14 May 2012, 14:12
ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު ގަޔަށް ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ވަޅިހެރިތަން ދުށްކަމަށް މީހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.
އަހުސަން ބަޝީރުގެ މަރުގެ މައްސަލައި މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުނާ ޝަހުމް އާއި މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް 17 ވަނަ ދުވަހުގެ ފަތިހުގެ 3:20 އެހާކަންހާއިރު އަލިކިލޭގެ ފާނުމަގާ މަޖީދީމަގު ގުޅުނު ކަންމަތީގައި ތޫނު އެއްޗަކުން އެ ދެމީހުން ހަމަލާދީފައިވާ ކަމަށް ތުހުމަތު ކޮށެވެ.
ޝަރީއަތް ކުރާ ކޮޓަރިއާއި ވަކިން ހުރެ ޝަރީއަތުގެ މަޖިލީހުގެ ވީޑީއޯ ބަލަމުން، މިއަދު ހެކިބަސް ދިން ފަސް މީހުންގެ ތެރެއިން އެކަކު ބުނީ ޝަހުމް އާއި ޝިމާޒު ސައިކަލެއްގައި ގޮސް އެ ސަރަހައްދުގައި މަޑުކުރުމަށް ފަހު އަހުސަން ބަޝީރަށް ތޫނު ހަމަލާ ދިނީ ޝަހުމް ކަމަށެވެ.
އޭނާ ބުނީ ޝިމާޒު ހުރީ ދުރުގައި މަޑުކޮށްލައިގެން ކަމަށާއި އަހުސަން ބަޝީރަށް ވަޅިއަކުން ހަމަލާދިނީ ޝަހުމް ކަމަށެވެ. އަދި ބުނީ ހަމަލާދިން އިރު އެތަނާ ތިން ފޫޓު ކައިރީ އޭނާ ހުރި އިރު އަހުސަން ބަޝީރުގެ ކަރާއި މޭމައްޗާއި ދިމާލަށް ތިން ފަހަރު ޝަހުމް ވަޅިން ޖެހިތަން ދުށް ކަމަށެވެ. އަހުސަން ބަޝީރަށް ހަމަލާދިނުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް ވެސް އެހީތެރިވެދީފައި ވާނެ ކަމަށް ވެސް ބުންޏެވެ.
"ހަމަލާދިން އިރު އަހަރެން ހުރީ އެތަނާ ތިން ފޫޓު ކައިރީގަ. އަހުސަން ބަޝީރުގެ ކަރާ ދިމާލަށާއި މޭމައްޗާ ދިމާލަށް ތިން ފަހަރު ޝަހުމް ވަޅި ޖެހީ. ޝިމާޒު ނުޖަހާ އޭނަ ދުރުގަ މަޑުކޮށްލައިގެން ހުރީ،" ކާކުކަން ނޭނގޭގޮތަށް ހެކިބަސް ދިން މީހާ ބުންޏެވެ.
ހެކިބަސް ދިން އަނެއް ހަތަރު މީހުން ވެސް ބުނީ ހަމަލާދިން މަންޒަރު އެމީހުން ނުދެކޭ ކަމަށެވެ. ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ ހަމަލާދިން ތަނަށް އޭނާ ދިޔަ ކަމަށާއި އެވަގުތު ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް އަހުސަން ބަޝީރު އެދުނު ކަމަށެވެ. އަދި ވަޅި ޖެހީ ޝަހުމް ކަމަށް އެވަގުތު އަހުސަން ބަޝީރު ބުނިކަމަށް ވެސް އެމީހާ ބުންޏެވެ.
ހެކިބަސް ދިން އަނެއް ތިން މީހުން ބުނީ އަހުސަން ބަޝީރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮއްވާ އެމީހުން ދިޔަކަމަށާއި އެވަގުތު އޭނާ އޮތީ އޮކްސިޖަން ގުޅާފަ ކަމަށެވެ. އަދި ބުނީ އަނގަމަތީގައި އޮތް މާސްކު ހިއްލާލުމަށްފަހު "ޝަ ޝަހުމް. ޖަ ޖަރުމަން،" އެގޮތަށް އަހުސަން ބަޝީރު ބުނި ކަމަށެވެ. އަދި ޝަރީއަތަށް ހާޒިރުކޮށްފައި ވަނީ އެ ދެމީހުން ކަމަށް ވެސް އެ ތިން މީހުން ބުންޏެވެ.
މީގެ އިތުރުން އެ ތިން މީހުން ބުނީ ހަމަލާދިނުމުގެ ކުޑައިރުކޮޅެއް ކުރިން އަހުސަން ބަޝީރު ދުށް ކަމަށާއި އެވަގުތު އޭނާ ލައިގެން ހުރީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ހުރި އިރު ލައިގެން އޮތް ހެދުން ކަމަށެވެ.
އެތިން މީހުންގެ ތެރެއިން އެކަކު ބުނީ އަތުގެ އިޝާރާތުން ޝަހުމް. ޖަރުމަން އެހެން އަހުސަން ބަޝީރު ބުނުމަށް ފަހު އެންސީޕާކް ވެސް ބުނި ކަމަށާއި އެގޮތަށް އެމީހުން ބުނުމުން ޝަހުމް އާއި ޝިމާޒު އަކީ އެންސީ ޕާކަށް ނިސްބަތްވާ މީހުން ކަމަށްވާތީ އަހުސަން ބަޝީރު އެ ބުނި ދެމީހުންނަކީ ޝަހުމް އާއި ޝިމާޒު ކަން ވަރަށް ރަނގަޅަށް އެނގުނު ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގައި ނިމުނީ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކިބަހާއި ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ފެށުމުގެ ކުރިން ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ވަކީލަށާއި އަދި ނޫސްވެރިންނަށް ވެސް ވަނީ ވީޑިއޯ މެދުވެރިކޮށް ސިއްރުން ހެކިބަސް ނަގާގޮތް ދައްކާލާފައެވެ.
ޝަރީއަތްކުރާ ކޮޓަރިއާ ވަކިން ޓީވީ ސްކްރީނެއް ބާހައްޓާފައި ހުރި އިރު އެ ސްކްރީނުން ވަރަށް ސާފުކޮށް އެއްވެސް އޮޅުމެއް ނާރާގޮތަށް ފެނެއެވެ.