ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް އަނެއްކާ ވެސް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ)އިން ހުށަހަޅަން ނިންމި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅަން އެދި އިންޒާރުގެ މެސެޖު އެކި މެމްބަރުންނަށް އެ މަނިކުފާނު ފޮނުއްވަމުން ގެންދަވާކަމަށް ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެ ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މިހާރު އެތައް މެމްބަރުންތަކަކަށް އިންޒާރުގެ މެސެޖު ފޮނުއްވަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް ކަމަކީ ވަރަށް ސާފުކޮށް ކުރެވެން އޮންނަ ކަމެއް ކަމަށާއި އެ ކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އެންމެ ބޮޑު މައްސަލައަކީ އެ މަނިކުފާނު އެ ކަމެއް ކުރައްވަން ބޭނުންފުޅުވެވަޑައި ނުގަންނަވާނަމަ، އެ ކަމެއް ނުކުރުމަށް އެކި އުޒުރުތައް ދެއްކެވުންކަމަށެވެ.

އެއީ އެ މަނިކުފާނާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު އެތައް ބޭފުޅުންތަކަކަށް އިންޒާރުގެ މެސެޖު ފޮނުއްވައިގެން އެބަ އުޅުއްވާ. ވަރަށް ގިނަ މެމްބަރުންނަށް އިންޒާރުގެ މެސެޖު ފޮނުއްވަން ފަށައިފި. ނަގައިފިއްޔާ މިހެންނޭވާނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅަން އެދިވަޑައިގަތުމުގެ ފުރުސަތު ނަޝީދަށް އޮތް ކަމަށެވެ.

ނަމަވެސް އެ ކަން ނުކުރާކަށް، ނުވަތަ ބަލައިނުގަނެވޭނޭކަމަށް ނުދެންނެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. ފަހަރުގައި ރައީސް ނަޝީދު މަސައްކަތްކުރެއްވީ އެ ފަދައިން ވިދާޅުވުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސަކަށް މަޖިލީހުގެ ގަވައިދު ވެސް އެނގެންވާނެ. ގަވައިދުގެ އެއްވެސް ތަންކޮޅެއްގައި ނީންނާނެ ވާހަކައަކީ އެ ކަން ނުކުރެވޭނެ ކަމަކަށް. އެހެންވީމާ ރައީސް ނަޝީދަށް އެ ކަން ނުކުރެވޭނޭ ވިދާޅުވެ އެ ކަން ނުކުރަންވީނޫންހޭ ވިދާޅުވާން އުޅުނީ،" އަސްލަމް ވިދާޅުވިއެވެ.

މި ތުހުމަތުތަކާ ގުޅިގެން ވާހަކަދައްކަވަމުން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެލައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް "ސަން"އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް އެއްވެސް އިންޒާރުގެ މެސެޖެއް ރައީސް ނަޝީދު ނުފޮނުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

"އަޅުގަނޑަށް ޔަގީންވާ އެއް ކަމެއް އެބައޮތް، އެއީ އިންޒާރެއް ދީފައި އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނުފޮނުއްވާނެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލިސް އެއްވެސް މެމްބަރަކަށް ނުފޮނުއްވާނެ،" އޭނާ ވިދާޅުވިއެވެ.

މެސެޖެއް ފޮނުއްވަމުން ގެންދަވާނަމަ އެއީ އިންޒާރެއްތޯ ނުވަތަ އެ މައްސަލަ ހުށަހެޅުމުން ގަވައިދުގައި ދެން އަމަލުކުރަން އޮންނާނެ ގޮތަކާމެދު ވިދާޅުވި އެއްޗެއްތޯ ޔަގީންކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުލިބޭ އެއްވެސް މެސެޖެއް،" ހަސަން ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އަލުން ނިންމީ މިއަދެވެ.