ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރެވޭ ވަރަށް އެމްޑީޕީން ސޮއި ހަމަކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް މުޙައްމަދު އަސްލަމް "ސަން"އަށް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މިހާރު 49 މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް އެ ގަރާރުގައި ސޮއިކުރަން އެދިފައިވާ ކަމަށާއި މާދަމާ ގަރާރު ރަސްމީކޮށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ނަމަވެސް މި ވަގުތު އަދި އޭގައި އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ސޮއި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ މެމްބަރުންނަށް އަދި ރީޗް ނުވެސް ވެވޭ. އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ހަމަ މީގައި ސޮއިކުރުމަށް އެދެމުން އަންނަނީ. އެ ކަމަށް ވަރަށް ތާއީދު ހަމަ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން އެދެނީ އެހެން ޕާޓީތަކުން ވެސް އެ މައްސަލައިގައި އެމްޑީޕީއަށް ތާއީދުކުރުމަށް ކަމަށެވެ.

ސޮއި ހަމަކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ފެށުމާއެެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅަން އެދި އިންޒާރުގެ މެސެޖު ފޮނުވަމުން އަންނަކަމަށް ވެސް އަސްލަމް މިރޭ ވަނީ ވިދާޅުވެފައެވެ.

އެ ކަމާ ގުޅިގެން އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އެންމެ ބޮޑު މައްސަލައަކީ އެ މަނިކުފާނު އެ ކަމެއް ކުރައްވަން ބޭނުންފުޅުވެވަޑައި ނުގަންނަވާނަމަ، އެ ކަމެއް ނުކުރުމަށް އެކި އުޒުރުތައް ދެއްކެވުންކަމަށެވެ.

އެއީ އެ މަނިކުފާނާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އަލުން ނިންމީ ވެސް މިއަދެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ މި ދައުރުގައި އިތުބާރު ނެތްކަމުުގެ މައްސަލަ ބަލައިގަންނަން ދަތި ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ދައުރުގައި ހުށަހެޅީ 54 މެންބަރުންގެ ސޮޔާ އެކުއެވެ.

މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.