09 Oct 2023, 11:55
އުފެދޭ އާ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށާއި އެމްޑީޕީން އިދިކޮޅުގައި އޮންނާނީ ޒިންމާދާރު ކަމާ އެކު ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، އާ ސަރުކާރަށް ދަތި ކުރަން ނުވަތަ ޖެއްސުން ކުރަން އެމްޑީޕީން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެ ޕާޓީގެ މަސްއޫލިއްޔަތަކަށް ވާނީ ޒިންމާދާރު ކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. އެކަން ކުރާނީ ޒިންމާދާރު ކަމާ އެކުގައި ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
"އޮޕޮޒިޝަން ޕާޓީއެއް ގޮތުގައި އަޅުގަނޑުމެން ވަރުގަދައަށް ހަރަކާތްތެރިވަމުން ދާނަން. އެހެންނަމަވެސް ސަރުކާރަކަށް އުނދަގޫ ކުރުމާއި ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރާނަން،" އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް ވެސް ހުންނެވި އަސްލަމް ވިދާޅުވީ މަޖިލީހުން އެއްބާރުލުން ދޭން ޖެހޭ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޖިލިސް
"ސަރުކާރު ހިންގަން ބޭނުންވާ ކަންކަމުގައި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދި ޕާޓީއެއްގެ ހައިސިއްޔަތުން ދޭން ޖެހޭ އެއްބާރުލުންތައް ދޭނަން. އެގޮތުން، ބަޖެޓު ފާސް ކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމާއި މި ފަދަ ކަންކަން ކުރުމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނެ،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއްބާރުލުން ދިން ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި އެ ޕާޓީން ކުޑަ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މިހާރު މަޖިލީހުގެ 56 މެންބަރުންނާ އެކު ބޮޑު މެޖޯރިޓީއެއް އޮތީ އެމްޑީޕީއަށެވެ. އެހެންވެ، މަޖިލީހުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރެއެވެ.