08 Oct 2023, 14:22
މާލޭގައި އިއްޔެ އަންހެނަކު ފިރިހެނެއްގެ ގަޔަށް ވަޅި ޖެހި މައްސަލައިގައި ވަޅި ޖެހި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައި ދީފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީފައިވާ ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ 11:02 ހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހި މީހާއަކީ އުމުރުން 29 އަހަރުގެ އަންހެކެވެ.
އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ސޯޝަލް މީޑިއާގައި ދަރުވާ ވީޑިއޯއިން ފެންނަނީ މާލޭގެ ފޯނު ވިއްކާ ފިހާރައަކަށް އަންހެނަކު ވަދެ އެތަނުގެ ފިރިހެން މުވައްޒަފަކާ ވާހަކަ ދައްކާ މަންޒަރެވެ. އިރުކޮޅެއް ފަހުން އެ އަންހެން މީހާ ވަޅިއެއް ނަގައި ކުއްލިއަކަށް މުވައްޒަފުގެ ކަރުގައި ވަޅި ދަމާލުމަށް ފަހު އޭނާ ނުކުމެގެން ދަނީއެވެ.
އޭޑިކޭއިން ބުނީ މި ހަމަލާގައި ޒަހަމްވި މީހާގެ ހާލު ރަނގަޅު ކަމަށެވެ.