މި ވަގުތު ހޮލީވުޑްގައި ހުރި އެންމެ މަގުބޫލު ރެޕް ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޑްރޭކް މިއުޒިކުން ބްރޭކެއް ނެގުމަށް ނިންމައިފިއެވެ.

ޑްރޭކް ވަނީ ދާދި ފަހުން އޭނާގެ އާ ސްޓޫޑިއޯ އަލްބަމް "ފޮ އޯލް ދަ ޑޯގްސް" ރިލީޒްކޮށްފައެވެ. މިއުޒިކް ރިލީޒްކޮށް މާ ގިނަ އިރު ތަކެއް ނުވަނީސް ޑްރޭކް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވަނީ އޭނާ މިއުޒިކުން ބްރޭކެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އޭނާގެ ރޭޑިއޯ ޝޯގައި ބުނެފައިވަނީ ކުޑަ މުއްދަތަކަށް ދެން މިއުޒިކް އުފެއްދުމާ ދުރަށް ޖެހިލާނެ ކަމަށެވެ.

"މިއީ މިއުޒިކް އުފެއްދުން ހުއްޓާލުމެއް ނޫން. އެކަމަކު ކުޑަކޮށް ދުރަށް ޖެހިލަނީ. އަމިއްލަ ނަފުސަށް ސަމާލުކަމެއް ދިނުމުގެ ބޭނުމުގައި،" ޑްރޭކް ބުންޏެވެ.

ޑްރޭކް ބުނި ގޮތުގައި އޭނަގެ ބަނޑުގެ މައްސަލައެއް އުޅޭތާ ވަރަށް ދުވަސް ވެއްޖެއެވެ. އަދި, އެކަމަށް އެކަށީގެންވާ ފަރުވާ ދެވިފައިނުވާ ކަމަށް ފާހަގަކޮށް އޭނާ ބުނެފައިވަނީ މި ބްރޭކް މި ނަގަނީ އަމިއްލަ ސިއްހަތަށް ސަމާލުކަން ދިނުމަށް ކަމަށެވެ.

"އެހެންވީމާ އަހަރެންގެ މިއުޒިކް ސްޓޫޑިއޯގައި ކުޑަ މުއްދަތަކަށް ތަޅު އަޅުވާލާނަން. އެތަނަށް ނުވަންނާނަން މުއްދަތަކަށް،" ޑްރޭކް ފާހަގަކުރިއެވެ.

ޑްރޭކް އެ ފާހަގަކުރާ ކުޑަ މުއްދަތަކީ ކިހާ ދުވަހެއް ކަމެއް ނޭނގޭ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. ފަހަރެއްގައި އެއީ އަހަރެއްގެ މުއްދަތަށް ވުން ވެސް އެކަށީގެންވާ ކަމަށް ވެސް އޭނާ ބުންޏެވެ. ފަހަރެއްގައި އެ މުއްދަތު އެއަށްވުރެ ވެސް އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑްރޭކް ފާހަގަކުރިއެވެ.

ޑްރޭކް މިއުޒިކް ނެރެފައިވާއިރު އޭނާ އަންނަނީ ބޮޑު ޓުއާއެއް ވެސް ދެމުންނެވެ. އެގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގައި ޓޮރޮންޓޯގައި ޑްރޭކް ޕަފޯމް ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ. މިއީ މިވަގުތު އޭނާ ދޭން ހުރި އެންމެ ފަހު ޝޯތަކެވެ. އެއަށްފަހު ތާވަލުކޮށްފައިވާ ހުރިހާ ޝޯތަކެއް ވަނީ ޕޯސްޓްޕޯން ކޮށްފައެވެ. އަދި އެ ޝޯތައް ދެން ދޭޭނެ ދުވަހެއް ނޭނގެއެވެ.