކަމަކަށް ހުޅުލެއިން އައި ސިފައިން އިސްތިއުފާ އަށް ގޮވުން މިގޯސް މި ރަނގަޅުކަމެކޭ ބުނެވޭނެ އެއްވެސް އުސޫލެއް ނޯންނާނެ،"