08 Oct 2023, 13:35
މި އަހަރުގެ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް (އައިއެމްޓީއެމް) ފެއާ މިއަދު ފަށައިފިއެވެ.
މި ފެއާ ފެށީ މަންހަޓަން ބިޒްނަސް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ނައުޝާދު މުހައްމަދާއި ނައިޖީރިއަންސް ޓްރެވަލް ޓޫ (އެންޓީޓީ)ގެ ފަރާތުން އެލިޒަބަތް އަގްބޫލާ ވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ޚާލިދު ވިދާޅުވީ މި ފެއާ އަކީ އައިއެމްޓީއެމްގެ ހަވަނަ ފެއާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ މިހާރު ހާސިލު ވެފައިމިވާ ކާމިޔާބީއަކީ ތަސައްވަރުވެސް ނުކުރާހާ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އައިއެމްޓީއެމް ފެއާގެ ތެރެއިން-- ސަން ފޮޓޯ/މުހައްމަދު މާވީ
"ފަސް އަހަރު ކުރިން މި ޖާނީގެ ތެރެއަށް އަޅުގަނޑުމެން ވަތް އިރު އެކަކު ވެސް ތަސައްވަރެއް ނުކުރާނެ އަޅުގަނޑުމެން މިހާ ހިސާބަށް އައިސްދާނެކަމަކަށް" ޝިއުނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ކާމިޔާބީ އަކީ ކުޑަ ޓީމަކުން ދެކެމުން އައި ބޮޑު ހުވަފެނެއް ކަމަށެވެ. އަދި އައިއެމްޓީއެމް 2023 އަކީ ކަނޑައެޅުމެއްނެތި ކުރި ބުރަ މަސައްކަތުން ހާސިލްވި ލަނޑު ދަނޑިއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އައިއެމްޓީއެމް ފެއާގެ ތެރެއިން-- ސަން ފޮޓޯ/މުހައްމަދު މާވީ
"އަދި އައިއެމްޓީއެމުން ތަސައްވަރު ކުރަނީ ރާއްޖެ ހަމައެކަނި ޗުއްޓީ ދަތުރުފަތުރު ކުރާ ގައުމެއްގެ ގޮތުގައެއް ނޫން، މުސްތަގުބަލުގައި ގްލޯބަލް ކޮންފަރެންސް ތަކާއި، ވިޔަފާރި ބައްދަލުވުންތަކާއި، މައުރުޒުތައް ބާއްވާ ޕްރިމިއާ މަންޒިލެއްގެ ގޮތުގައިވެސް ރާއްޖެ ފާހަގަ ކުރެވެން ބޭނުން،" ޝިއުނާ ވިދާޅުވިއެވެ.
އައިއެމްޓީއެމް ފެއާ އަކީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ އެކޮމަޑޭޝަން ޕްރޮވައިޑަރުންނާއި ޓްރެވަލް އޮޕަރޭޓަރުންގެ އިތުރުން އެޖެންޓުން ބޭރުގެ މާކެޓު ތަކާއި ގުޅުވާލަދޭ ފެއާއެކެވެ.
މިއަދާއި މާދަމާ ބާއްވާ މި ފެއާ ކުރިއަށް ދާނީ މަންހަޓަން ބިޒުނަސް ހޮޓެލްގައެވެ.