ބަތަލާ ކަންގަނާ ރަނާވަތު އެއާފޯސް ޕައިލެޓެއްގެ ރޯލް ކުޅޭ ފިލްމު "ތެޖަސް"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

މި މަހުގެ 27 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާ މި ފިލްމަކީ، ބޮޑު ކާމިޔާބީ އެއް ހޯދި "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ ފިލްމެކެވެ.

ކަންގަނާ ރަނާވަތު ލީޑް ރޯލްއިން ފެންނާނެ މި ފިލްމަކީ، އިންޑިއާގެ އަންހެން އެއާފޯސް ޕައިލެޓް ތެޖަސް ގިލް އަސްކަރިއްޔާއަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އުފައްދާ ފިލްމެކެވެ.

އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރާ ޕައިލެޓުންގެ ބުރަ މަސައްކަތާ ޤައުމުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އެ ފަރާތްތަކުން ކުރާ މަސައްކަތް މި ފިލްމުން ވަރަށް ރަގަޅަށް ފެންނާނެ ކަމަށް ރޮނީ ވަނީ ބުނެފައެވެ.

ފިލްމު "ތެޖަސް"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ކަންގަނާގެ އެކްޓިންގްއަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ. ކަންގަނާގެ އެކްޝަން ފިލްމަކަށް އިންތިޒާރުކުރާ ކަމަށް ބުނަމުން ސަޕޯޓަރުން ބުނެފައި ވަނީ ބަތަލާގެ އެނބުރި އައުން ވަރަށް ވެސް ވަރުގަދަ ކަމަށެވެ. އަދި ތެޖަސް ގިލްގެ ވާހަކަ ކަންގަނާ އަށްވުރެ ރަގަޅަށް ސްކްރީނަށް ހުށަހަޅައިދެވޭނެ ބަތަލާ އެއް ނެތް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

"ތެޖަސް"ގެ ރޯލަށް ތައްޔާރު ވުމުގެ ގޮތުން ކަންގަނާ ވަނީ އިންޑިއާގެ އަސްކަރިއްޔާ އޮފިސަރުންނާ އެކު ހަތަރު މަސް ދުވަހުގެ ހާއްސަ ތަމްރީނު ތަކެއް ފުރިހަމަ ކޮށްފައެވެ. އަދި އިންޑިއާގެ ޑިފެންސް ރަމްޒުކޮށްދޭ ޔުނިފޯމް އަޅައިގެން ބެލުންތެރިންނަށް ރޯލެއް ހުށަހަޅައި ދެވުމަކީ ލިބުނު ޝަރަފެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ހަތަރު ފަހަރަށް އިންޑިއާގެ ޤައުމީ އެވޯޑް ކާމިޔާބު ކޮށްފައިވާ ބަތަލާގެ އިތުރު ފިލްމެއް އަންނަ މަހު ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ. މިއީ ކަންގަނާ އަމިއްލައަށް ޑައިރެކްޓްކޮށްފައިވާ ފިލްމު "އިމާޖެންސީ" އެވެ.