ޣައްޒާ (09 އޮކްޓޯބަރު 2023): އިސްރާއީލުގެ އަސްކަރީ ފައިޓާޖެޓްތަކުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ 436 އަށް ވުރެ ގިނަ މީހުން މަރުވެ ލައްކަ އެއްހާ މީހުންގެ ގެދޮރު ގެއްލިގެން ދިޔަ ނަމަވެސް މިނިވަންކަމަށް ޖިހާދުކޮށް ފަލަސްތީނު މިނިވަންކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސް ބުނާގޮތުން އިސްރާއީލުގެ ވައިގެ ހަމަލާތައް އަމާޒުކުރަނީ ސީދާ ފަލަސްތީނުގެ އާންމުން މެރުމަށެވެ. އެއީ ފަލަސްތީނުގެ މުޖާހިދުން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ ބިންތައް ހިފައިގެން އެ ތަންތަނުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް ހިންގަމުންގެންދާ "އަގްސާ ތޫފާން" އޮޕަރޭޝަންގައި އިސްރާއީލު ސިފައިން އިނދަޖެހި އިސްރާއީލަށް ލިބޭ ގެއްލުންތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ. ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުގެ އުދުވާނަށް ޖެހިލުންނުވުމަށް ފަލަސްތީނުގެ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުން މެރި ނަމަވެސް މިނިވަންކަމުގެ ޖިހާދު ހުއްޓާނުލާނެ

ހަމާސް ބުނާ ގޮތުން އިސްރާއީލުން ޣައްޒާއަށް ބޮންއަޅައި ފަލަސްތީނުގެ އާންމުން މަރަމުން ގެންދިޔަ ނަމަވެސް އެ ޖަމާއަތުގެ އަސްކަރީ އޮޕަރޭޝަން ހުއްޓައެއް ނުލާނެއެވެ. އެއީ، ފަލަސްތީނުގެ އާންމުންނަކީ އިސްރާއީލު ބޭނުންވާ ކޮންމެ ވަގުތަކު ބޮންއަޅައި މަރަމުންދާ ބަޔަކަށްވާތީ މިއަދު އެ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ނަމުގައި އަސްކަރީ އޮޕަރޭޝަން ހުއްޓާލި ނަމަވެސް މާދަމާ އަނެއްކާ ވެސް އިސްރާއީލުން ބޮން އަޅައި ފަލަސްތީނުގެ އާންމުން މަރަން ފަށާނެތީއެވެ.

އެހެންކަމުން ފަލަސްތީނުގެ ބިންތަކުން ފާބައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިސްރާއީލަށް މަޖުބޫރު ކުރުވުމަށްޓަކައި މިހާރު ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ކުރިޔަށް ގެންދިޔުން ނޫންގޮތެއް ނެތް ކަމަށް ހަމާސްއިން ބުނެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ރައްކާތެރިކަމެއް ލިބޭނީ ނުވަތަ ދިރިއުޅުމުގެ ޔަގީންކަން ލިބޭނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ބާލައި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައިގެން ކަމަށް ވެސް ހަމާސްގެ ބަޔާން ބުނެއެވެ.

އިސްރާއީލުގެ އެތަށް ސަރަހައްދުތަކެއް އަދިވެސް ހަމާސްގެ މުޖާހިދުންގެ އަތްދަށުގައި

ހަމާސްއިން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފެށި "އަގްސާ ތޫފާން" އޮޕަރޭޝަންގައި ހަމާސްގެ މުޖާހިދުންވަނީ ޣައްޒާ ހުރަސްކޮށް އިސްރާއީލުގެ އެތެރެއަށް ވަދެ އިސްރާއީލުގެ އެތައް އަވަށަކާއި އިސްރާއީލު ސިފައިންގެ އަސްކަރީ މަރުކަޒުތަކެއް ހިފާފައެވެ.

މިހާރު ހަނގުރާމަ ހިނގަމުންދަނީ އިސްރާއީލުގެ އެތެރޭގައެވެ. މި އޮޕަރޭޝަންގައި އިސްރާއީލުގެ 900 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު 1700 އަށްވުރެ ގިނަމީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ހަމާސްގެ މުޖާހިދުން ވަނީ އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިންގެ އެތައް ހާސް ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްގެން ޣައްޒާއަށް ގެނަސްފައެވެ.

ހަމާސްގެ މުޖާހިދުންނާ އެއްގަމު މަގުން ކުރިމަތިލާކަށް ސިފައިންނަކަށް ނުކެރޭ

އިސްރާއީލުގެ ތަންތަން ހިފައިގެން ތިބި ހަމާސްގެ މުޖާހިދުންނާ އެއްގަމު މަގުން ކުރިމަތިލާކަށް ސިފައިންނަކަށް ނުކުރެއެވެ. އެމެރިކާ ދީފައިވާ ޒަމާނީ ފައިޓާޖެޓްތަކުން ބޮން އެޅުން ފިޔަވައި އެހެން މާ ބޮޑު ކަމެއް އިސްރާއިލު ސިފައިންނަކަށް ނުކުރެވެއެވެ. އިސްރާއީލަށް ލިބުނު ނާކާމިޔާބީ ފޫބެއްދޭތޯ ބެލުމަށްޓަލައި އިސްރާއީލު ގެންދަނީ ޣައްޒާއަށް ބޮންއަޅައި ފަލަސްތީނުގެ އާންމުން މަރަމުންނެވެ.

ނަމަވެސް މި ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ހަމާސް ޖަމާއަތުން ގެންދަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި އެ ނޫން އިސްރާއީލުގެ ސިޓީތަކަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުން އިސްރާއީލުގެ މާ ގިނަ ބަޔަކު މަރުނުވި ނަމަވެސް އިސްރާއީލުގެ ސިޓީތަކަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

މިއާ އެކު އިސްރާއީލު ދޫކޮށް އެގައުމުގެ އެތަށް ހާސްބަޔަކު ދަނީ ބޭރުގައުމުތަކަށް ފުރަމުންނެވެ. މީގެ ތެރޭގައި ގިނައީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށްޓަކައި ބޭރުން އިސްރާއީލު ގެނަސްފައިވާ ޔަހޫދީންނެވެ. އިސްރާއީލުގައި މިހާރު މަސައްކަތް ކުރަނީ އެންމެ އެއާޕޯޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމާސް ގެ މުޖާހިދުން އިސްރާއީލަށް ވަދެގަތްލެއް މޮޅުކަމުން އެމެރިކާއާއި އިސްރާއީލު ސިހިފައި

އިސްރާއީލާ ދެކޮޅަށް ހަމާސްއިން ފެށި "އަގްސާ ތޫފާން" އޮޕަރޭޝާން އިސްރާއީލުގެ ބާރުގަދަ ދިފާއީ ނިޒާމުތަކާއި ދިފާއީ ފާރުތައް ފޫއަޅުވާލާފައި ހަމާސްގެ މުޖާހިދުން އިސްރާއީލުގެ އެތެރެއަށް ވަދެގަތްލެއް މޮޅުކަމުން އިސްރާއީލާއި އިސްރާއީލުގެ ސްޓޭޓް ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

އެންމެ ބޮޑު ސިހުމެއް ލިބުނީ ހަމާސްއިން ރޭވި މިއިން އެއްވެސް ކަމެއް އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" އަށާއި އެމެރިކާގެ ޖާސޫސީ އިދާރާ "ސީއައިއޭ"އަށް ރޭކާލާފައިނުވުމެވެ. އެމެރިކާއާއި އިސްރާއީލު ޖާސޫސީގޮތުން މުޅިން ފެއިލްވެފައިވާތީއެވެ.

އިސްރާއީލުގެ އެތެރެއަށް ވަދެގަތުމުގެ ކުރިން ހަމާސްއިން އިސްރާއީލުގެ ރާޑަރުތަކާއި ވައިގެ ދިފާއީ ނިޒާމުތަކުގެ ބާރު ކަނޑުވާލި

ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ދިފާއުތައް ފުނޑާލާފައި އިސްރާއީލުގެ އެތެރެއަށް ވަދެގަތުމުގެ ކުރިންވަނީ އިސްރާއީލަށް އަމާޒުކޮށް އެތަށް ސަތޭކަ ރޮކެޓެއް ފޮނުވާލާފައެވެ. ރޮކެޓްތައް ފޮނުވާލުމުގެ ކުރިން ހަމާސްގެ އައިޓީ އިންޖިނޭރުންނާއި އިލެކްޓްރޯނިކް އިންޖިނޭރުންގެ ޓީމުތަކުން ވަނީ އިސްރާއީލުގެ ރާޑަރުތަކައި ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލް އައްޑަނައިގެ ނިޒާމު ކަމަށްވާ "އަޔަންޑޯމް" ނިޒާމަށް ވަރަށް ވަރުގަދަ އިލެކްޓްރޯނިކް ހަމަލާތަކަކާއި ސައިބާ ހަމަލާތައްދީ އެ ދެ ނިޒާމު މަސައްކަތް މުޅިން ހުއްޓުވާލާފައެވެ.

ނަތީޖާއެއްގެ ގޮތުން ހަމާސުން ފޮނުވާލި ހުރިހާ ރޮކެޓްތަކެއް ވެސް ވަނީ އޭގެ އަމާޒަށް ވާސިލްވެފައެވެ. ހަމާސްގެ މުޖާހިދުން އިސްރާއީލުގެ އެތެރެއަށް ވަދެގަތީ މި ރޮކެޓްތައް އިސްރާއީލުގެ ސިޓީތަކަށް އެރުމާ އެކު އިސްރާއީލުގެ ސަރުކާރާއި ސިފައިންގެ ލަޝްކަރުތައް ހާސްވެ ހަދާނެގޮތް ހުސްވެފައިއޮތް ދަނޑިވަޅުގެ ބޭނުން ކޮށްގެންނެވެ.