09 Oct 2023, 09:32
ސްޕެނިޝް ލަލީގާގައި ގްރަނޭޑާ އަތުން ބާސެލޯނާ އެއްވަރުވެ، މާޔޫސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ލީގު މެޗުގައި ގްރަނޭޑާ އަތުން ބާސާ އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ލީގުގެ އެއްވަނައަށް ބާސާ ޖެހިލި ނަމަވެސް، އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ބާސާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
ރޭ ކުޅުނު މެޗު ފެށިތާ މިނެޓެއް ތެރޭ ގޯލެއް ޖަހައި ގްރަނޭޑާއިން ވަނީ ލީޑު ހޯދައިފައެވެ. ލޫކަސް ބޮޔޭ ދިން ބޯޅައަކުން ގްރަނޭޑާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ބްރަޔަން ޒަރަގޯޒާއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ބާސާގެ ޖަރުމަން ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަންގެ އަތުގައި ޖެހިފައެވެ.
ބާސާއިން އެޓޭކު ވަރުގަދަކޮށް މަސައްކަތްތަކެއް ކުރަމުންދަނިކޮށް، ގްރަނޭޑާއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޖެރާޑް ގުމްބައޫ ދިން ބޯޅައަކުން ގްރަނޭޑާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ޒަރަގޯޒާއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ބާސާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ގޯލެއް ޖަހައި ގްރަނޭޑާ އިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވަޑް ލަމީން ޔަމާލްއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އެ ގޯލާ އެކު ޔަމާލް ވެގެންދިޔައީ ސްޕެނިޝް ލަލީގާގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އޭނާ އެ ގޯލު ޖެހި އިރު, އުމުރަކީ 16 އަހަރާއި 87 ދުވަހެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ގްރަނޭޑާ ކުރީގައި އޮވެގެންނެވެ.
ގިނަ ހަމަލާތަކަކަށް ފަހު ބާސާއަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. އަލެހަންޑްރޯ ބަލްޑޭ ދިން ބޯޅައަކުން ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން ޑިފެންޑަރު ސާޖީ ރޮބާޓޯއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
އޭގެ ތިން މިނެޓު ފަހުން ގްރަނޭޭޑާއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބާސާގެ ސާޖީ ރޮބާޓޯ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ގްރަނޭޑާގެ ޒަރަގޯޒާ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ ނުވަ މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ގިރޯނާއަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ބާސާއަށް ނުވަ މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް އަށް މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.