09 Oct 2023, 09:04
ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލް، އިތުރު ރެކޯޑެއް މުގުރާލައިފިއެވެ.
ޔަމާލް އެންމެ ފަހުން މުގުރާލާފައިވަނީ ސްޕެނިޝް ލަލީގާ މެޗެއްގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ރަށުން ބޭރުގައި ރޭ ބާސާއިން ގްރަނޭޑާ އަތުން 2-2ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ.
ރޭގެ މެޗުގައި ގްރަނޭޑާ ކޮޅަށް ގޯލު ޖެހި އިރު، ސްޕެއިން ފޯވަޑް ޔަމާލްގެ އުމުރަކީ 16 އަހަރާއި 87 ދުވަހެވެ. އޭގެ ކުރިން އެ ރެކޯޑު ދަމަހައްޓަމުންދިޔައީ ފެބްރީސް އޮލިންގާއެވެ. ލަލީގާ މެޗެއްގައި މަލާގާއަށް އޮލިންގާ އެ ގޯލު ޖެހި އިރު، އޭނާގެ އުމުރަކީ 16 އަހަރާއި 98 ދުވަހެވެ. އެއީ 2012 ވަނަ އަހަރެވެ.
ލަލީގާގައި ރޭ ގްރަނޭޑާ އަތުން ބާސާ އެއްވަރުވި ނަމަވެސް، އެ މެޗުގައި ޔަމާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގައި ބާސާއިން ޖެހި ފުރަތަމަ ގޯލު ޔަމާލް ކާމިޔާބުކޮށްދިން އިރު، އޭނާ އެ ގޯލު ޖެހީ ގްރަނޭޑާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ޔަމާލް ދަނީ ބާސާގެ ޖާޒީގައި ގިނަ ރެކޯޑުތަކެއް މުގުރަމުންނެވެ. އެގޮތުން ރޭގެ މެޗުގައި ހެދި ރެކޯޑުގެ އިތުރުން އޭނާ ވަނީ ބާސާގެ ފުރަތަމަ 11ގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއި ލަލީގާގައި ކުޅޭ އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއި ޔޫއެފާ ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ 11ގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ.