09 Oct 2023, 13:09
މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި އެ ފަދަ ބަދަލެއް ގެންނަން ވާނީ އެކަށިގެންވާ ވަރަށް ވަގުތު އޮވެގެން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވައެވެ. އެކަމަކު، އާބާދީ އިތުރުވުމުގެ ސަބަބުން އަންނަ ދައުރުގައި އިތުރު ހަ ގޮނޑި އިތުރުވާނެއެވެ. އެއާ އެކު އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، މެންބަރުންގެ އަދަަދު ލިމިޓް ކުރުމާ މެދު އެމްޑީޕީން އަދި ރަސްމީ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އެކަމަކު، އޭނާގެ އަމިއްލަ ހައިސިއްޔަތުން އެ ކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުން އެފަދަ ކަންކަމަށް ވަގުތު އޮންނަން ޖެހޭ. ބޯމަތީ އިންތިޚާބެއް އޮއްވައި އަނެއްކާ ވެސް އިންތިޚާބަށް ކުރިމަތިލެވޭނެ މީހުންގެ އަދަދާއި އެހެން ބަދަލު ގެނައުން. އެފަދަ ކަމެއް ނިންމަންވާނީ ފުދޭ ވަރަކަށް ރަނގަޅަށް މަޝްވަރާ ކޮށްފައި،" އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ޕާސަނަލީ ނުއެއް ދެކެން އަޅުގަނޑުމެންނަށް ކުރިއަށް މި އޮތް އިންތިޚާބަށް މިސާލަކަށް ލިމިޓުކޮށް، ގާނޫނުއަސާސީ ބަދަލުކޮށް އެކަން ކުރެވިދާނެ ކަމަކަށް. އަދި އެކަން އެ ގޮތަށް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ޕާސަނަލީ ނުދެކެން."
އެކަމަކު، އޭނާ އެފަދައިން ދެކުނު ނަމަވެސް އެމްޑީޕީން ނުވަތަ އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަކި ގޮތެއް ނިންމައިފި ނަމަ އެ ގޮތުގެ މަތީގައި ކުރިއަށް ދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން ދާތީ، މެންބަރުންގެ އަދަދު 76 އަށް މަދުކޮށް، އޭގެ ތެރެއިން އަށް ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ޑިމޮކްރެޓްސްއިން ވަނީ ހުށަހަޅައިފައެވެ.
ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކީ އިދާރީ ވަކި ދާއިރާއެކެވެ. އެއާ އެކު، ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން، 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިއްބެވިއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއެވެ. އަދި، މި ހިނގާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.