08 Oct 2023, 11:23
އިންޑިއާގެ 75 ވަރަކަށް ސިފައިން ރާއްޖޭގައި ތިބެން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރުހިލައްވާނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ނޫހެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ 'ދަ ހިންދޫ'އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ އިންޑިއާގެ 75 ވަރަކަށް ސިފައިން ރާއްޖޭގައި ތިބެން މުއިއްޒުގެ ސަރުކާރެއްގައި ރުހޭނެ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި ފިރުޒުލް ވިދާޅުވީ، ނަޝީދު އެ މޭރުމުން ވާހަކަފުޅު ދެއްކެވީތީ ހިތާމަ ކުރައްވައި ކަމަށާއި އެއީ އިންތިޚާބީ ރައީސާ މަޝްވަރާ ކުރެވިގެން ދައްކަވާފައިވާ ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި، މި ގައުމުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންގެ އެއްވެސް މީހަކަށް ނުތިބެވޭނެ ކަމަށް މުއިއްޒު އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެލީޒް
"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ސްޓޭންޑަކީ އިންޑިއާ އަދި ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓު ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުރުމަކަށް ދުވަހަކު ވެސް ނުރުހެވޭނޭ. އެއީ ދިވެހި ރައްޔިތުން ނިންމަވާފައިވާ ނިންމެވުން،" ފިރުޒުލް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ނިންމެވުމާ ފުށުއަރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކާ މެދު އަޅުގަނޑުމެން ހިތާމަކުރަން،"
އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އެފަދައިން އަމަލު ނުކުރެއްވުމަށް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ. އުފެދެން އުޅޭ ސަރުކާރުގައި ބައިވެރިވާ ކަމަށް ވިދާޅުވެ، ނަޝީދު ގެންދަވަނީ އެ ސަރުކާރާ ގުޅޭ ގޮތުން އެކިއެކި މޭރުމުން ވާހަކަފުޅުތައް ދައްކަވަމުންނެވެ.
މުއިއްޒުގެ ސަރުކާރުގައި އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވަނީ ހިންދޫ ނޫހަށް ވިދާޅުވެފައެވެ. އަދި، އެ މަނިކުފާނަކީ އިންޑިއާއާ ދެކޮޅު ނުވަތަ ޗައިނާއަށް މާ ބޮޑަށް ބަރޯސާވާނެ ބޭފުޅެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބުމަށް ވުރެ ރަނގަޅު އެހެން ގޮތެއް ނެތް ކަމަށެވެ.
"ޓެރަރިސްޓް ޖަމާއަތްތައް ކޮންމެ ތަނަކުން ވެސް އަތުވެދާނެ. އެތައް ސަތޭކަ ބަޔަކު އައިސް ހަގީގަތުގައި ވެސް ރާއްޖެއަށް ނުރައްކާ ކޮށްފާނެ. އިންޑިއާއާ ދިފާއީ އެއްބާރުލުން ވަރުގަދަ ކުރުމަށް ވުރެ ރަނގަޅު ގޮތެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އެންމެ ބޮޑަށް ދެއްކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވާހަކައެވެ.
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެއީ ހަތިޔާރާ އެކު ތިބި ހަނގުރާމަ މަތީ ސިފައިން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި، އަސްކަރީ އެއްވެސް ކަމެއްގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ނުތިބޭނެ ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރައީސް ޞާލިޙް އެފަދައިން ވިދާޅުވި ނަމަވެސް، އެކިއެކި ޓެކްނިކަލް ކަންކަމުގައި ކަމަށް ބުނެ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އެ މީހުން އަނބުރާ ފޮނުވާލުމަކީ ޕީޕީއެމް/ޕީއެންސީގެ އެންމެ ބޮޑު އެއް ވައުދެވެ. އެ ކޯލިޝަނުން މީގެ ކުރިން ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި އެ ކަމާ ގުޅޭ ބޮޑު ސިޔާސީ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް، ރިޔާސީ ގަރާރަކުން ރައީސް ޞާލިޙް އެކަން މަނާ ކުރެއްވުމާ ގުޅިގެން "އިންޑިއާ އައުޓް" ހަރަކާތް ހުއްޓައިލީއެވެ.