08 Oct 2023, 12:09
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމާ މެދު، ބ. ކުޑަރިކިލު، އަޙްމަދު އަބޫބަކުރު، 58، ހިތްހަމައެއް ނުޖެހެއެވެ. ކޮންސްޓްރަކްޝަންސް މަސައްކަތާއި އަމިއްލަ ވިޔަފާރިތައް ކުރާ އަޙްމަދުގެ ކަންބޮޑުވުމަކީ ވިޔަފާރިތައް ހީނަރުވުމާއި ބައެއް ރަށްތަކަށް ސަރުކާރުން ކުރަމުން ގެންދިޔަ ބޮޑު ހޭދައެވެ. އޭގެ ސަބަބުން ދަރަނި އިންތިހާއަށް ބޮޑުވަމުން ދާތީ އެއީ އިސްރާފެއް ކަމަށް އަޙްމަދަށް ގަބޫލު ކުރެވުނެވެ. ހަމައެހެންމެ ރާއްޖޭހެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށް ފެނުނެވެ. ރައީސް ޞާލިޙް ވެރިކަމަށް ގެންނަން 2018 ވަނަ އަހަރު މަސައްކަތް ކުރި އަޙްމަދު ބޭނުންވީ އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.
މިހާރުގެ ސަރުކާރު ރިޔާސީ އިންތިޚާބުން ބަލިކުރުމަށް އޭނާއަށް ކުރެވޭނީ ކޮންކަމެއްތޯ ވިސްނިއިރު އެންމެ ރަނގަޅު ހިޔާލެއް ކަމަށް ގަބޫލު ކުރެވުނީ ސޯޝަލް މީޑިއާގައި އެ މަސައްކަތް ކުރުމެވެ.

އަޙްމަދާއި އޭނާގެ ދަރިފުޅު ހިންގާ މުއިއްޒުގެ ކެމްޕެއިން ޕޭޖް-
ރައީސް ޞާލިޙުގެ ވެރިކަން ބަދަލު ކުރެވޭނީ އިދިކޮޅު ޕީޕީއެމްއިން ރަނގަޅު ކެންޑިޑޭޓެއް ނެރެގެންކަން އަޙްމަދަށް ޔަގީންވިއެވެ. އެއާ އެކު އޭނާ ވިސްނީ ޕީޕީއެމުން ނެރެވޭނީ ކާކުތޯއެވެ. އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ގިނަ ބަޔަކާ އެކަމުގެ މަޝްވަރާ ކުރެއްވިއެވެ. އެ މަޝްވަރާތަކުގެ އަލީގައި އަޙްމަދަށް ވިސްނުނީ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޑރ. މުޙައްމަދު މުއިއްޒު ކަމެވެ. މުއިއްޒަކީ މިހާތަނަށް ވެސް އަޙްމަދާ ބައްދަލުވެފައިވާ އަދި ވާހަކަ ދެކެވިފައިވާ ބޭފުޅެއް ވެސް ނޫނެވެ. ނަމަވެސް ގައުމަށް އެންމެ ރަނގަޅު ޗޮއިސްއަކީ މުއިއްޒު ކަމަށް އަޙްމަދަށް ފެނުމުން އަމިއްލައަށް ކެމްޕެއިން ފެއްޓެވީއެވެ.
"މުއިއްޒު ގާބިލު ބޭފުޅަކަށް ވަނީ ތައުލީމީ ގޮތުންނާއި އެ ބޭފުޅާ ހަތް ވަރަކަށް އަހަރު މިނިސްޓަރުކަން ކުރެއްވިއިރު އެ ބޭފޫޅާ ހިންގެވި ދާއިރާއިން ވެސް. އިންފްރާންސްޓްރަކްޗާ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކުގައި ފުދޭ ވަރެއް ރަނގަޅު ކާމިޔާބީތަކެއް ހޯއްދަވާފައި ވެސް ހުރީމައި ހުރިހާ ގޮތަކުން ބަލާއިރު ވެސް ފުދޭވަރަކަށް ރަނގަޅު ބޭފުޅެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ،" މުއިއްޒު ކަމުދިޔަ ގޮތް އަޙްމަދު ކިޔައިދެއްވިއެވެ.
"އެ ސަބަބުތަކާ ހުރެ މުއިއްޒު ކަމަށް އަޅުގަނޑުމެންނަށް ފެނުނީ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޕީޕީއެމްގެ ތެރޭގައި ހުރީ."
އެކަން އަޙްމަދަށް ޔަގީންވުމާ އެކު މުއިއްޒުގެ ކެމްޕެއިން އަޙްމަދު ފެއްޓެވީ އޭނާގެ ދަރިފުޅު މުޙައްމަދު އިންތިޝާލް އަޙްމަދުގެ އެހީތެރިކަމާ އެކުއެވެ. ދަރިފުޅަކީ ވެބްސައިޓް ހެދުމާއި ޑިޒައިން ކުރުންފަދަ އައިޓީ މަސައްކަތްތައް ކުރާ ޒުވާނެކެވެ. އަޙްމަދާއި އޭނާގެ ދަރިފުޅު މުއިއްޒުގެ ކެމްޕެއިން ޕޭޖު ފެއްޓެވީ އޮގަސްޓް ދެވަނަ ދުވަހުއެވެ. އެހާތަނަށް މުއިއްޒުގެ އެއްވެސް ޕޭޖެއް ނުހިންގައެވެ. އަދި، ރައީސްކަމަށް ޝައުގުވެރިވާކަން މުއިއްޒު ރަސްމީކޮށް ހާމަކޮށްފައެއް ވެސް ނުވެއެވެ.
އެ ދުވަހުން ފެށިގެން އަޙްމަދާއި އޭނާގެ ދަރިފުޅު ގެންދިޔައީ މުއިއްޒު ރައީސްކަމަށް ގެންނަން ޖެހޭ ސަބަބުތައް ފޭސްބުކުގައި ހިއްސާކުރަމުންނެވެ. ދުވަހަކަށް ވުރެން ދުވަހެއް ޕޭޖަށް ލިބެމުން ދިޔަ ތަރުހީބު ބޮޑުވަމުން ގޮސް މިހާރު އެއީ 9،000 ވުރެން ގިނަ މީހުން ލައިކް ކޮށްފައިވާ ޕޭޖެކެވެ.
"މީޑިއާގެ ކުދިން މެދުވެރިކޮށް އަގުދީގެންނާ އެކު އަޅުގަނޑުމެން ބައެއް އެއްޗެހި ހޯދީ. ފަހުން މުއިއްޒު ދަތުރުތައް ކުރެއްވިއިރު ކެމްޕެއިން ޓީމު އަތުން އެއްޗެހި ހޯދާފައި އެޅީ،" އަޙްމަދު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ސަން ފޮޓޯ/ މާހިލް
ޕޭޖް ހިންގަމުން ދަނިކޮށް މުއިއްޒު ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯއްދެވުމަށް ނިންމައި އެކަން އިއުލާން ކުރެއްވިއެވެ. އެއީ، އަޙްމަދު މެނަށް ލިބުނު ބޮޑު އުފަލެކެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ޕީޕީއެމް/ޕީއެންސީގެ ތެރޭގައި އުފެދުނު ކޯޅުންތަކާ އެކު އަޙްމަދުމެން ވެސް ކަރުއެލުނެވެ.
"އަޅުގަނޑުމެން ވަރަށް ހިތްދަތިވި ޕީއެންސީއަށް މުއިއްޒު ކުއްލިގޮތަކަށް ބަދަލު ކުރުމާ އެކަހަލަ ކަންތައްތަކެއް ހިނގައި ދިޔައީމަ. އަޅުގަނޑު ވިސްނީ މި ފަހަރު ހަމަދެން މުއިއްޒު ނައުން ގާތޭ،" އަޙްމަދު ކަޔައިދިނެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓެއް ނެރޭނީ ޕީއެންސީން ކަމަށް ނިންމި ދުވަހު މުއިއްޒު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއަށް ފަހު އެ ދުވަހު އެ ޕާޓީގެ ކައުންސިލް މެންބަރުންގެ މެދުގައި ބޭއްވި ސިއްރު ވޯޓް ކާމިޔާބު ކުރެއްވީ މުއިއްޒެވެ.
މުއިއްޒު ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވިއިރު ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތަށް އެދި އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. އެހެންކަމުން ޕީޕީއެމްގެ ޕްލޭން އޭއަކީ ރައީސް ޔާމީން އިންތިޚާބުގައި ވާދަ ކުރެއްވުމެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެއާއެކު ރައީސް ޔާމީން އެދިލެއްވީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. ދެން ޕީޕީއެމްގެ ތެރޭގައި ވާހަކަ ދެކެވުނީ ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރޭ ވާހަކައެވެ.
އެހެންކަމުން މުއިއްޒަށް ފުރުސަތު ނުލިބޭނެ ވާހަކަ އެކި ގޮތްގޮތުން ދެކެވުނެވެ. ނަމަވެސް އެ ސިޔާސީ ކުޅިއަށް މުއިއްޒު ވަރަށް ކުޅަދާނައެވެ. އެންމެ ފަހުން ޓިކެޓް ޔަގީން ކުރައްވައި އިލެކްޝަންސްއަށް ފޯމް ހުށަހެޅުއްވިއެވެ. އެއާއެކު ދެބަސްވެފައިވާ މުޅި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އެއްގަލަކަށް އަރައި މުއިއްޒާ އެކު މަސައްކަތް ފެއްޓެވިއެވެ. މި ގޭމުން މުއިއްޒު ކާމިޔާބު ހޯއްދެވީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.
ހަމައެކަނި ޕޭޖް ހިންގެވުމެއް ނޫނެވެ. އަޙްމަދު ގެންދިޔައީ މުއިއްޒު ރައީސް ކަމަށް ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ ބޮޑު އާއިލާ އާއި ރައްޓެހިންގެ ވޯޓް މުއިއްޒަށް ހޯއްދައި ދިނުމަށް މަސައްކަތް ކުރިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބަކީ އަޙްމަދާއި އޭނާގެ ދަރިފުޅަށް ވެސް ބުރަ ދުވަސްތަކެކެވެ. މުއިއްޒަށް އެނގިނުލައްވައި ފެއްޓެވި ކެމްޕެއިން އެ ދެބަފައިން މެކުހަށް ޖެހިއެވެ. މުއިއްޒު ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.
"މުއިއްޒަށް އަދިއަދަށް ވެސް އެނގިނުލައްވާނެ ކޮން ބައެއް ކަމެއް މިކަން ކުރަނީއެއް ވެސް،" އަޙްމަދު ވިދާޅުވިއެވެ.
ބޮޑު ތަފާތަކުން މުއިއްޒު ރައީސްކަން ހޯއްދަވާފައިވާއިރު އެ ކަމުގައި މި ދެބަފައިންގެ ހިއްސާ ވެސް ބޮޑެވެ. މި ދެބަފައިން ރަސްމީކޮށް ކެމްޕެއިން ފެއްޓެވީ މުއިއްޒަށް ވުރެވެސް ކުރިންނެނެވެ. ގައުމަށްޓަކައި އެ ދެބަފައިން ޖެހި ހިސާބު މި ވަނީ ދިމާވެފައެވެ. އަޙްމަދާއި އޭނާގެ ދަރިފުޅުގެ އުއްމީދަކީ މުއިއްޒާ އެކު ރާއްޖެއަށް ކުރިއެރުންތައް ލިބުމެވެ.