އަލަށް އުފެދޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަރާތުން ޑިމޮކްރެޓްސްއިން އެދުނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލަން ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ، އަލަށް އިންތިޚާބުވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި، ޑިމޮކްރެޓްސްއާ މިއަދު ބޭއްވި މަޝްވަރާއަށް ފަހު އިންތިޚާބީ ރައީސްގެ އޮފީސް ހިންގާ ސްޓެލްކޯ އިމާރާތް ކައިރި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ޑިމޮކްރެޓްސްއިން ބޭނުންވަނީ މާޒީގެ ތަޖުރިބާއަށް ބަލައި، ރައްޔިތުންނަށް ވަފާތެރި ސަރުކާރެއް ގާއިމުކުރުމަށް ކަމަށެވެ. ދެ ޕާޓީގެ ދެމެދުގައި މަޝްވަރާ ކުރެވުނީ ވެސް އެކަމާ މެދު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި އެ ބޭފުޅުން ވެސް ހަމަ ބައިވެރިވެ މި ކަންތައް ރަނގަޅުކުރައްވަން ބޭނުންފުޅުވާ ވާހަކަ ވަރަށް ބޮޑަށް ހަމަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ގޮތުގައި ހިނގާ ވަރަށް ރަނގަޅު ސަރުކާރެއް އޮންނަން ބޭނުންފުޅުވާ ވާހަކަ އެ ބޭފުޅުން މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ވިދާޅުވީ," އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވާހަކަ ދައްކަވަމުން ވިދާޅުވީ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބާރުވެރި، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރު ކޮށްދެވޭ ފަދަ ސަރުކާރެއްގެ ގޮތުގައި އުފެދުމުގައި ޑިމޮކްރެޓްސްގެ ވެސް ވިސްނުންތަކެއް ހުރި ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަކީ ވެސް ސަރުކާރުން އެދޭ ކަންކަން ކުރުމަށް މަގުފަހިވާ ފަދަ މަޖިލީހަކަށް ހެދުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ހަމަ އެއާ އެކު ސަރުކާރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ބޭނުންވާ ގޮތަށް ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކޭތީ ޑިމޮކްރެޓްސްއާއި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބާތޯއާ އެ މަޝްވަރާތައް ކުރުމަށް އަޅުގަނޑުމެން ދެންމެ މި ބައްދަލު ކޮށްލީ،" ހަސަން ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސްއިން ބައިވެރިވާނެ ކަމަށް އެ ޕާޓީން މީގެ ކުރިން ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. ހަސަން ވެސް އަދި މަޖިލީހުގެ ރައީސް ނަޝީދު ވެސް މީގެ ކުރިން އެފަދައިން ވިދާޅުވިއެވެ.

މިދިޔަ މަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްއަށް ލިބުނީ %7 ވޯޓެވެ. ދެވަނަ ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާށެވެ.