09 Oct 2023, 09:01
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް، އާސެނަލުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ސިޓީގެ މައްޗަށް އާސެނަލުން ކުރި ހޯދާފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ސިޓީގެ އެންމެ މުހިންމު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ރޮޑްރީ ސަސްޕެންޝަނެއްގައި ހުރި އިރު، ކެވިން ޑި ބްރޭނާ އަދިވެސް ހުރީ އަނިޔާގައެވެ. އަދި އާސެނަލުގެ އިނގިރޭސި ފޯވަޑް ބުކަޔޯ ސަކާ ވެސް ހުރީ އަނިޔާގައެވެ.
އެ މެޗު ފެށިތާ ފަސް މިނެޓުގެ ތެރޭގައި ލީޑު ހޯދުމަށް ސިޓީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ފިލް ފޮޑެން ދިން ބޯޅައަކުން ޖޮސްކޯ ގުވާޑިއޯލް ފޮނުވާލި ހަމަލާ، އާސެނަލުގެ ގޯލު ލައިންމަތިން އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ހާއްސަކޮށް ސިޓީގެ އެންމެ ކުރިއަށް ކުޅޭ އާލިން ހާލަންޑާއި އާސެނަލް ފޯވަޑް އެޑީ އެންކެޓިއާގެ ނުރައްކާ ފެނިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި އާސެނަލަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރައިސް ދިން ބޯޅައަކުން އާސެނަލްގެ ބްރެޒިލް މިޑްފީލްޑަރު ގެބްރިއަލް މާޓިނެލީ ފޮނުވާލި އެ ހަމަލާ، ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.
އާސެނަލުން ލީޑު ހޯދީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. ކައި ހަވާޓްޒް ދިން ބޯޅައަކުން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާޓިނެލީއެވެ. ޕެނަލްޓީ އޭރިއާ ބޭރުން މާޓިނެލީ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ސިޓީގެ ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭގެ ފައިގައި ޖެހިފައެވެ.
ޕްރިމިއާ ލީގުގައި ލިވަޕޫލުން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ބްރައިޓަން އަތުން 2-2ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އެ މެޗުގައި ލިވަޕޫލުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިސްރު ތަރި މުހައްމަދު ސަލާހެވެ. އަދި, ބްރައިޓަންގެ ގޯލުތައް ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓް ފޯވަޑް ސިމޮން އަޑިންގްރާ އާއި އިނގިރޭސި ޑިފެންޑަރު ލެވިސް ޑަންކްއެވެ.
ނިއުކާސަލް ވެސް ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން 2-2ގެ ނަތީޖާއަކުން ވެސްޓް ހާމް ޔުނައިޓެޑް އަތުން ވަނީ އެއްވަރުވެފައެވެ. އެ މެޗުގައި ނިއުކާސަލްގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޑަން ފޯވަޑް އެލެކްސެންޑާ އިސާކްއެވެ. އަދި ވެސްޓް ހާމްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޗެކް ރިޕަބްލިކް މިޑްފީލްޑަރު ތޯމަސް ސޫޗެކް އާއި ގާނާ މިޑްފީލްޑަރު މުހައްމަދު ކުޑުސްއެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ދެވަނައަށް ޖެހިލި އާސެނަލަށް، އެއިން ކޮންމެ ޓީމަކަށް އަށް މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ޕޮއިންޓުގެ ގޮތުންނާއި ގޯލުގެ ތަފާތުން ވެސް ދެ ޓީމު އެއްވަރުވެފައިވާ އިރު، ޓޮޓެންހަމް ކުރީގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. ސިޓީ ތިންވަނައިގައި އޮތީ އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. އަދި ހަތަރުވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.