އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މަޖިލިސް ވަޓްސްއެޕް ގުރޫޕުގައި ކުރެއްވި މެސެޖަކަށް ކުރެއްވި ރިޕްލައިއެއްގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތްކަމުގެ އެންމެ މައްސަލައެއް ކަމަށެވެ. އެހެންކަމުން މިދިޔަ ދައުރުގައި ހުށަހެޅުމަށް ފަހު މި ދައުރުގައި އަނބުރާ ގެންގޮސްފައިވާ މައްސަލައެއް އަލުން ހުށަަހެޅުން މަޖިލީހަށް ބަލައިގަތުންވާނީ ދަތިކަމަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށް އަނބުރައި ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މި ކަން ވާނީ،" އެ މަނިކުފާނު ފޮނުއްވި މެސެޖުގައިވެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕީޖީން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އަލުން ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެކަމަށް މައުލޫމާތު ލިބެއެވެ.

ޖުމްލަ 54 މެންބަރުގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގާފައެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ, މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކި ކުރުމުގެ މައްސަލަ އަލުން ހުށަހެޅުމަށް ފާސްކޮށްފައެވެ.

އެކަން ވަނީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު 'ސަން'އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަސްލަމް ވިދާޅުވީ, ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށެހެޅުމަށް ފާސްކޮށްފައިވަނީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުން އަންނަނީ ސޮއި ހަމަ ކުރަމުންނެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ 22 މެންބަރުންގެ ސޮއި ލިބިގެންނެވެ. އެމްޑީޕީގައި އެކަނި ވެސް އެ އަދަދަށްވުރެ އިތުރަށް މަޖިލިސް މެންބަރުން ތިއްބަވައެވެ.

މި ވަގުތު އެމްޑީޕީގައި 56 މެންބަރުން އެބަތިއްބެވެ.