ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އިއްޔެގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި އާއްމު ކުރި ތަސްވީރަކާ ގުޅިގެން ގިނަ ބަޔަކު ތިބީ ވާނުވާ ނޭނގިފައެވެ.

ސަލްމާން ޚާން ވަރަށް އުފާވެރި މޫނަކާ އެކު ފެންނަ މި ތަސްވީރާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައި ވަނީ ސަލްމާން އާއެކު ފުރަގަސް ދީގެން ހުރި ޒުވާން ފުރައިގެ އަންހެން ކުއްޖެއް ހުރެފައި މި ތަސްވީރާ އެކު ސަލްމާނު ދޫކޮށްލި ކެޕްޝަންގެ ސަބަބުންނެވެ.

ސަލްމާންގެ ހިތުގެ ހާއްސަ ބައެއް އާއްމުންނާ ހިއްސާ ކުރާނެ ކަމަށް ބުނެ ލިޔެފައިވާ ޕޯސްޓުގައި ކެޕްޝަން އަކަށް އެކްޓަރު ބުނަނީ ތަސްވީރުގައި ފެންނަ ފަރާތާއެކު އަބަދުވެސް ވާނެ ކަމަށެވެ. މިއީ ސަލްމާންގެ ލޯބީގެ ޙަޔާތުގެ ހަޤީޤަތް ހޯދަން ޝައުގުވެރިވާ ގިނަ ފަރާތްތަކެއްގެ ސަމާލުކަން ޕޯސްޓަކަށް ވާއިރު އަނެއްކާ ސަލްމާން ޚާން ކައިވެނި ކުރަން އުޅެނީތޯ އަހާ، އެއްބަޔަކު އަނެއް ބަޔަކަށް ސޯޝަލް މީޑިއާގައި ވަނީ ބަހުސް ހިންގާފައެވެ.

ސަލްމާން ޚާންގެ ގޮތް ނޭނގޭ ތަސްވީރާ އެކު ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ސަންގީތާ ވަނީ މި ޕޯސްޓު ވަރަށް ލޯބި ކަމަށް ބުނެ ކޮމެންޓު ކޮށްފައެވެ.

ސަލްމާން ޚާންގެ އަމިއްލަ އުފަންދުވަހުގެ ތާރީޚު ދެ މީހުންގެ ޖެކެޓުގައި ވެސް ބޭނުން ކޮށްފައިވާއިރު ދޭން ބޭނުންވަނީ ކޮން މެސެޖެއްތޯ ބަލާލުމަށް އެކްޓަރުގެ ސަޕޯޓަރުން ތިބީ ކެތްމަދު ވެފައެވެ. ސަލްމާން ޚާންގެ އާއިލާ މެމްބަރުންގެ ތެރެއިން އެކްޓަރަށް ބޮޑު ބޭބެ ކިޔާ ތުއްތު އާޔަތު އުފަންވެފައި ވަނީ ވެސް ސަލްމާން ޚާންގެ އުފަން ދުވަހުއެވެ.

ކުރިޔަށް އޮތް ނޮވެމްބަރ 10 ވަނަ ދުވަހަކީ، ސަލްމާން ޚާންގެ ފިލްމު "ޓައިގާ3" ސިނަމާ ތަކަށް އަންނާނެ ދުވަހަށް ވާއިރު ސަލްމާނަށް ބޮޑު ބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ފިލްމީ ދާއިރާއަށް ތަޢާރަފްވާ ފިލްމު "ފައްރާ" އެކްޓަރު ވަނީ އިއުލާނު ކޮށްފައެވެ. މި ފިލްމުގެ ޓީޒާ އާއްމުކޮށްފައި ވާއިރު ފިލްމު ސިނަމާ ތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.