ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވުނުވެވޭނެ ކަމަށާއި އެކަން ނިންމަވާނީ ވެސް އަމީންއާންމު ކަމަށް ވިދާޅުވެ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގެ ރިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅައިފައެވެ. އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު މިއަދު ހުށަހެޅި މައްސަލަ ލިބި، ގާނޫނުގައި ވާގޮތަށް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، ނަޝީދުގެ މައްސަލަ މި ދައުރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ މަނިކުފާނަށް ވިދާޅުވުނުވެވޭނެ ކަމަށެވެ. އަދި، އެ މަނިކުފާނު ރިޔާސަތުން ދުރުކުރަން ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ ކަން ކުރެއްވުމުގައި މި ފަހަރު ދޫ ނުދެއްވާނެ ކަމަށެވެ.

އިތުބާރު ނެތް ކަމުގެ މަައްސަލަ ދެވަނަ ފަހަރަށް ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް، އިއްޔެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި ނަޝީދު ވިދާޅުވީ، މިދިޔަ ދައުރުގައި ހުށަހެޅި އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން އަނބުރާ ނަގާފައި އަލުން މި ދައުރުގައި ހުށަހަޅައިގެން ބަލައިގަންނަން ދަތިވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެންމެ މައްސަލައެކެވެ.

އެ ކަމަށް ރައްދު ދެއްވައި އަސްލަމް މިއަދު ވިދާޅުވީ އެ ފަދައިން އެ މަނިކުފާނަށް ވިދާޅުނުވެވޭނެ ކަމަށެވެ. އެގޮތުން، އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އަމީންއާންމު ކަމަށާއި އެ ކަމަނާ އެ މައްސަލައިގައި ރަނގަޅަށް ގޮތް ނިންމަވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެކަން ނުކުރެވޭނެ ހުއްޖަތެއް ދެއްކޭނެ އެއްވެސް ކަހަލަ ހަމައެއް ޖާގައެއް ނެތް އިނގޭތޯ،"މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް

މަޖިލީހުގެ ރިޔާސަތަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަނޭޅޭނެ ކަމަށް ބަޔާން ކުރާ އެއްވެސް ހަމައެއް ނެތް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ހުށަހަޅަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަމަށާއި އެކަން ކުރާނެ ސާފު އިދާރީ ގޮތްތައް މަޖިލީހުގެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ ރޫހު ހުރީ މި ފަހަރު މި ކަން ހުއްޓައިލާ ގޮތަށް ނޫން ކަމަށެވެ. އެހެންވެ، މި ފަހަރު ދޫ ނުދެއްވާނެ ކަމަށާއި ނަޝީދު ރިޔާސަތުން ދުރުކުރަން އެމްޑީޕީގެ ހުރިހާ މެންބަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ޕާލިމެންޓްރީ ގްރޫޕުގެ ރޫހެއް ނެތް މި މައްސަލަ އެއްވެސް ވަރަކަށް، އެއްވެސް ގޮތަކަށް ދެން ނަގާކަށް. ވަރަށް އެކަތިގަނޑަކަށް ވަރަށް ސާފުކޮށް [އެމްޑީޕީގެ މަޖިލީސް މެންބަރުން] ބުނަމުން އަންނަނީ މި މައްސަލަ ކުރިއަށް ގެންދަން ބޭނުން ކަމުގައި،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހު 56 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ ޕާޓީން އަނބުރާ ނެގީއެވެ.

އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމަށް އޭރު ހުށަހެޅި މައްސަލަ އަނބުރާ ނެގީ އެ މައްސަލަ ހުއްޖަތަކަށް ހައްދަވައިގެން މަޖިލިސް ހުއްޓުވާލަމުން ދިއުމުން ކަމަށެވެ. އެހެންވެ، މަޖިލީހުގައި ހުރި މުހިއްމު މަސައްކަތްތަކެއް ކޮންމެހެން ވެސް ކުރަން ޖެހުމުން ކަމަށް އޭނާ ވިދާޅުވިއެވެ.