14 May 2012, 13:14
ނޮވެމްބަރު 3، 1988ގައި ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ގުޅިގެން ރާއްޖެ އަށް ހަމަލާދީ 19 ދިވެއްސަކު ޝަހީދުކޮށްލި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރިތަނަކުން ހޯދައި ޑީޕީއާރްއެސްއާ ހަވާލުކުރަން ހޯމް މިނިސްޓްރީން ފުލުހުންނަށް އަންގައިފި އެވެ.
އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ހުރި ލުތުފީ އަށް ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް އެއް އަހަރު ދުވަހަށް ދިޔުމުގެ ހުއްދަ ދިނީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުންނެވެ. ނަމަވެސް އެ މުއްދަތު 2010ގެ ޖެނުއަރީއަށް ހަމަވި އިރުވެސް އޭނާ އެނބުރި ރާއްޖެ އައިސްފައެއްނުވެ އެވެ. އެހެންކަމުން އޭރު ސަރުކާރުން ނިންމާފައި ވަނީ ލުތުފީއަކީ ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) މިއަދު ވިދާޅުވީ އޭރު އަމަލުކުރާ އުސޫލުގެ ދަށުން ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަކަށް ދާން ލުތުފީ އަށް ހުއްދަ ދޫކޮށްފައި ވަނީ ޓްރެވަލް ޑޮކިއުމަންޓެއްގެ ދަށުން ބޭސްކުރަން އިންޑިއާ އަށް ދިޔުމަށް ކަމަށާއި ނަމަވެސް އޭނާ މިހާރު އުޅެމުން ދަނީ އެހެން ނަމެއްގައި ސްރީލަންކާގެ ކޮލަމްބޯގައި މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެދާނެ އަޅުގަނޑުމެން ފުލުހުންނަށް އެންގިތާ ލުތުފީ ގެނެސް އަޅުގަނޑުމެންނާ ހވާލުކުރަން، އޭނާ [ލުތުފީ] އިންޑިއާއަށް ބޭސްފަރުވާއަކަށް ދާން ލާފަ އޮންނަ ސިޓީއަކަށް އޭނަ ފޮނުވާފައި ވަނީ، އިންޑިއާ ޓިކެޓްގެ ކޮޕީއަކާއި އެއްކޮށް އެ ސިޓީ މި އޮންނަނީ، އެއް އަހަރު ދުވަހުގެ މުއްދަތައް ޓްރެވަލް ޑޮކިއުމަންޓް ޕާސްޕޯޓް ދޫކޮށް ހަދައިދޭ ކަމަށް ވަނީ، ދެން އެގޮތުން އޭނައަށް މި އޮންނަނީ އިންޑިއާއަށް ދާން ހުއްދަދީފައި. ނަމަވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އޭނަ ދިރިއުޅެނީ ލަންކާގެ ކޮލަމްބޯގައޭ، އަދި އެހެން ނަމެއްގައޭ ދިރިއުޅެނީވެސް، މިއީ އަނެއްކާ ދޫކޮށްފައި އޮންނަ ޑޮކިއުމަންޓާ ވެސް ހިލާފަށް މި އުޅެނީ، އެހެންވެ ފުލުހުންނަށް އަންގާފައި އޮންނާނީ އޭނާ ހުރިތަނަކުން ގެނެސް ހަވާލުކުރަން،" ފަޔާޒް ވިދާޅުވި އެވެ.
އެފްއޭ ވިދާޅުވީ ކުށްވެރިއަކު އަދި ހާއްސަކޮށް އެފަދަ ބޮޑު ކުށެއް ކޮށްފައިވާ މީހަކު ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ސިޓީއަކުން އެދުމުން ފުރުމުގެ ހުއްދަ ދިނުމަކީ އޭރު އަމަލުކުރާ އުސޫލުގެ ދަށުން ކަންކޮށްފައިވާ ގޮތެއް ނޫން ކަން އެނގެން އޮތް ކަމަށާއި ލުތުފީ ފުރުމުގެ ހުއްދަ ދޫކޮށްފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ.
"އޭރުވެސް އެނގެން އެބައޮތް އެހާ ސިމްޕަލްކޮށް ހަމަ ސިޓީއަކުން ބުނެލައިގެން އެކަލަހަ ހުއްދަ ދޫކުރާ ކަމެއް، އެއީ އެހާ ފަސޭހައިން ލިބޭ ހުއްދައެއް ނޫން. އެކަމަކު އެބޭފުޅާ އަށް މި ވަނީ އެ ހުއްދަ ލިބިފައި. މިއީ އެ ހުއްދަ ދެވޭނެ ގޮތެއް ނޫން،" އެފްއޭ ވިދާޅުވި އެވެ.
ލުތުފީ އަނބުރާ ގެންނަނީ ހުކުމް ތަންފީޒް ކުރަނިކޮށް މުޖުތަމައަށް ދޫވެފައިވާ މީހުން އަނބުރާ ހުކުމަށް ރުޖޫއަ ކުރުމަށް ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުކުމް ތަންފީޒް ކުރާ މީހުން ސަރުކާރުން ބޭނުންވުމުން ދޫކޮށްލެވޭ ގޮތައް އޮންނަ ނިޒާމް ނައްތާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަވާއިދު ވެސް ބަދަލުކޮށްފައި ހުންނާނީ އެގޮތަށް ހަމަ ބޭސްފަރުވާއަށޭ ކިޔާފައި ބޭރަށް ނުފޮނުވޭ ގޮތަށް. ކުރިން އެގޮތައް ދޫކުރެވިފައި ތިބި ހުރިހާ ކުށްވެރިން ވެސް ހުކުމަށް ގެނައުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ، ލުތުފީވީމައެއް ނޫން އެކަން އެގޮތައް މިކުރަނީ،"
އޭނާ ވިދާޅުވީ ލުތުފީ އަނބުރާ ގެނެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި ފުލުހުން ވެސް އެކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.
ލުތުފީ ރާއްޖޭން ބޭރުގައި އުޅެމުންދާ އިރު އޭނާ ދެން ރާއްޖެ ނާންނާނެ ކަމަށް ލުތުފީ އޭނާގެ ބައެއް ރައްޓެހިންގާތު ބުނެފައިވާ ކަމަށް މީގެ ކުރިން މީޑިއާގައި ވަނީ ހަބަރު ފެތިރިފަ އެވެ. އަދި ލުތުފީ ވަނީ ކޮލަމްބޯގައި ހުރެ ލަންކާގެ ބައެއް މީޑިއާތަކަށް އިންޓަވިއުތައް ވެސް ދީފަ އެވެ.