ޗައިނާގެ އިގްތިޞާދު ކުރިއަރައި ބޮޑުވާ ވަރަކަށް ރާއްޖެއަށް ވެސް އެކަމުގެ ހެޔޮ އަސަރުކުރާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވަންގް ލީޝިން މިރޭ ވިދާޅުވެއްޖެއެވެ.

ޗައިނާގެ އަހަރީ ދުުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ލީޝިން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މަސައްކަތާއެކު އިޖުތިމާއީ ގޮތުން އެތައް ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޒަމާނަށް ހޭލެވިފައިވާ މުޖުތަމައުއެއް ބިނާކުރެވި ފަގީރުކަން ނައްތައިލެވިފައިވާކަމަށް ލީޝިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗައިނާއިން އިސްކަންދީ ކުރިއަރުވަނީ ޒަމާނީ ތަރައްގީކަމަށެވެ. މި އަހަރު ޗައިނާގެ އިގްތިޞާދު 5.2 ޕަސެންޓް ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފައިވާކަން ފާހަގަކުރައްވައި ލީޝިން ވިދާޅުވީ ޗައިނާއަކީ ބޮޑު އިގުތިޞާދެއް ކަމަށެވެ.

ޗައިނާ އެމްބަސީން ބޭއްވި ހަފުލާގައި ޗައިނާ އެމްބެސެޑަރު ވާހަކަދައްކަވަނީ --

އެއާއެކު ޗައިނާގެ އިގުތިޞާދު ކުރިއެރުން ވާނީ އިތުރު ފުރުސަތުތައް އެހެން ގައުމުތަކަށް ވެސް ފަހިވާނެ ކަމެއްގެ ގޮތުގައި ލީޝިން ސިފަކުރެއްވިއެވެ.

"ޗައިނާގެ އިގްތިޞާދު ކުރިއަރައި ތަރައްގީވުން ވެގެންދާނީ އިތުރު ފުރުސަތުތައް ހުރިހާ ގައުމަކަށް ރާއްޖެ ހިމެނޭހެން ފަހިވާނެ ކަމަކަށް،" އެކަމަނާ ވިދާޅުވިއެވެ.

ދުނިޔެ ތަރައްގީކުރުމުގައި ޗައިނާއިން ގެންގުޅޭ ވިސްނުމާއި، ތަސައްވުރު، ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާއި، ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވްއާއި ގްލޯބަލް ސިވިލައިޒޭޝަންގެ ތެރެއިން ހާމަވާކަމަށް ވެސް ލީޝިން ވިދާޅުވިއެވެ.

ޗައިނާގެ އަހަރީ ދުުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަފުލާގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގަތެވެ. މިއީ މި ދެ ބޭފުޅުން ވެސް އިންތިޚާބުވެވަޑައިގަތް ފަހުން، ބޭރު ގައުމެއްގެ ފަރާތުން ބޭއްވި ހަފުލާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ދައުލަތުގެ އިސް ވަޒީރުންނާއި، އުއްތަމަ ފަނޑިޔާރު ވެސް މި ހަފުލާގައި ބައިވެރިވެވަޑައިގަތެވެ.