14 May 2012, 14:12
ނިއުދިއްލީން ހުސައިން ހަސަން
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނު ނިސްބަތްވެވަޑައިގެންނަވާ އެމްޑީޕީގެ ނުފޫޒު ފޯރުވައިގެން ކޮމަންވެލްތު މިނިސްޓްރިއަލް އެކްޝަބް ގްރޫޕް (ސީއެމްގު) އިން ރާއްޖެ އަށް ބިރުދައްކައި ވަކިކަންތައްތަކެއް ކުރުމަށް މަޖުބޫރު ކުރުވަމުންދާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ތާޖު ޕެލަސް ހޮޓަލުގައި ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވައި ރައީސް ވަހީދު މިއަދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތް ގޮތް ރަނގަޅަށް ނުބަލައި ވަކި މުއްދަތެއްގެ ތެރޭގައި ވަކިކަންތައްތަކެއް ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ، އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެ ނިންމުންތަކަކީ ސަރުކާރާ އެއްވެސް ވަރަކަށް ވާހަކަދެއްކުމެއް ނެތި، ވަކި ބައެއްގެ ނުފޫޒު އެކުލެވިގެން ސަރުކާރަށް ހުށަހަޅާފައި ޑިމާންޑުތަކެއް ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.
އިންޑިއާގައި ތިބި އެތައް ގައުމުތަކެއްގެ ސަފީރުންގެ ކުރިފުޅުމަތީގައި އަދި ދިވެހި މީޑިއާގެ ހާޒިރުގައި ރައީސް ވިދާޅުވީ ކުދި ގައުމުތަކުގެ ޗެންޕިއަންކަން ހޯދައިފައިވާ ކޮމަންވެލްތުން ރާއްޖެ އަށް މަޖުބޫރު ކުރުވަނީ ކޮމަންވެލްތުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި އެއީ ރާއްޖެ އަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހީކުރީ ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ ޗެންޕިއަން ކަަމަށް. މިފަދަ ދަނޑިވަޅުގައި އަޅުގަނޑުމެންނަށް [ކޮމަންވެލްތުން] އެހީވާނެ ކަމަށް ސަރުކާރުން އުންމީދު ކުރީ. ނަމަވެސް އެބޭފުޅުން އިހުތިޔާރު ކުރީ ވަކި ބައެއްގެ ފިކުރެއް. އެއީ ރައީސް ނަޝީދުގެ ވިސްނުންފުޅު. އެ ނުފޫޒާއއެކު ރާއްޖެ އަށް އަދަބުދޭނެ ކަމަށް ކޮމަންވެލްތުން ބުނަމުން އެދަނީ،" ސަފީރަކު ދެެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އިނގިރޭސީންގެ އަޅުވެތި ކުރި 54 ގައުމުތަކުގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުން ރާއްޖެ ވަކި ކުރުމަށް ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުން މަޖިލީހަށް ބިލެއް ވައްދާފައިވާ ވާހަކަ ވެސް ރައީސް ވަނީ ސަފީރުންގެ އަރިހުގައި ވިދާޅުވެފަ އެވެ. އަރީސް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ އަށް އިންޒާރުތަކެއް ދެމުންދަނީ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް ސިޔާސީ ޕާޓީތަކަށް ގަބޫލު ކުރެވިގެން މަޖިލީހަށް ބިލެއް ވެއްދި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ބިލް މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލް ތަސްތީގު ނުކުރައްވާނެ ކަމަށެވެ. އަދި ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ އެމަނިކުފާނު ރުހޭ ކަމެއް ނޫން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވި ނަމަވެސް ރާއްޖޭގެ ފަތުރުރިކަމުގެ ދާއިރާއަށް އެކަމުގެ އެއްވެސް ލޮޅުމެއް މިހާރު ނާންނަ ކަމަށެވެ. އަދި ވެރިކަން ބަދަލުވި ދުވަހުން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވި ނަމަވެސް
އެއްވެސް ސްކޫލެއް އަދި މަދަރުސާއެއް، ކުންފުންޏެއް މިހާތަނަކަށް ސަރުކާރުން ބަންދުކޮށްފައި ނުވާނެ ކަމަށެވެ.
ބޭރު ގައުމުތަކުގެ ސަފީރުންނާ ރައީސް ބައްދަލު ކުރެއްވި އިރު، އެމަނިފާނުގެ އަރިހުގައި ފޮރިން މިނިސްޓަރް އަބްދުއްސަމަދު އަބްދުﷲ އާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒްއާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޏާ މައުމޫން ބައިވެރިވެވަޑައިގެންނެވި އެވެ.