09 Oct 2023, 09:24
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ކަމަށްވާ 22 މެންބަރުން ހަމަނުވުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި އޮތީ، ދެ ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރަން ފޮނުވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވުމާއި އަދި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރަން ދާއިމީ ކޮމިޓީތަކަށް ފޮނުވުމެވެ. އިތުރަށް ތާވަލުކޮށްފައިވަނީ ނުނިމި ހުރި މައްސަލަތަކެވެ.
އެކަމަކު، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ބޭއްވެން ނެތް ކަމަށެވެ.
"ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު، ކޯރަމް ހަމަނުވާތީ އަޅުގަނޑު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މި ނިންމާލީ،" އީވާ ވިދާޅުވިއެވެ.
މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު، ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ގާނޫނީ އަދަދަކީ 22 އެވެ.
މި ދައުރުގެ ގިނަ ޖަލްސާތަކެއް ކޯރަމް ހަމަނުވުމުގެ ސަބަބުން ނިންމާލަން ޖެހިފައިވެއެވެ. އެގޮތުން، ނިމުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ގިނަ މެންބަރުންތަކެއް އުޅެން ޖެހުމުގެ ސަބަބުން އެ ދުވަސްވަރު ވެސް ގިނަ ޖަލްސާތަކެއްގެ ކޯރަމް ހަމަނުވެގެން ވަނީ ނިންމައިލަން ޖެހިފައެވެ.
މީގެ އިތުރުން ވެސް މިދިޔަ ޖޫން މަހު އެމްޑީޕީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއްފަހަރާ ހުށަހެޅުމުން ވެސް ގިނަ ދުވަސްތަކެއް ވަންދެން މަޖިލިސް ހުއްޓިފައި އޮތެވެ.
މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނުއިރު، އިއްޔެ އެމްޑީޕީގެ ޕީޖީން ވަނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރަން އަނެއްކާ ވެސް ހުށަހަޅަން ފާސްކޮށްފައެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ކުރިން ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ ނިމުނު އިންތިޚާބުގެ ދެވަނަ ބުރުގައި އެ މަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދަން ޖެހުމުންނެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި، އެމްޑީޕީން އަނެއްކާ ވެސް ވަނީ ނަޝީދު އެ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަން ނިންމައިފައެވެ.