އިޒްރޭލުގައި ކުރިޔަށް ދިޔަ ހައިފާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ބައިވެރިވުމަށް އެ ޤައުމަށް ގޮސް ހުރި ބޮލީވުޑް ބަތަލާ ނުޝްރަތަށް ސަލާމަތުން އެނބުރި އިންޑިއާއަށް ދެވިއްޖެކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާޢަތުން އިޒްރޭލާ ދެކޮޅަށް ދޭން ފެށި ޙަމަލާތަކާއެކު ނުޝްރަތު އިޒުރޭލުގައި ތާށިވި ނަމަވެސް އިންޑިއާގެ އެމްބަސީގެ އެހީތެރި ކަމާއެކު ބަތަލާ ވަނީ އިއްޔެގެ ވަގުތެއްގައި އެނބުރި އިންޑިއާއަށް ގޮސްފައެވެ.

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ނުޝްރަތުގެ ޓީމުން ބަތަލާއާ ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބު ވުމުން އެ ޓީމަށާއި ބަތަލާގެ ޢާއިލާ ވަރަށް ކަންބޮނޑުވި ކަމަށާއި ނަމަވެސް ފަހުން ނުޝްރަތު ސަލާމަތުން ހުރި ކަމަށް ޓީމުން ވަނީ އާއިލާއަށް އަންގާފައެވެ.

ހަމާސްއިން އިޒުރޭލަށް ދެމުން ދިޔަ ޙަމަލާ ތަކާ ގުޅިގެން އެ ސަރަޙައްދުގެ ހާލަތު ގޯސްވެފަ ވާއިރު ނުޝްރަތު އެންމެ ފަހުން ކުޅެފައިވާ ފިލްމު "އަކޭލީ" އަކީ ވެސް ހަނގުރާމަވެރި ސަރަޙައްދެއްގައި ތާށިވެ އެނބުރި އަމިއްލަ ޤައުމަށް ނުދެވި ހުރި އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ފިލްމު "ޕިޔާރު ކާ ޕަންޗްނާމާ" އަދި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ފަދަ ފިލްމު ތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ ރައްކާތެރި ކަމާއެކު އެނބުރި ޤައުމަށް ދިޔަ ޚަބަރާ އެކު ނުޝްރަތަށް ހެޔޮ އެދޭ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ޢަދަދަކަށް މެސެޖު ކޮށްފައެވެ. ނުޝްރަތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޕޯސްޓު ޕްރޮޑަކްޝަން މަރުޙަލާގައި އޮތް ފިލްމު "ޗޯރީ2" އިންނެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނު ނުކުރެއެވެ.