ނިއުދިއްލީގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް ދާއިރާތަކުގެ ބޭފުޅުންނާ ރައީސް ޑރ. މުހައްމަދު ވަހީދު ބައްދަލުކުރައްވައިފި އެވެ.

ދިއްލީގައި ރައީސް ވަހީދު ހުންނަވާ ހޮޓެލްގައި މިއަދު މެންދުރު އޮތް މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ނިއުދިއްލީގައި ތިއްބެވި ޑިޕްލޮމެޓިކް ބޭފުޅުންނާ ބައްދަލުކޮށްލެއްވުމަކީ އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވެ އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އިންޑިއާ އަށް އެމަނިކުފާނު މިކުރައްވާ ދަތުރުފުޅާއި ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށާއި އަދި 7 ފެބްރުއަރީގައި ވެރިކަން ބަދަލުވުމާ ގުޅިގެން ކަންކަން ހިނގަމުން ދިޔަ ގޮތުގެ މައްޗަށް ބައްލަވާލައްވައި އެކަންކަން ސަފީރުންނާ ހިއްސާ ކުރެއްވި އެވެ. އަދި މިވަގުތު ކުރިމަތިވެވަޑައިގެންފައިވާ ބައެއް ގޮންޖެހުންތަކުގެ މައްޗަށް ވެސް ރައީސް ބައްލަވާލައްވަމުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަން ކަމުގައި ވިދާޅުވެ އަދި އެކަމުގައި އިންޑިއާ އިން އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ގާނޫނު އަސާސީގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ.

އަވަސް އިންތިހާބަކަށް ގޮވާލުމަށް އިޝާރާތް ކުރައްވަމުން ރައީސް ވަނީ ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވޭނެ ހާލަތު ސަފީރުންނަށް އޮޅުންފިލުއްވައިދެއްްވާފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކަމަށް ތަންނުދޭ ކަމަށާއި އެކަން ކުރެވެން އަންނަނީ ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެނެސްގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެން މެނުވީ ގާނޫނު އަސާސީ އަށް ބަދަލު ނުގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރައްވައި ހަރުދަނާ ކުރެއްވުމަށާއި އަދި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް، އެ ގަައުމުތަކުގެ ސަފީރުންގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.