09 Oct 2023, 11:26
ފަލަސްތީނަށް އެހީވުމަށް, އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ހުޅުވާލި ފަންޑަށް އެއް ދުވަސް ތެރޭ މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
އެ ފަންޑާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައިއޭސީގެ އޮފިޝަލަކު ވިދާޅުވީ މި ފަންޑު ފެށީ އިއްޔެ ހެނދުނު ކަމަށެވެ. ފަންޑު ފެށިތާ ދެ ގަޑިއިރެއްހާއިރު ތެރޭ އެއްލައްކަ ރުފިޔާ ލިބުނުއިރު މިހާރު ފަންޑަށް މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި ފަންޑަކީ މިއަހަރު ފަލަސްތީނަށް އެހީވާން ހެދި ދެވަނަ ފަންޑު ކަމަށެވެ. މި ފަންޑަށް ކޮންމެ މީހަކަށްވެސް ބޭނުން އަދަދަކަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ފަންޑަށް އެހީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، އެ ޖަމިއްޔާގެ ބީއެމްއެލް އިސްލާމިކް އެކައުންޓަށް ފައިސާ ފޮނުވައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވެވޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެކައުންޓު ނަމްބަރު: 7770000062741
އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން
މި ޕްރޮޖެކްޓް އަގުތައް ހެދިފައިވަނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމުގެ އިތުރުން، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށް ވެސް އައިއޭސީން ބުނެއެވެ.
ފަލަސްތީނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަމަ ނުޖެހުމުގައި 413 މީހުން ޝަހީދުވެ، 2300 ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 78 ކުޑަކުދިންނާއި 41 އަންހެނުން ހިމެނެއެވެ.