ޓެލްއަވީވު (08 އޮކްޓޯބަރު 2023): ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޙަމާސް ޖަމާއަތުގެ މުޖާހިދުން "އޮޕަރޭޝަން އަގްސާ ފްލަޑް"ގެ ނަމުގައި ޔަހޫދީ އިސްރާއީލާ ދެކޮޅަށް ފަށާފައިވާ ކުއްލި އަސްކަރީ އޮޕަރޭޝަންގައި އިސްރާއީލުގެ ސިފައިންނާއި އާންމުން ހިމެނޭ ގޮތަށް 750 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިންނާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ "ޖެރޫސަލަމް ޕޯސްޓް" ބުނާ ގޮތުން ހަމާސްގެ ހަނގުރާމަވެރިން ހިފި އިސްރާއީލުގެ ޔަހޫދީ އަވަށްތަކުގައި ތިބި އިސްރާއީލު ސިފައިންނާއި ސިފައިންގެ އޮފްސަރުންނާއި ކޮމަންޑަރުންނާ އަދި އާންމުން ހިމެނޭގޮތަށް އިސްރާއީލުގެ 750 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިޔާ އިތުރު ތަފުސީލެއް ނުދެއްވައެވެ.

"ޖެރޫސަލަމް ޕޯސްޓް" ބުނާ ގޮތުން ގެއްލިފައިވާ މި 750 ވަރަކަށް މީހުންނާ މެދު ބެލެވެނީ ހަމާސްގެ ހަނގުރާމަވެރިންގެ އަތްދަށުގައި އަސީރުންގެ ގޮތުގައި އެ މީހުން ހައްޔަރުވެފައި ތިބުމެވެ. ހަމާސްގެ ކޮމާންޑަރެއް ކަމަށްވާ އަބޫއުބައިދާ ވަނީ އިސްރާއީލުގެ ވެރިން ހިތަށް ވެސް ނުގެނެވޭ ވަރުގެ ގިނަ އަދަދަކަށް އިސްރާއީލުގެ ސިފައިންނާއި އޮފްސަރުން އަސީރުންގެ ގޮތުގައި ހަމާސްއިން ހައްޔަރުކޮށްފައިވާކަން ހަމަކުރައްވާފައެވެ. އަބޫއުބައިދާ ވިދާޅުވި ގޮތުގައި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުން ވަނީ ރައްކާތެރި ތަންތަނަށް ގެންގޮސްފައެވެ.

ޣައްޒާގެ ބިމުގެ އަޑީގައި ހަމާސްއިން ބޮޑެތި ބިން ގަރާސްތަކެއް ހަދާފައިވާއިރު މި ބިންގަރާސްތަކަކީ އިސްރާއީލު ދޭ ވައިގެ ހަމަލާތަކުން ރައްކާތެރިވުމުގެ ގާބިލްކަން ލިބިފައިވާތަންތަނެވެ. އެމެރިކާ އިސްރާއީލަށް ދީފައިވާ ޒަމާނީ ފައިޓާޖެޓްތަކުން ތަކުރާރުކޮށް ޣައްޒާއަށް ބޮންއަޅައި އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި އޮފީސް އިމާރާތްތައް ބިމާ ހަމަކުރަމުން ގެންދާއިރު ފާއިތުވި 15 ވަރަކަށް ގަޑީއިރު ތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 250 އަށްވުރެ ގިނަ މީހުން ބޮމުގެ ހަމަލާތަކުގައި ޝަހީދުކޮށްލައި 1000އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.

ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ޓޭންކެއް އަތުލައި ގަތުމަށްފަހު އޭގައި ފަލަސްތީނުގެ ދިދަ ނައިގައިގެން

ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ސިފައިންނާއި އޮފްސަރުންނާ އަދި ކޮމާންޑަރުން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ އިސްރާއީލުގެ ސިފައިން ނަފުސާނީ ގޮތުން ނިކަމެތި ކޮށްލުމަށްޓަކައި ވަރަށް ހަރުކަށި ގޮތްގޮތަށެވެ. އިސްރާއީލުގެ ބައެއް ޖެނެރަލުންގެ ކަރުގައި ވާޖަހައިގެން ބިންމަތީގައި ދަމާތަން ފެންނައިރު އަނެއްބައި ސިފައިންނާއި އޮފިސަރުން ދެއަތް ފުރަގަހަށްލައި ބަނދެގެން ލަފުގައި ހިފައިގެން ގެންދާ މަންޒަރު ވެސް ހަމާސް ގެ އަސްކަރީ މީޑީއާއިން ވަނީ ހާމަކޮށްފައެވެ.

މިކަމުގެ ސަބަބުން އިސްރާއީލު ސިފައިންގެ ބަލިކަށިކަމާއި ނަގާބިލުކަންވަނީ ހާމަވެފައެވެ. އިސްރާއީލަކީ ބަލިނުކުރެވޭނެ އާދަޔާ ޚިލާފު ބާރެއް ކަމަށް ޒަމާނުއްސުރެ ކުރަމުން އައި ޕްރޮޕަގެންޑާތައް ވަނީ ފުލޯކަކަށް ވެފައެވެ. އަދި އިސްރާއީލުގެ ޖާސޫސީ އިދާރާ (މޫސާދު) އަކީ ދުނިޔޭގެ އެއްވަނަ ޖާސޫސީ އިދާރާ ކަމަށް ބުނެ އިސްރާއީލާއި އެމެރިކާއާއި ޔޫރަޕުން ޕޯޓްރޭ ކުރި ކުރުންވަނީ ބޭޒާރުވެ، އެ އިދާރާގެ ބަލިކަށިކަންވަނީ ހާމަވެފައެވެ.

އަސީރުކޮށް ހައްޔަރުކުރި އިސްރާއީލުގެ ބައެއް ސިފައިންނާއި ކޮމާންޑަރުންނަކީ ބޮޑެތި މުޖުރިމުންނެވެ. ފަލަސްތީނުގެ އާންމުން މެރުމުގެ ޖަރީމާތައް ހިންގުމުގެ ފުޅާ ދާއިރާއެއްގައި ޝާމިލުވެފައިވާ މީހުން ކަމަށް ހަމާސްގެ ބަޔާނެއް ބުނެއެވެ.

އަނެއްކޮޅުން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނަކީ މަދަނީ ބަޔަކަށް ވިޔަސް އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި އެ ތަންތަނުގައި އިސްރާއީލު އަޅާފައިވާ ގެތަކާއި ހައުސިން ޔުނިޓްތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންނަކީ ވެސް ފަލަސްތީނު އިސްތިއުމާރު ކުރުމުގައި އިސްރާއީލުގެ ބައިވެރިންނެވެ.

އަދި، އެ މީހުންނަކީ މަސްޖިދުލްއަގްސާއަށް ގޯނާކޮށް ފަލަސްތީނުގެ އާންމުންނަށް ހަމަލާދީ ފަލަސްތީނުގެ ގެދޮރުގައި ހުޅުޖަހައި ފަލަސްތީނު މީހުން ހައްޔަރުކުރުމުގައި އސްރާއީލަށް ވާގިވެރިވާ މީހުންކަމުން އެއީ މަދަނީ ބައެއް ކަމަށް ހަމާސްއިން ނުދެކެއެވެ.

ފަލަސްތީނުގެ މުޖާހިދުން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ހިންގި އަސްކަރީ ކުއްލި އޮޕަރޭޝަންގައި މަރުވި އިސްރާއީލު މީހުންގެ އަދަދު ވަނީ 300 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވެސް ވަނީ 1600 އަށްވުރެ މައްޗަށް ގޮސްފައެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 270 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު 1000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.